ވިޔަފާރި

ކޮކާކޯލާގެ އުފެއްދުންތައް ގެއަށް ގެނެސްދޭ މޮބައިލް އެޕެއް!

ކޮކާ ކޯލާގެ އުފެއްދުންތައް ހޯދަން އެތަނުގެ ނަމްބަރަށް ގުޅުމުގެ ބޭނުން ކެނޑުނީ އެވެ. ކޮކާކޯލާ އިން މި ވަނީ މި ކަމަށް ހައްލު ގެނެސްދީފަ އެވެ. "ކޯކް ޓު ހޯމް" ގެ ނަމުގައި މިއަދު ތައާރަފުކުރި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް އޯޑަރު ޖަހައިލެވޭނެ އެވެ. އޭރުން ގެއާ ހަމައަށް ކޮންމެ އުފެއްދުމެއްވެސް ގެންގޮސް ދޭނެ އެވެ.

ނޭޝަނަލް އާޓްގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި "ކޯކް ޓު ހޯމް" މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ އިކޮމިކް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު އެވެ.

މި ރަސްމިއްޔާތުގައި އާދަމް ވިދާޅުވީ ކޯކުގެ މި އެޕްލިކޭޝަންގެ ސަބަބުން ހިދުމަތް ލިބުން އަވަސްވުމުގެ އިތުރުން ތިމާވެއްޓަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

"މިއީ ޕްލާސްޓިކް ފުޅި މަދު ކުރުމަށް އެޅޭނެ ފިޔަވަޅެއް،" އާދަމް ވިދާޅުވި އެވެ.

ކޯކުގެ ޖެނެރަލް މެނޭޖަރު ނިލެން ދެރަސާރިއާ ވިދާޅުވީ އެ ކުންފުނީގެ ހިދުމަތްތައް ޓެކްނޮލޮޖީއާ ރަހުމަތްތެރި ކުރުވުމަށް ކުރާ މަސައްކަތުގައި މިއީ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މިހާރު އަންނަ އެންމެ ބޮޑު އެއް ޝަކުވާއެއް ބައެއް ފަހަރު އޯޑަރު ދޭން ގުޅޭއިރަށް ފޯނު ނުނެގުން. ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ކޯލު އަންނައިރު ބައެއް ފަހަރު އަންނަ ހާލަތެއް މިއީ. އެކަމަކު އެކަމަށް މި ގެނެސް ދެނީ ހައްލެއް. މިހާރު ފޯނު މެދުވެރިކޮށް [ކޯކް ޓު ހޯމް] އެޕުން އޯޑަރު ދެވޭނެ،" ނިލެން ވިދާޅުވި އެވެ.

އިންޑިޔާގެ ކުންފުންޏަކުން ފަރުމާކޮށްފައިވާ "ކޯކް ޓުހޯމް" މޮބައިލް އެޕް ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ އެވެ. މި އެޕް މެދުވެރިކޮށް ކޯކުގެ އުފައްދާ ކުންފުނީގެ ފެނަށްވެސް އޯޑަރު ދެވޭނެ އެވެ. ސައުވީސް ގަޑިއިރު ތެރޭގައި އޯޑަރު ދޭ ތަނަކަށް ގެންގޮސްދޭ މި އެޕުން ނަގާ އޯޑަރުތަކަށް ވަގުތުން ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.