ވިޔަފާރި

މޫވްއެންޕިކްގެ އާ ރަހަތަކެއް: މިފަހަރު ކޮފީ އާއި ޖޭމު

  • ތައާރަފު ކުރަނީ މާދަމާ ހޮޓެލް އޭޝިޔާގައި
  • މޫވްއެންޕިކްގެ ގިނަ ބާވަތްތަކެއް ހިމެނޭ
  • އިތުރު ބާވަތްތައް ތައާރަފުކުރަން ތައްޔާރު

އިންޓަނޭޝަނަލް ފްރެންޗައި "މޫވްއެންޕިކް" ގެ ފައިން ފުޑްރޭންޖުގައި ހިމެނޭ ކޮފީ އާއި ޖޭމު މާދަމާ ރާއްޖެ އަށް ތައާރަފުކުރާނެ އެވެ.

ދަރުބާރުގޭގައި މާދަމާ ފަށާ، ހޮޓެލް އޭޝިޔާ ފެއާގައި ރާއްޖެ އަށް ތައާރަފުކުރާ އުފެއްދުމާ ބެހޭ ގޮތުން މޫވްއެންޕިކް މޯލްޑިވްސް ހިންގާ، ވީއެޗް ހޯލްޑިންގްސްގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އަހުމަދު ޔޫމާން ވިދާޅުވީ މި އުފެއްދުމަކީ މޫވްއެންޕިކްގައި ހިމެނޭ ޕްރިމިއަމް ރޭންޖެއް ކަމަށެވެ.

"މޫވްއެންޕިކްގެ ޕްރިމިއަމް ކޮފީއެއް މިއީ. މި ކޮފީއަކީ ހޮޓާތަކަށް ހާއްސަ އެއްޗެއް،" ޔޫމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫވްއެންޕިކްގެ ފައިންފުޑްގެ އިތުރު ބާވަތްތައް ކުރިއަށް އޮތްތަކުގައި ރާއްޖެ އަށް ތައާރަފުކުރާނެ ކަމަށެވެ.

މޫވްއެންޕިކުން ނެރޭ ކޮފީގެ ރޭންޖަކީ ދުނިޔޭގައި ވެސް މަގުބޫލެއް އެއްޗެކެވެ. މި ކޮފީއަކީ 1963 އިން ފެށިގެން މަޝްހޫރު ހޮޓާތަކުގައި ބޭނުންކުރާ މަގުބޫލު ބްރޭންޑެކެވެ. އަދި މޫވްއެންޕިކް ޖޭމްއަކީ ތާޒާ މޭވާގެ ރަހަ ހިމައިގެން އުފައްދާފައި ހުންނަ މީރު އެއްޗެކެވެ.

އައިސް ކްރީމްގެ ގިނަ ރަހަތައް ހިމެނޭ، އިންޓަނޭޝަނަލް ފްރެންޗައިޒް "މޫވްއެންޕިކް" ގެ އައުޓްލެޓެއް ހުޅުވާފައި ވަނީ މިއަހަރުގެ ޖޫން ދެވަނަ ދުވަހު އެވެ. އަބަދަށް ފެހި މަގު ހ. ހިރިޔާ (އެއްގަމުގެ ކުރިމަތީ) ގައި ހުޅުވާފައިވާ މިތަނުން ސުވިޒަލޭންޑުގެ މި ބްރޭންޑުގެ ގިނަ ބާވަތްތަކެއްގެ އައިސް ކްރީމް ލިބެން ހުރެ އެވެ.