ހަބަރު

"ބިލީފް"އިން އިސްނަގައިގެން ކުޅުދުއްފުށި ސާފުކޮށްފި

"ވޯލްޑް ކޯސްޓަލް ކްލީނިން ޑޭ" އިއްޔެ ރާއްޖޭގެ ގިނަ ރަށްރަށުގައި ފާހަގަކޮށް ރަށްތަކުގެ ގޮނޑުދޮށްތައް ސާފުކޮށްފައިވާއިރު މި ހަރަކާތް އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް، ހދ. ކުޅުދުއްފުށީގައި ވެސް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެހެން ރަށްތަކާ ހިލާފަށް ކުޅުދުއްފުށީގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލްގެ އިސް ނެގުމުގެ ބަދަލުގައި ޒުވާނުންތަކެއް އިސްނަގައިގެންނެވެ.

ސާފުކުރުމުގެ ހަރަކާތް ކުޅުދުއްފުށީގައި އިންތިޒާމްކޮށްފައިވަނީ ވަރަށް ޒުވާނުން ޓީމެއް ހިމެނޭ، "ބިލީފް" ގުރޫޕުންނެވެ. ބިލީފްއަކީ 2015 ވަނަ އަހަރު ފަހުކޮޅު ކުޅުދުއްފުށީގެ ތިމާވެށި ހިމާއަތް ކުރުމަށް އުފެއްދި ގުރޫޕެކެވެ. ބިލީފްއިން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޕާލޭ ފޯ ދަ އޯޝަންއާ ގުޅިގެންނެވެ.

އިއްޔެ ކުޅުދުއްފުށީގެ ހިއްކި ސަރަހައްދު ސާފުކޮށްފައިވާއިރު މި ހަރަކާތުގައި ރަށުގެ ދެ ސްކޫލް ކަމަށްވާ އަފީފުއްދީން ސްކޫލާއި އޭއީސީގެ ދަރިވަރުންނާއި ޓީޗަރުންނާއި ދައުލަތުގެ ބައެއް މުއައްސަސާތަކާއި އެމްއެންޑީއެފް އާއި ކުޅުދުއްފުށީ ކައުންސިލާއި އާންމު ރައްޔިތުން ބައިވެރިވެފައިވެ އެވެ.

ހިއްކި ސަރަހައްދުން އިއްޔެ ހަތަރު ޖަންބޯ ބޭގް ފުރައި، ޕްލާސްޓިކް ފުޅި ހޮވާފައިވެ އެވެ. އަދި އެއް ލޮރީގެ އިތުރު ކުނި ނަގާފައިވެ އެވެ. ބިލީފްއިން މައުލޫމާތުދޭ ގޮތުގައި އިއްޔެ ހޮވި ޕްލާސްޓިކް ފުޅިތައް ޕާލޭ ފޯ ދަ އޯޝަންއިން ރީސައިކަލް ކުރާނެ އެވެ.

ބިލީފްގެ މި ހަރަކާތުގެ ސްޕޮންސަރުންނަކީ ދިރާގު، ކުޅުދުއްފުށި ކައުންސިލް، ޗައްޕު އަދި ބީ12 އެމްވީ އެވެ.

ބިލީފް އުފެއްދުމާއެކު ކުޅުދުއްފުށީގެ ތިމާވެށި ހިމާއަތްކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ވެސް ބިލީފްއިން ވަނީ ކުޅުދުއްފުށި ސާފުކުރުމުގެ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.