ހަބަރު

އަނެއްކާވެސް ގިނަ ވަކީލުންތަކެއްގެ ޕެޓިޝަނެއް ސުޕްރީމް ކޯޓަށް

ޝަރުއީ ދާއިރާގައި ހުރި ގިނަ މައްސަލަތައް ފާހަގަކޮށް، އެކަންތައްތައް އިސްލާހުކުރުމަށް ގޮވާލާ ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި 56 ވަކީލުން ސަސްޕެންޑް ކޮށްފައިވަނިކޮށް އެ ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައި އިތުރު 35 ވަކީލަކު ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަންގައި ސޮއިކުރެއްވި ވަކީލުންގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންއާއި، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމަރަލްޑާ ޒާހިރުއާއި، ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގެ ނާއިބު ރައީސް ޝާހީން ހަމީދުއާއި، ކުރީގެ ޑެޕިއުޓީ އެޓަރނީޖެނެރަލް އަހުމަދު މުޙައްމަދުއާއި، މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދުއާއި، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއީލްއާއި، ރައްޔިތުންގެ މަޖިލީގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމްއާއި، ކުރީގެ މެޖިސްޓްރޭޓުންނާއި، ގާޒީންގެ އިތުރުން ޝަރުއީ ކޯޓުތަކުގައި ވަކާލާތުކުރައްވާ ސީނިއާ ވަކީލުން ހިމެނިވަޑައިގަންނަވައެވެ.

ތިރީސް ފަސް ވަކީލުން ހުށަހެޅި ޕެޓިޝަނުގައި ގާނޫނީ ވަކީލުން ސަސްޕެންޑްކޮށްފައިވަނީ އެމައްސަލައާ ގުޅޭ ތަހުގީގެއްއް ހިންގުމެއް ނެތިކަން ފާހަގަކޮށްފަ އެވެ. އަދި ޝަރުއީ އަދި ގާނޫނީ އުސޫލަކީވެސް އެއްވެސް ފަރާތަކާމެދު ފިޔަވަޅު އަޅާނަމަ ތުހުމަތުކުރެވޭ މައްސަލައެއް ތަހްގީގުކޮށްގެން މެނުވީ ފިޔަވަޅު ނޭޅުން ކަމަށް ޕެޓިޝަންގައިވެ އެވެ.

އެހެންކަމުން އެ ސަބަބުގެ މައްޗަށް ބިނާކުރައްވައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ކުރިއަށް ގެންދަވާ ތަހްގީގެއްއް ނިމެންދެން 56 ވަކީލުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދެއްވުމަށް އެ ޕެޓިޝަންގައި އިލްތިމާސްކުރައްވާފައި ވެއެވެ. އަދި އެއީ އެ 56 ވަކީލުން ތަމްސީލުކުރާ މުވައްކިލުންގެ މަސްލަހަތުގައިވެސް މުހިންމުކަމެއް ކަމަށާއި، އެ ވަކީލުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ވާނަމަ އެ މައްސަލައެއްގެ ތަހުގީގު ވީހާވެސް އަވަސްކޮށްދެއްވުމަށްވެސް އެ ޕެޓިޝަންގައި ގޮވާލާފައިވެއެވެ.

ގާނޫނީ ވަކީލުން ސަސްޕެންޑްކުރިތާ ހަފްތާއެއްވީއިރު އެ މައްސަލައަށް ހައްލެއް ނުލިބި އަދި އެ ސަސްޕެންޝަންއާ ގުޅިގެން ވަކީލުންނަށް އެއްވެސް އެއްޗެއް އަންގާފައިނުވާތީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ހުއްޓި އާންމު ރައްޔިތުންނަށް އިންސާފު ހޯދުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަންވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.