ހަބަރު

ގާނޫނު އޮތީ ފާރިސްއާއެކު، އެކަމަކު އިންސާފެއް ނުލިބޭ: މައުމޫން

ގާނޫނު އާސާސީ އާއި ގާނޫނުތަކުން ބަޔާން ކުރާ ގޮތުގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިހާރު ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށާއި ގާނޫނުތަކުން އެކަން ކަށަވަރުކޮށްދޭ ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ. އެހެންނަމަވެސް ފާރިސްއަށް އިންސާފު ލިބުން ލަސްވެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

ހ. ތެމާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ހަމީދު ވިދާޅުވީ، ކޯޓުތަކާމެދު އިތުބާރާއި އުއްމީދު ގެއްލެނީ އިންސާފުން ލިބުން ލަސްވާތީ ކަމަށާއި ފާރިސްގެ މައްސަލާގައި ކަންކަން ވަރަށް ސާފުކޮށް ހުރިއިރު ވެސް އޭނާއަށް އިންސާފު ލިބުން ލަސްވެފައިވާ ކަމަށެވެ.

މައުމޫން ހަމީދު މިކަން ފާހަގަކުރެއްވީ، ކޯޓުތަކަށް ފާރިސްގެ ފަރާތުން ހުށަހަޅުއްވާފައިވާ ޝަކުވާތަކާމެދު ފިޔަވަޅު ނާޅާ ގިނަ ދުވަސްތަކެއްވަމުންދާތީ އެވެ. އެގޮތުން ފާރިސް ހައްޔަރުކޮށް ބަންދުކުރި މައްސަލާގެ އިސްތިއުނާފު މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުން ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލައާމެދު ސުޕްރީމް ކޯޓުން ގޮތެއް އަދި ނިންމާފައެއް ނުވެ އެވެ. މައުމޫން ހަމީދު ވިދާޅުވީ، ފަނޑިޔާރަކު މައްސަލައަކުން ތަނާޒަލްވާ ހާލަތެއް ނެތްއިރު ފަނޑިޔާރުންގެ ބެންޗަށް އިސް ފަނޑިޔާރު ބަދަލު ގެންނެވުމަކީ ސުޕްރީމް ކޯޓުން މީގެކުރިން ނިންމަވާފައިވާ ނިންމުންތަކާ ހިލާފު ކަމެއް ކަމަށެވެ. ފާރިސް މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ކުރިން ބެލެހެއްޓެވީ ފަނޑިޔާރު އަލީ ސަމީރެވެ. ނަމަވެސް މިހާރު މައްސަލާގެ ރިޔާސަތަށް ފަނޑިޔާރު ސުޖާއު އުސްމާނު ވަނީ ހަމަޖައްސަވާފަ އެވެ.

އޭގެއިތުރުން ފާރިސްއަށް ކުރާ ރިޝްވަތު ދިނުމަކީ ޖިނާއީ ބޮޑު ކުށެއް ނޫންކަން ހައިކޯޓުން މި މަހުގެ 23 ވަނަ ދުވަހު ކުރި ހުކުމެއްގައި ކަނޑައަޅާފައިވާކަން މައުމޫން ފާހަގަކުރެއްވި އެވެ. އެ މައްސަލައަކީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓް އަހުމަދު ޝާފިއު ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ކަނޑައަޅައި ހައިކޯޓުން ކުރި ހުކުމެވެ. ހައިކޯޓުގެ އެ ހުކުގައި މީހެއްގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ކުޑަ ކުށެއްގައި ކަމަށްވާނަމަ އޭނާ 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާރު ފާރިސް ބަންދުގައި ހުންނަވާތާ ވަނީ 64 ދުވަސްވެފަ އެވެ. މައުމޫން ހަމީދު ވިދާޅުވީ، ހައިކޯޓުގެ އެ ހުކުމަށް ކުރިމިނަލް ކޯޓުން ތަބާވާންޖެހޭނެ ކަމަށެވެ. އެ ހުކުމަށް ބަލާނަމަ މިހާރު ފާރިސް ހުންނަވަންޖެހޭނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.

މަތީ ކޯޓުތަކުން މައްސަލަތަކުގައި ވަކި ގޮތެއް ނިންމާފައިވަނިކޮށް އެ ނިންމުންތަކާ ހިލާފަށް ދަށު ކޯޓުތަކުން ގޮތް ނިންމުން ވެސް މަތީ ކޯޓުތަކުން ފިޔަވަޅު ނޭޅުމުން ނުވަތަ ފިޔަވަޅު އެޅުމުގައި ލަސްކުރުމުން ލިބިގެން ދަނީ ނުބައި މެސެޖެއް ކަމަށާއި މަތީ ކޯޓުތަކުގެ ނިންމުންތަކާ ދަށު ކޯޓުތަކުން ހިލާފުވާނަމަ އެކަންކަން އަވަހަށް ހުއްޓުވައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ކުރިމިނަލް ކޯޓުން ވެސް ގާނޫނާ ހިލާފޭ، އިޖުރާއަތުތަކާ ހިލާފަށް އެބަ އަމަލުކުރައްވައޭ، ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް އެބަ އަމަލު ކުރައްވައޭ ގާނޫނުތަކާއި އިޖުރާއުތަކާ ހިލާފަށް، އެހެންނަމަވެސް އެކަންކަން ކަމާބެހޭ ފަރާތްތަކުން ހާއްސަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް އަޅުގަނޑުމެން ގަނައީމަ އެއްވެސް ފިޔަވަޅެއް ނޭޅުއްވީމަ މި ލިބޭ މެސެޖަކީ ހައިކޯޓުން ވެސް އެ ކަން ކުރައްވަނީ ގޯސްކޮށް ކަމަށް ނުބެލެވެެއޭ، ހަމަ ކުރިމިނަލް ކޯޓުން ވެސް، މި ދަންނަވަނީ ހައިކޯޓުން ކުރިމިނަލް ކޯޓާމެދު ފިޔަވަޅެއް ނޭޅުއްވައި ސުޕްރީމް ކޯޓުން ހައިކޯޓާމެދު ފިޔަވަޅެއް ނޭޅުއްވައި މިހާ ގިނަ ދުވަސްވާއިރު މި ލިބޭ މެެސެޖަކީ އެއީ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅާފައިވަނިކޮށް އެއާ ހިލާފަށް އެއްވެސް ފަރާތަކަށް އަމަލެއް ނުކުރެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ މެންޑާމަސް އަމުރެއްގައި މައްސަލަ ބައްލަވާނެ ފަނޑިޔާރުންގެ ބެންޗް ގާނޫނީ ގޮތުން ކަނޑައަޅާފައިވަނިކޮށް ބެންޗުގައި ހިމެނޭ ފަނޑިޔާރަކު އެ މައްސަލައެއް ބެއްލެވުމަށް ޑިސްކޮލިފައިވާ ގާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތް ކަމާށާއި ބެންޗުގައި ހިމެނޭ ފަނޑިޔާރަކު އެންގުމަކާ ނުލާ ބަދަލުކޮށް ބެންޗަށް ބަދަލު ގެނައުމަކީ ކޯޓުތަކުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)އާ ހިލާފު ކަމެއް ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ފާރިސްއަށް އިންސާފު ލިބުން ވަނީ ވަރަށް ބޮޑަށް ލަސްވެފައި ކަމަށާއި ނަމަވެސް އުއްމީދު ކުރައްވަނީ ފާރިސްގެ މައްސަލާގައި ހައިކޯޓުން އިއްވާ ހުކުމުގައި އޭނާގެ ބަންދަކީ ގާނޫނާ ހިލާފު ބަންދެއް ކަމަށް ކަނޑައަޅައި، މިނިވަންކޮށްދެއްވާނެ ކަމަށެވެ.

ފާރިސްގެ މައްޗަށް ކުރާ ޝަހުސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ފާރިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެގޮތަށް ނިންމި ގާނޫނީ ސަބަބުތައް ހޯދުމަށް މިހާރު ހައިކޯޓުގައި އެދިފައިވާނެ ކަމަށާއި އެކަން ސާފުވުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

ރިޝްވަތު މައްސަލާގައި ފާރިސްގެ މައްޗަށް ފުރަތަމަ ރިޝްވަތު ހިފުމުގެ ދައުވާ އުފުލުމަށްފަހު ފަހުން އެ ދުއުވާ ރިޝްވަތު ދިނުމުގެ ދައުވާއަށް ޕީޖީއިން ބަދަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގައި ދައުވާ އުފުލަންޖެހޭނެ ކަމަށް ބަޔާންކުރާ މުއްދަތަށްވުރެ 23 ދުވަސް ފަހުން ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންކަމުން މިހާރު ފާރިސްގެ މައްޗަށް އެ މައްސަލާގައި ސައްހަ ދައުވާއެއް ކުރެވިފައި ނެތް ކަމަށާއި ވަގުތުން ދޫކޮށްލަންޖެހޭ ކަމަށް ވިދާޅުވި އެވެ. އެކަމަށް އެދި ކުރިމިނަލް ކޯޓަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުލިބޭކަން ވެސް ފާހަގަކުރެއްވި އެވެ.

ފާރިސްއަށް ރިޝްވަތު ދިނުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް މި މަހުގެ 25 ވަަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި ޝަހުސު އޮޅުވާޅުމުގެ ދައުވާގެ ޝަރީއަތް އަންނަ މަހުގެ އަށްވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވެ އެވެ. ފާރިސް ހައްޔަރުކޮށް ބަންދުކުރި މައްސަލާގައި ހުކުމް އިއްވުމަށް ހައިކޯޓުގައި މި މަހުގެ 28 ވަނަ ދުވަހަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.