އައިޖީއެމްއެޗް

ޒަހަމްތަކުގެ ފާރުގަނޑަށް "ވޫންޑް"ގެ ފަރުވާ!

އެކި ބަލީގެ އެކި ފަރުވާތައް އީޖާދު ކުރަމުން އެބަދެ އެވެ. ރާއްޖޭގައި ވެސް ކަންކަން ދަނީ ކުރިޔަށެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް އައިޖީއެމްއެޗްގައި ބޭސްފަރުވާއަށް ބޭނުންވާ ވަރަށް ގިނަ ހިދުމަތްތައް ދަނީ އިތުރު ވަމުންނެވެ. ކްލިނިކްތައް މެދުވެރިކޮށް ވެސް ބޭސް ވެރި ކަމުގެ އާ ކަންކަން މިވަނީ ރައްޔިތުންނާ ހަމައަށް ގެނެސްދީފަ އެވެ. މިފަހަރު މިއޮތީ މުޅިން އާ ފަރުވާއެއް ފޯރުކޮށް ދެމުންދާ ކްލިނިކެކެވެ. ފާރުގަނޑުތަކުގެ ފަރުވާ އެވެ.

އާންމު ގޮތެއްގައި ހުންނަނީ ދެ ވައްތަރެއްގެ ފާރެވެ. މެޑިކަލް ނަމުން ކިޔާނަމަ އެ ދެ ވައްތަރު ފާރަށް ކިޔާ އުޅެނީ އެކިއުޓް ވޫންޑާއި ކްރޯނިކް ވޫންޑެވެ. އެކިއުޓް ވޫންޑް އަކީ ހަލާކުވެފައި ހުންނަ ފާރުތައް ފަސޭހައިން ގިނަ ދުވަސްތަކެއް ނުވެ ފަރުވާއާއެކު އަވަހަށް ރަނގަޅުވެ އެވެ. ދެވަނަ ވައްތަރަކީ ފަސޭހަ ނުވެ ގިނަ ދުވަސް ވެފައި ހުންނަ ފާރުގަނޑެވެ. މިކަހަލަ ފާރުގަނޑަކީ މަހެއް ނުވަތަ ހަ ހަފްތާ ވަންދެންވެސް ރަނގަޅު ނުވެ ގޯސް ވަމުންދާ ފާރެވެ. އެއީ ކްރޯނިކް ވޫންޑެވެ.

އައިޖީއެމްއެޗްގެ އައުޓް ޕޭޝަންޓް ފަރުވާދޭ ޔުނިޓްގައި ގާއިމް ކޮށްފައިވާ "ވޫންޑް ކްލިނިކް" ގެ ނަމުންވެސް އެތަނުންދޭ ފަރުވާ އެންމެނަށް ދޭހަކޮށްދޭނެ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ވުޖޫދަށްއާ ވުންޑު ކުލިނިކަކީ ހަލާކުވެ ގިނަ ދުވަސް ވެފައި ހުންނަ ފާރުގަނޑުތަކަށް ފުރިހަމަ ފަރުވާދޭ ކްލިނިކެކެވެ. މެލޭޝިއާގެ ކޮލަމްޕޫރް ހޮސްޕިޓަލްގެ އެހީގައި ގާއިމް ކުރީ އެތާނގެ ޑޮނޭޝަންއާއެކު އެވެ.

"ކްރޯނިކް ވޫންޑް ނޫނީ ގިނަ ދުވަސް ވަންދެން ހަލާކު ވެފައި ހުންނަ ފާރުތަކަށް ފަރުވާ ހޯދަން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް އުދަގޫ ކަމެއް، އެހެންވެން އަޅުގަނޑުމެން ވިސްނީ އެމީހުންނަށް ފަސޭހައިން ދެއްކޭނެ ގޮތެއް ހޯދަން، އެގޮތުން ބެލީ ދުނިޔޭގެ އެހެން ތަންތާވެސް އެކަން ކުރާ ގޮތަށް ކުރަން. ސްޓޭންޑަޑަށް އެ ގައިޑްލައިނަށް ބަދަލު ކުރަން، އެންމެ ފުރަތަމަ މެލޭޝިއާގެ ވޫންޑް ކިޔާ ސޮސައިޓީއާ ވާހަކަ ދައްކައިގެން ރާއްޖޭގައި ބޭއްވީ ވޯކްޝޮޕެއް، އޭގެ ފަހުން އަޅުގަނޑުމެން ވިސްނީ އައިޖީއެމްއެޗްގައި ހިދުމަތް ދިނުމުގެ މަސައްކަތް ފަށަން، އެގޮތުން އެސްޓަބްލިޝް ކުރެވުނީ ވޫންޑް ކުލިނިކް،" ވޫންޑް ކްލިނިކް އުފެދިގެންއާ ގޮތް އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ޖެނެރަލް ސާޖަން ޑރ. މުހައްމަދު ވަހީދު ވިދާޅުވެ ދެއްވި އެވެ.

ހަފުތާއަކު ދެ ދުވަހު ހުޅުވާފައި ހުންނަ ވޫންޑް ކްލިނިކަށް ދެއްކުމަކީ ވަރަށް ވެސް ފަސޭހަ ކަމެކެވެ. ގިނަ ދުވަސްވެ ހަލާކުވެފައިވާ ފާރަށް ފަރުވާ ހޯދަން ބޭނުން ނަމަ އޮޕަރޭޝަން ޑޮކްޓަރަކަށް ދެއްކުމުން އެކަން ވެދާނެ އެވެ. އެ ޑޮކްޓަރުގެ އެޕްރޫވް ލިބިއްޖެ ނަމަ ސާޖަރީ ކައުންޓަރުން އެޕްއިންޓްމަންޓް ލިބިގެންދާނެ އެވެ. އެޕޮއިންޓްމަންޓް ލިބުމާއެކު ވޫންޑް ކްލިނިކުން ހިދުމަތް އެފަރާތަކަށް ފަސޭހަ ކަމާއެކު ލިބިގެންދާނެ އެވެ.

އާސަންދާގެ އެހީއާއެކު އެތަނުން ހިލޭ ބޭސް އެޅުމުގެ ހުރިހާ ހިދުމަތެއް ލިބެ އެވެ. ޕޭޝަންޓުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގައި ރަޖިސްޓާވާ ވަގުތުން ފެށިގެން ކިއުގައި ނަމްބަރު ހޯދަން ނުޖެހޭ ގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ދޫކުރެ އެވެ. މި ކްލިނިކް ހުޅުވާފައި ހުންނަނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށެވެ.

"ހަފަތާއަކު ދެދުވަހު ހުޅުވާފައި ހުންނަ ގޮތަށް ފެށީ، އެހާ ގިނަ ޕޭޝިއަންޓްނެއް ނުތިބީ، ނަމަވެސް މިހާރު މަދުމަދުން އިތުރުވަމުން ދަނީ، އެހެންވެ ވިސްނަމުން މިދަނީ ހުޅުވާފައި ހުންނަ ދުވަސް އިތުރު ކުރަން، ކްރޯނިކް ވޫންޑް އަކީ ކޮންމެ ދުވަހަކު ބޭސް އަޅަން ޖެހޭ ވުންޑެއް ނޫން، އާންމު ކޮށް މިހާރު އަޅަން ބޭނުން ކުރާ ބޭހަކީ ފެންވަރު ރަނގަޅު ސްޓޭންޑަޑް ހައި ބޭސް ތަކެއް، ކޮންމެ ދުވަހަކު ނުޖެހޭނެ ބޭސް އަޅާކަށް، ދެދުވަން އެއްދުވަހު ނޫނީ ތިން ދުވަހުން އެއް ދުވަހު، އެހެންވެ ކްލިނިކް ވެސް ހުޅުވާފައި ހުންނަނީ ދެ ދުވަހުން އެއްދުވަހު،" ވަހީދު ވިދާޅުވި އެވެ.

މި ކްލިނިކް ހާއްސަ ވެގެންދާ ކަމަކީ މިފަދަ ދެވަނަ ކްލިނިކެއް ރާއްޖޭގައި ނެތުމުންނެވެ. ދުވަސްވީ ފާރުތަކަށް ހަމަ އެކަނި ފަރުވާ ދިނުމަށް ހުޅުވާފައި ހުންނަ މިކަލަ އެހެން ކުލިނިކެއް އައިޖީއެމްއެޗްގައި ނޫނީ ނެތެވެ.

މި ކްލިނިކްގައި ބޭނުން ކުރާ ބޭހަކީ މީގެ ކުރިން ރާއްޖޭގައި ބޭނުން ކޮށްފައި ނުވާ ބޭހެވެ. ވޫންޑް ކްލިނިކުން އެކި ކަހަލަ ފާރުތަކަށް ބޭނުން ކުރަނީ އެކި ކަހަލަ ބޭހެވެ. އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުން މި ކްލިނިކަށް ބޭސް ގެންނަނީ އެސްޓީއޯ މެދުވެރިކޮށެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ގައުމުތަކުގެ ތެރޭގައި މެލޭޝިއާ ޔޫރަޕް އަދި އިޖިޕްްޓު ހިމެނެ އެވެ. މަދުން ނަމަވެސް އިންޑިއާއިންވެސް މިތަނަށް ބޭސް ގެނެސް ހަދައެވެ.

"ހުޅުވި އިރު ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިލާން ޖެހުނު، އެއްޗެހި ގެނައުމުގެ ދަތިތަކާއި ކުރިމަތިވި، އޭރުގެ މެލޭގެ ކޮލަމްޕޫރް ހޮސްޕިޓަލްގެ އެހީގައި މިތަން ކުރިއަށް ގެންދިޔައީ، އެތަނުގެ ޑޮނޭޝަންއާއެކު އެސްޓަބަލިޝް ކުރެވިގެން ދިޔައީ، ނަމަވެސް މިހާރު އެސްޓީއޯ މެދުވެރިކޮށް އެ ޕްރޮޑަކްޓްތައް އުފައްދާ ކުންފުނިތަކާއި ވާހަކަ ދައްކައިގެން ޑައިރެކްޓްކޮށް ޕްރޮޑަކްޓްްތައް ގެންނަނީ، މިވަގުތު ޕްރޮޑަކްޓްސްތަކުގެ އެއްވެސް ދަތިކަމެއް ނުހުންނާނެ،" ވަހީދު ވިދާޅުވި އެވެ.

ކްލިނިކް އިތުރަށް ކުރިއެރުވުމަށް އައިޖީއެމްއެޗުން ދަނީ ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ކްލިނިކް ގައި މަސައްކަތް ކުރާ ސްޓާފުންގެ އިތުރަށް ބޭހުގެ ކަންކަން އުގަންނައި ދިނުމުގެ ގޮތުން ބައެއް ސްޓާފުން މެލޭޝިޔާގެ ވޫންޑް ސޮސައިޓިއަށް ފޮނުވައިގެން ޓްރެއިނިން ކުރުވި އެވެ.

"އެއްގަޑިއެއްގައި ތިން ކުދިން ތިބޭނީ، ފަރުވާވެސް ދެވޭނެ އެއްފަހަރާ ތިން މީހުނަށް ކްލިނިކްގައި މަސައްކަތް ކުރާ ދެ ކުދިންނަށް ވާނީ ޓްރެއިނިން ދެވިފަ އަދި އައިޖީއެމްއެޗް ގައި މަސައްކަތް ކުރާ ބައެއް ކުދިންނަަށް ވެސް ވާނީ ޓްރެއިނިން ދެވިފައި،" ވަހީދު ވިދާޅުވި އެވެ.

ދުވަސްވީ ފާރުތަކަށް ބޭސް ކުރުން ދަށްކޮށް ދިނުމުގެ ގޮތުން ވޫންޑް ކްލިނިކުން އަންނަނީ ރާއްޖެ ތެރޭގައި ބައެއް ކަހަލަ ވޯކްޝޮޕްތައް ބާއްވަމުންނެވެ.

"ގަސްތު ކުަރަން އަތޮޅުތަކުގެ ތެރެއަށް މި ޕްރޮޑަކްޓަތައް ފޮނުވައިގެން އަތޮޅު ތެރޭގައި މި ހިދުމަތްތައް ފަށަން، މިކަމަކީ ފުދޭ ވަރަކަށް ދުވަސް ނަގާ ކަމެއް، އެހެން ވެގެން އަދިވެސް ނުފެށިގެން މިއުޅެނީ، އެކަމަކު ވަރަށް އަވަހަށް ފެށުމުގެ ވިސްނުން އެބަ ގެންގުޅެން،" ވަހީދު ވިދާޅުވި އެވެ.