ހަބަރު

ރިޔާސަތު ކިތަންމެ އުސް ކުރިޔަސް ހުރަސް އަޅާނަން: އިދިކޮޅު

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިންނަވާ ރިޔާސަތު ކިތަންމެ އުހުގައި ބެހެއްޓި ނަމަވެސް ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ކުރިމަތީ ނޫސްވެރިންނާ ބައްދަލު ކުރައްވާ މަހުލޫފް ވިދާޅުވީ މަޖިލީހުގެ ތެރޭގައި ރިޔާސަތު އުސް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އަންނަ ކަމަށާއި ޗެމްބަރުގައި މަޖިލީހުގެ ލޯގޯއާ ހަމައިގަ މަސީހު އިންނަވާ ގޮތަށް އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މަސީހަށް އިތުބާރު ނެތް އިރު ގަދަ ބާރުން ޖަލްސާތައް ކުރިޔަށް ގެންދަން މަސައްކަތް ކުރުމުން ދާތީ ކަންބޮޑުވާ ކަމަށާއި ނަމަވެސް ދެން ވެސް ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"މިއަދު ވެސް އަދި ރޭ ވެސް އަޅުގަނޑުމެން މަސައްކަތް ކުރިން ޗެމްބަރުގެ ދޮރެއް ހުޅުވައިގެން އެ ކުރާ މަސައްކަތްތައް ފެނޭތޯ، ނަމަވެސް ކޮންމެ ފަހަރަކު ވެސް ސިފައިން ހުރަސް އަޅަނީ، ނަމަވެސް ފައިބަރު ވަހާއި ކެމިކަލް ވަސް މުޅިތަނުގައި ހިފާފައި ހުރި،" މަހުލޫފް ވިދާޅުވި އެވެ. "މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުފެންނަ ވަރުގެ ހަޑި އަމަލެއް، ޑިމޮކްރަސީގެ ރީތި އުސޫލެއް ނޫން"

މަހުލޫފް ވިދާޅުވީ ބިއްލޫރި ކޮށީގެ ބަދަލުގައި ރިޔާސަތު އިންނަވާ ސްޓޭޖް ހަދަނީ މަޖިލިހުގައި ވަޒީރުން ވަޑައިގެން ތިއްބަވާ ހާއްސަ ގޮނޑިތަކާ ހިސާބުން ފެށިގެން ކަމަށާއި 10 ފޫޓު މައްޗައް އެ ސްޓޭޖު ހިއްލާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ބަހެއް ލިބޭފޮތް ވަނީ ނުވެފަ އެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ޖަލްސާތައް ކުރިޔަށް ގެންދަން ފުރުސަތު ދިނުމަށް ޝަތުރުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ފުރަތަމަ ކަމަކަށް މަސީހާއި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މަގާމުން ވަކި ކުރުމާއި ޖަލްސާތަކުގައި ގޮނޑި ގެއްލުވާލި ކަމަށް ކަނޑައަޅާފައިވާ މެންބަރުންނާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް ހިމަނައިގެން ކުރިޔަށް ގެންދެވޭ ގޮތަށް ހެދުން ހިމެނެ އެވެ.

އެގޮތުން އެންމެ ފަހުން ބާއްވަން މަސައްކަތް ކުރި ޖަލްސާތަކުގައި ވެސް އިދިކޮޅު ފަރާތްތަކުން އިހުތިޖާޖުކޮށް އަޑު ގަދަ ކުރާތީ ކުރިޔަށް ގެންދެވޭ ގޮތް ނުވެފަ އެވެ. ނަމަވެސް މަޖިލީސް ކުރިޔަށް ގެންދިޔައީ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ރިޔާސަތު ވަށައިގެން ތިބެ އެވެ.