ހަބަރު

ރާއްޖެގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިގެން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން ތައްޔާރުވަމުން ދަނިކޮށް އެ މީހާ ހައްޔަރުކޮށްފައި ވަނީ މި މަހު 14 ވަނަ ދުވަހުގަ އެވެ. އަދި އެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށްވެ އެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް ރަސްމީ އިދާރާއަކުން ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އެފަދަ ހަމަލާތައް ރާއްޖެއިން ބޭރުގައި ގިނަވަމުން ދާތީ، ސިފައިން އަންނަނީ ހަތިޔާރާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެފަދަ ހަމަލާއެއް ދޭނެ ކަމުގެ ބިރު އޮވެގެން ނުން ކަމަށާއި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރަން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

ދާދި ފަހުން މެލޭޝިއާގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުން ކަމުގެ ތުހުމަަތުގައި ވެސް ދިވެހިންތަކެއް ވަނީ ހައްޔަރުކޮށް، އެ މީހުން ރާއްޖެ ގެނެސްފަ އެވެ. އަދި އެ މީހުން ދޫވެފައި ތިބި ކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ.

ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ އިރު ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު ހެދި ދިރާސާއިން ދައްކާ ގޮތުގައި އައިއެސްއާ ގުޅިގެން މިހާތަނަށް 49 މީހަކު ވަނީ ހަނގުރާމައިގައި ބައިވެރިވުމަށް ފުރާފަ އެވެ. ނަމަވެސް ބޭރުގެ އިންޓެލިޖަންސްއާ ހަވާލަދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އައިއެސްއާ ގުޅިގެން 200 އަށް ވުރެ ގިނަ މީހުން އުޅޭ ކަމަށެވެ.