ހަބަރު

ގާސިމް އެނބުރި ރާއްޖެ ވަޑައިގަތުމަށް އަންގައިފި

ސިންގަޕޫރު ހުރެގެން ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެނބުރި ރާއްޖެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންގައިފި އެވެ.

ކަރެކްޝަންގެ އޮފިސަރަކު "އަވަސް"އަށް ވިދާޅުވީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު ދެ ފަހަރުގެ މަތިން އިތުރުކޮށްފައިވާ ކަމަށާއި އިތުރަށް މުއްދަތު އިތުރު ނުކުރަން އެ ސާވިސް އިން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެނބުރި ރާއްޖެ އައުމަށް ގާސިމްއަށް އަންގާފައިވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ.

ގާސިމް ރާއްޖެ ވަޑައިގަތުމަށް އަންގާފައިވާ އިރު އެ މަނިކްފާނު ވަނީ ވަރަށް ކާމިޔާބު ކަމާއެކު ހިތުގެ އޮޕަރޭޝަަނެއް މި މަހުގެ ތެރޭގައި ނިންމާލާފަ އެވެ. ނަމަވެސް ޑޮކްޓަރުގެ ލިޔުމުގައިވާ ގޮތުން ފަރުވާއަށް އެ މަނިކްފާނު އިތުރު ތިން މަސް އެ ގައުމުގައި މަޑު ކުރަން ޖެހެ އެވެ.

ރިޝްވަތުގެ މައްސަލާގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލު ހުކުމް ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާ ގާސިމް ރާއްޖެ އަނބުރާ އައުމާ ގުޅޭ ގޮތުން މިހާތަނަށް އެ މަނިކްފާނުގެ ވަކީލުން ވަކި ސްޓޭޓްމަންޓެއް ނުނެރެ އެވެ. ނަމަވެސް އެކަމަށް އާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.