ހަބަރު

ހައްޔަރު ކުރީ މާރަމާރީގައި އަމަލީ ގޮތުން ބައިވެރިވި މީހުން: ފުލުހުން

މާލޭގައި ރޭ މާރަމާރީ ހިންގި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ތިން މީހުން ކަމަށާއި އެފަދަ ކުށްތައް މަދު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުުން ބުނެފި އެވެ.

ގްރޫޕް މާރާމާރީތައް މަދުވެފައިވާ އޮންނަތާ ދުވަސްކޮޅަކަށް ފަހުން އަނެއްކާ ވެސް ރޭ މާރާމާރީއެއް ހިންގާ ދެ މީހަކު ޒަހަމްކޮށްލައި އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މިރޭ ނެރުން ބަޔާނުގައި ބުނެފައި ވަނީ އެ މާރަމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ 24 އަހަރާއި 19 އަހަރު އަދި 18 އަހަރު ނުފުރޭ ކުއްޖެއް ކަމަށާއި އޭގެ ތެރެއިން މަރުވީ 19 އަހަރުގެ ޒުވާނާ ކަމަށެވެ. ނަމަވެސް ދެން ތިބި ދެ މީހުންނަށް ވެސް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން މާރަމާރީގައި އާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން މިއަދު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ތިން މީހުންނަކީ ވެސް އަމަލީ ގޮތުން އެކަމުގައި ބައިވެރިވި މީހުން ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުން ތަހުގީތު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާރަމާރީގެ ކުށްތައް މަދު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެފަދަ އަމަލުތައް ހިންފާ ފަރާތްތައް ހޯދާ ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ. އަދި މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ފަދަ އަމަލުތައް ހުއްޓުވުމަށް ފުލުުހުންނަށް ލިބިފައިވާ އެންމެހާ ވަސީލަތްތައް ބޭނުން ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.