ހަބަރު

ރައީސްގެ ނަސޭހަތް: ކިޔަވަމުން ވަޒީފާ އަދާ ކުރޭ!

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވަނީ ދަސްވެނިވެގެން މަތީ ތައުލީމަށް ނިކުންނަ ކުދިންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވައިފަ އެވެ. 1000 ފޮޓޯގްރަފަރުން ދަސްވެނިވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކްފާނު ވިދާޅުވީ ގައުމު ބިނާކޮށް ދިރިއުޅުން އާރާސްތު ކުރުމަށް ކިޔަވަމުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ކިޔެވުމުގެ ދައުރު ނިމުމުން ވެސް އޭރު ދަސްވި ކަންކަން އަލުން އާ ގޮތަކަށް ދަސް ކުރަން ޖެހޭ ކަމަށާއި އަދި ބައެއް ގޯސް އާދަތަށް ރަނގަޅު ވެސް ކުރަން ދަސް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކިޔެވުމުގައި ކުރިޔަށް ދާއިރު ކުރީގެ ވިސްނުމާ ހިލާފަށް، ވަޒީފާ އަދާ ކުރަމުން ކިޔަވަން ދަސް ކުރަން ޖެހޭ ކަމަށާއި ކިޔަވާ ނިންމާފައި ވަޒީފާ އަދާ ކުރުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކިޔަވާ ނިންމުމަށް ފަހު ވަޒީފާ އަދާ ކުރުމަކީ ރާއްޖޭގެ މިއަދުގެ ހާލަތް އޮތް ގޮތުން އެކަމަކީ އެފޯޑު ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ކިޔަވަމުން އަންނަ އެތަށް ހާސް ކުދިންތަކެއް މަތީ ތައުލީމުގައި އެތަށް އަހަރުތަކެއް ހޭދަކޮށްފައި އަންނަންދެއް ބަލަހައްޓައިގެން ނުހުރެވޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ރާއްޖޭގައި ވަޒީފާތަކުގައި ބިދޭސީން އުޅޭ ތަން ބެލުން ފަސޭހައެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ގައުމު ބިނާ ކުރުމުގައި ކިޔަވާ ނިމޭ ހިސާބުން ފެށިގެން ވެސް މަސައްކަތް ފަށަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މަންމައާ ބައްޕައެއްގެ ޝަރަފަކަށް ވާނީ ރަނގަޅު ދިރިއުޅުމެއް ބިނާ ކުރެވޭ ވަރުގެ ގާބިލް ދަރިއަކު ދުނިޔެއަށް ގެނައުން، އަދި އެ ކުއްޖާ ބަލާ ބޮޑުކޮށް އެ ކުއްޖާގެ ފަރާތުން ލޮއިއްބާއި އިހްތިހާމް މުޅި މުޖުތަމައުގެ ފަރާތުން މަންމައަށާއި ބައްޕައަށް ލިބިގެން ދިޔުން، އެހެންވީމަ މައިންބަފައިން އެދޭނީ ކޮންްމެ ދަރިއަކު ވެސް ގައުމު ބިނާ ކުރުމުގައި ކޮންމެ ވެސް ގޮތަކަށް ބައިވެރިވުން، އެހެންވީމަ މިއަދު ގަބޫލު ކުރަން ޖެހޭ ހުރިހާ ކުދިންނަކީ ވެސް ކިޔެވުން ނިންމާފައި އަމަލީ މަސައްކަތަށް ނިކުންނަން ޖެހޭ ކުދިންނެއް ނޫންކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޖަޕާނުގެ ހީރޯޝިމާއަށް ބޮން އެޅިފަހުން އެ ގައުމުގެ އިގްތިސަދު މުޅިން އާރާސްތު ކުރަން ޖެހުނު ކަމަށާއި ނަމަވެސް އެ މީހުން އިސްކަން ދިނީ މަތީ ތައުލީމު ދިނުމުގެ ބަދަލުގައި މަސައްކަތްތައް ދަސްކޮށްދިނުމަށް ކަމަށެވެ. އަދި މިއަދު ފެންނަ ތަރައްގީވެފައިވާ ޖަޕާނަށް ބަދަލުވީ 20 އަކަށް އަހަރު އެގޮތަށް މަސައްކަތްކޮށްގެން ކަމަށާއި އެ މަގުން ރާއްޖެވެސް ދެވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.