ހަބަރު

އިދިކޮޅު 12 މެންބަރުންގެ ޝަރީއަތް މާދަމާ ފަށަނީ

Sep 25, 2017
7

ފުލުހުންނަށް ހުރަސްއަޅައި އެ މީހުންގެ ސަފުތައް ފޫއަޅުވާލި ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ އިދިކޮޅު 12 މެންބަރެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް މާދަމާ ކްރިމިނަލް ކޯޓްގައި ފަށަން ތާވަލްކޮށްފި އެވެ.

ގާނޫނީ ވާޖިބު އަދާކުރަން ހުރި މުވައްޒަފަކަށް ހުރަސް އެޅި ކަމުގެ ދައުވާ ކުރަން ޕީޖީގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ.

އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ހާޒިރުވުމަށް މާދަމާގެ ވަގުތަކަށް މިހާރު ވަނީ މެންބަރުންނަށް ޗިޓްފޮނުވައިފަ އެވެ. އެބޭފުޅުންނަށް ޗިޓް ފޮނުވާފައި ވަނީ މާދަމާ 3:00 އަށް ކޯޓަށް ހާޒިރުވުމަށެވެ. މިއީ މިހާ ގިނަ އަދަދެއްގެ މެންބަރުންނަށް އެއް ފަހަރާ ދައުވާ ކުރާ ފުރަތަމަ ފަހަރެވެ.

ދައުވާ އުފުލާފައިވާ މެންބަރުން

* ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)
* ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
* ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ
* މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް
* ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް
* ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
* ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)
* ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު
* މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
* ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)
* ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
* ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު

އެ މައްސަލައިގެ ލިޔުންތައް އެ މެންބަރުންނާ އޮގަސްޓް 14 ވަނަ ދުވަހު ވަނީ ކޯޓުން ހަވާލުކޮށްފަ އެވެ. އަދި އެ މެންބަރުންގެ ޝަރީއަތް އެއް ޝަރީއަތުގެ މަޖިލީހެއްގައި ކުރިއަށް ގެންދަން ވެސް ވަނީ ކޯޓުން ނިންމައިފަ އެވެ.

މި 12 މެންބަރުންގެ އިތުރުންރައްޔިތުންގެ މަޖިލީހުގައި ސިފައިންނާމެދު މާރާމާރީ ހިންގި ކަމަށް ބުނެ ވެސް ބައެއް މެންބަރުންގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ. އެގޮތުން އެ މައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.