ހަބަރު

ވައި 18 ސްޕޯޓްސް ފެއިސްޓާގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފި

Sep 25, 2017

"ރައީސް ޔާމީން 2018 ސްޕޯޓްސް ފިއެސްޓާ"ގެ ނަމުގައި ޕީޕީއެމުން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތުގައި ބައިވެރިވުމުގެ މުއްދަތު އެ ޕާޓިން އިތުރު ކޮށްފި އެވެ.

ޕީޕީއެމުން ނެރފައިވާ ބާޔާނެއްގައި ބުނެފައިވަނީ، ފެއިސްޓާގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްދޭން ވަރަށް ގިނަ ފަރާތްތަކުން އެދޭތީ، ބައިވެރިވުމުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ 2:00 އާ ހަމަޔަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ފެއިސްޓާގައި ފިރިހެނުންނަށް ހާއްސަ ފުޓްސަލް މުބާރާތަކާއި އަންހެނުންނަށް ވޮލީ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ކުޅިވަރުތަކުގައި ވާދަ ކުރާ ޓީމުތަކުގެ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.

މުޅި ރާއްޖެ 20 ޒޯނަށް ބަހާލައި އަތޮޅު މުބާރާތަކާއި ޒޯން މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ދެ މުބާރާތުން ހޮވޭ ޗެމްޕިއަނުންނަށް މުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ހާމަ ކުރެ އެވެ.

މުބާރާތުގެ ފޯމު، ބޮޑުތަކުރުފާން މަގުގައި ހުންނަ ޕީޕީއެމްގެ އޮފީސް (ހ. ހުރަފަ) އަށް ހުށަހެޅޭނެ އެވެ. އަދީ އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. އީމެއިލް ކުރާނަމަ [email protected] އަށް ފޮނުވޭނެ އެވެ.

ފެއިސްޓާގެ ފައިނަލް ބުރު ކަމުގައިވާ ޗެމްޕިއަނުންގެ ބުރުގެ ޗެމްޕިއަން ޓީމަށް 200000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ. އަދި ރަނަރަޕް ޓީމަށް ދޮޅު ލައްކަ ރުފިޔާ އަދި ފެއާ ޕްލޭ ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމް ދޭން ވަނީ ކަނޑައަޅާފަ އެވެ. އެ ބުރު ކުޅޭނީ މާލޭގަ އެވެ.

އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ އަދި ރަނަރަޕް ޓީމަށް 30،000 ރުފިޔާގެ އިނާމެއް ދޭން ވަނީ ހަމަޖައްސާފައިވާއިރު އެ ބުރުގެ ފެއާ ޕްލޭ ޓީމަށް ދޭން ހަމަޖައްސާފައިވަނީ 20،000 ރުފިޔާ އެވެ. ޒޯން މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، ރަނަރަޕް ޓީމަށް 75،000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް ބައި ލައްކަ ރުފިޔާ ދޭން ވަނީ ހަމަޖައްސާފަ އެވެ.

އަތޮޅު މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް މުބާރާތަށް ތައްޔާރުވާން 15،000 ރުފިޔާ ދޭން ވަނީ ނިންމާފަ އެވެ. އަދި ޒޯން މުބާރާތަށް ދާ ކޮންމެ ޓީމަކަށް 50،000 ރުފިޔާ އަދި ޗެމްޕިއަން މުބާރާތަށް ދާ ކޮންމެ ޓީމަކަށް މުބާރާތަށް ތައްޔާރުވާން އެއް ލައްކަ ރުފިޔާ ދޭން ވަނީ ނިންމާފަ އެވެ. އެ ކުޅިވަރު މުބާރާތްތަކާއި ބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން ހާއްސަ ވެބްސައިޓެއް ލޯންޗު ކުރަން ވަނީ ނިންމާފަ އެވެ. އެ ވެބްސައިޓު މެދުވެރިކޮށް ބައިވެރިވާ ޓީމްތަކަށް މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ހުށަހެޅޭނެ އެވެ. އަދި މުބާރާތުގެ ލައިޕް އަޕްޑޭޓްތަކާއި މުބާރާތައި ބެހޭ ހުރިހާ މައުލޫމާތުތަކެއް އެ ވެބްސައިޓް މެދުވެރިކޮށް ކުރިއަށް ގެންދާނެ އެވެ.

އެ ހަރަކާތަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތައް ހާސިލް ކުރެވިފައިވާ މިންވަރު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.