ހަބަރު

ފެނުގެ ހިދުމަތުން ނަގާ އަގުތައް ހަމަހަމަ ކުރަން ގޮވާލައިފި

އައްޑޫ ސިޓީގައި ދޫކުރާ ފެނުގެ ހިދުމަތުން އަގު ނަގަނީ މާލޭގައި ނަގާ މިންވަރުގެ ތިން ގުނަ އިތުރަށް ކަމަށާއި އެ އަގުތައް އެއްވަރު ކަނޑައެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އަދަމް ގޮވާލައިފި އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ މިއަދުން ފެށިގެން އައްޑޫގައި ދޭ ފެނުގެ ހިދުމަތުން ބިލް ކުރަން ފަށާ ކޮންމެ ފެން ޓަނަކަށް 65ރ. ގެ ރޭޓުން ޗާޖު ކުރަން ނިންމުމާ ގުޅިގެނެވެ. އެކަމާ ގުޅިގެން ރޮޒެއިނާ މިއަދު ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ އައްޑޫ ސިޓީން ނަގަން ފެށީ މާލެއިން ފެނުގެ ހިދުމަތް ދޭ އަގަށް ވުރެ ތިން ގުނަ އިތުރު އަދަދެއް ކަމަށާއި އެ މައްސަލާގައި ފެނަކައަށް ގުޅުމުން އެއީ މާލެ ފިޔަވާ އެހެން ހުރިހާ ރަށަކުން ވެސް ނަގަމުން އަންނަ އަގު ކަމަށް އެ ކުންފުނިން ބުނި ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ހުރިހާ ރައްޔިތުން އެއްމިންގަނޑެއްގައި ޓެކްސް ދައްކަމުން އަންނަ ކަމަށާއި ނަމަވެސް މަލެ ފިޔަވާ އެހެން ރަށްރަށުގެ މުދާ އަގުބޮޑުވުމުން ދައްކަމުން އަންނަ ޖީއެސްޓީގެ އަގުވެސް ބޮޑު ކަމަށެވެ. ނަމަވެސް އަސާސީ ހިދުމަތެއްގެ މާލެއަށް ވުރެ ބޮޑުކޮށް އެހެން ރަށްތަކުން ނެގުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށާއި ގާނޫން އަސާސީގައި ބުނާ ހަމަހަމަ ކަން ގެއްލިގެން ދާ ކަމަށެވެ.

"..ފެނަކައިން ސަރުކާރުން ހުޅުވާ ފަންޑު ފޮށިތަކާއި، މަޖިލީސް މެންބަރުން ބާއްވާ މުބާރާތްތަކަށް ހަދިޔާ ކުރާ ފައިސާ ހުރުމާއި، ސަރުކާރުގެ ކެމްޕެއިން އިވެންޓުތަކަށް ދައްކާނެ ފައިސާ ހުރުމާއި ޑޮލަރު ގަންނަން ހަވާލު ކުރާ ފަރާތްތަކަށް ކޮމިޝަން ދޭން ފައިސާ ހުރުމާއި ފެނަކައިން ހަވާލު ކުރާ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ނުފަށަނީސް ހަވާލު ކުރާ ކުންފުނިތަކަށް 80 ޕަސަންޓު އެޑްވާންސް ދައްކަން ފައިސާ ހުރުމުން އެއީ ފައިދާވާ ފައިސާ ހުރި ކުންފުންޏެއްކަން އެނގޭ،"

އެހެންކަމުން ފެނަކައިން ދޭ ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު، މާލެއާ އެއްވަރަށް އެހެން ރަށްތަކުގައި ވެސް ކުޑަކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ރޮޒެއިނާ ވިދާޅުވެފައިވެ އެވެ.

ފެނަކައިން ނިންމާފައިވާ ގޮތުގައި އައްޑޫ ސިޓީގައި ފުރަތަމަ ބޭންޑުގައި ދުވާލަކަށް 100 ލީޓަރުގެ މަގުން ޓަނަކަށް 65ރ. ގެ ރޭޓުން ޗާޖު ކުރާނެ އެވެ. ތިން ޓަނަށް ވުރެ އިތުރު ވެއްޖެ ނަމަ ދެވަނަ ބޭންޑަށް ގޮސް 75ރ. ގެ ރޭޓުން ޗާޖު ކުރަން ފަށާނެ އެވެ. އަދި ތިން ވަނަ ބޭންޑަކަށް ދާނީ ހަ ޓަނަށް ވުރެ އިތުރަށް ފެން ބޭނުން ކޮށްގެނެވެ. އެހާ ހިސާބުން ޓަނަކަށް 100ރ. ގެ ރޭޓުން ޗާޖު ކުރަން ފަށާނެ އެވެ. އޭގެ އިތުރުން ވިޔަފަރިޔާއި ސަރުކާރު ތަންތަނަށް ބިލް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޓަނަކަށް 100 ރުފިޔާގެ މަގުންނެވެ.