ހަބަރު

"ގއ. ވިލިނގިލީގައި ވެސް އެއާޕޯޓު އަޅާނަން"

Sep 25, 2017
15
  • މިއަހަރު ތިން އެއާޕޯޓެއްގެ މަސައްކަތް ފަށާނެ
  • އަންނަ އަހަރުގެ ފަހުކޮޅު ވީއައިއޭ ތަރައްގީކޮށް ނިމޭނެ
  • ވަޒީފާތައް އެތައް ގޮތަކުން އިތުރުވާނެ

ވެރިކަމުގައި ދެމި ހުރެވިއްޖެ ނަމަ ގއ. ވިލިނގިލީގައި ވެސް އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޫއްޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ފަހު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ވައިގެ ބަނދަރު ހެދުމަކީ މީގެ ކުރިން އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް މިހާރު އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމްވެ އެ މަސައްކަތް ވެސް ވަރަށް ފަސޭހަ ކަމަކަށް ވެފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ތިން އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެއީ ހދ. ކުޅުދުއްފުށީ އެއާޕޯޓާއި ނ. މާފަރު ށ. ފުނަދޫ އެއާޕޯޓް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ވިދާޅުވީ އެ ތިން އެއާޕޯޓުގެ މަސައްކަތް ކުރާނީދައުލަތުގެ ބަޖެޓުންނާއި ބޭރުގެ އެހީގައި ކަމަށެވެ.

ރައީސް ވިދާޅުވީ ވިލިނގިލީގައި ވެސް އެއާޕޯޓު ހެދިދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި ނަމަވެސް އެކަން ކުރެވެން އޮތީ އެ މަނިކުފާނު ވެރިކަން ދެމިއޮވެގެން ކަމަށެވެ.

"ގއ. އަކީ ވަރަށް ހާއްސަ ދާއިރާއެއް، ހާއްސަކޮށް ވިލިނގިލި ދާއިރާއަކީ ވަރަށް ހާއްސަ ދާއިރާއެއް،" ރައީސް ޔާމީން ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ ވިލިނގިލީގައި ވެސް އެއާޕޯޓެއް ހެދި ދާނެ ކަމަށް އުންމީދު އެބަ ދެއްވާ، އެހެން ނަމަވެސް އެއީ ރައީސް ޔާމީން ވަރިކަމުގައި ދެމި ހުރެއްޖެ ކަމަށް ވަންޏާ،"

ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް އަންނަ އަހަރުގެ ފަހުކޮޅު ތަރައްގީކޮށް ނިމޭނެ ކަމަށް އުންމީދު ކުރަައްވާ ކަމަށެވެ. އަދި އޭރުން މުޅިން އާ އެއާޕޯޓަކަށް ބަދަލުވެ އިގްތިސާދަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެއާޕޯޓުތައް ގިނަވުމުން ދަތުރުފަތުރުގެ ނިޒާމަށް ފަސޭހަވުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބަށް ޓޫރިޒަމްގެ ފައިދާ ލިބިގެންދާނެ ކަމަށާއި އޭގެ ސަބަބުން ވަޒީފާތަކާއި ޓޫރިޒަމްއާ ގުޅުން ހުރި ވިޔަފާރިތަށް ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ.

"މީގެ ކުރިން މާލެއާ މާލެ ކައިރި ރަށްތަކަށް އެކަނި އޮންނަ ކަމެއް ޓޫރިޒަމްގެ ސިނާއަތްތަކަކީ، ނަމަވެސް މި އެއާޕޯޓުތައް އެޅުމުން ރާއްޖޭގެ ކޮންމެ ދިމާލަކަށް ދަތުރު ކުރުމާއި ކޮންމެ ދިމާލެއްގައި ވެސް އިންވެސްޓުމަންޓުތައް ހަދާ ދިވެހިންނަށް ވަޒީފާތައް ދެވޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.