ހަބަރު

ވެބް ޑިޒައިނިން ކޯހެއް އެމެރިކަން ސެންޓަރުން ފަށައިފި

ގްރެފިކްސް އާއި ވެބް ޑިޒައިންނިން ދަސްކޮށްދޭ ކޯހެއް މާލޭގައި ހުންނަ އެމެރިކަން ސެންޓަރުގައި މިރޭ ފަށައިފި އެވެ.

މިރޭ ފެށި ކޯހަކީ އަންހެން ކުދިން ބާރުވެރި ކުރުވުމަށް އެމެރިކާ އެމްބަސީން ހިންގާ ގާލްސް އިން ޑިޖިޓަލް އެމްޕަވާމެންޓް (ގައިޑް) ޕްރޮގްރާމްގެ ދަށުން ދިވްޓެކް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކަށް ދިން ހިލޭ އެހީއެއްގެ ދަށުން ހިންގާ ކޯހެކެވެ.

އެމެރިކާ އެމްބަސީން ބުނީ ކޯހުގެ މަގުސަދަކީ އިންފޮމޭޝަން ޓެކްނޮލޮޖީއަށްް އަހުލުވެރި އަދި ކޯޑަރުންގެ ގޮތުގައި މަސައްކަތް ކުރާނެ އަންހެނުންނާއި އަންހެން ކުދިން އުފެއްދުން ކަމަށެވެ. އެމެރިކަން ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކޯސް ފަށްޓަވައި ދެއްވީ ކޮލަމްބޯގައި ހުންނަ ޕަބްލިކް ޑިޕްލޮމަަސީ ސެކްޝަނުގެ ކައުންސެލާ ފޯ ޕްރެސް އެންޑް ކަލްޗަރަލް އެފެއާޒް ޖޭމްސް އެލް ރުސޯ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރުސޯ ވިދާޅުވީ މިއީ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ ކްލާސް ކަމަށް ވިޔަސް މީގެ ފަހުން ކޮންމެ އަހަރަކު ވެސް އެ ޕްރޮގްރާމްގެ ދަށުން ކޯސްތައް ހިންގާނެ ކަމަށެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް ހިންގާ އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދީފައި އަންހެނުންނާއި އަންހެންކުދިން ހިމެނޭ ގޮތުން 27 ފަރާތަކަށެވެ.