ހަބަރު

ފަލަސްތީނަށް ދާއިމީ ސުލްހައެއް ގެންނަން ރާއްޖޭން ގޮވާލައިފި

ފަލަސްތީނު މީހުންނަށް ދާއިމީ ހަމަޖެހުމެއް ލިބިދިނުމަށް ޓަކައި ސުލްހައިގެ ކަން ކަމަށް އިސްކަންދޭން ރާއްޖޭން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފި އެވެ.

ސްވިޒަލޭންޑްގެ ވެރިރަށް ޖެނީވާގައި މިހާރު ކުރިއަށްދާ ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ 36 ވަނަ ސެޝަނުގެ 29 ވަނަ ޖަލްސާފައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ މަންދޫބު ޑރ. ހާލާ ހަމީދު ވިދާޅުވީ ސުލްހަ ގާއިމް ކުރުމަށް ޓަކައި ފަލަސްތީނު މީހުންނަށް ދައުލަތެއް ގާއިމްކޮށްދޭން ޖެހޭ ކަމަށެވެ.

"ފަލަސްތީނު މީހުންނަށް ދާއިމީ ގޮތެއްގައި ސުލްހަ ގާއިމް ކޮށްދިނުމަށް ޓަކައި ސުލްހައިގެ ކަންތަކަށް އިސްކަންދޭން އަޅުގަނޑުމެން ބައިނަލް އަގުވާމީ މުޖުތަމައަށް ގޮވައިލަން،" ޑރ. ހާލާ ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ދާތީ އެކަން ކުށްވެރި ކުރައްވާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ މުދާ މިލްކު ރުމާއި މިނިވަން ކަމާއެކު ހަރަކާތްތެރިވެ އުޅުމާއި ތަރައްގީ ހޯދުމާއި އަމިއްލަ ކަންކަން ނިންމުމުގެ ހައްގު އިޒްރޭލުން ހަނިކުރަމުންދާ ކަމަށެވެ.

އިޒްރޭލާ ދެކޮޅަށް އދ. ގެ ސެކިއުރިޓީ ކައުންސިލުން ގަރާރުތައް ފާސްކޮށްފައި ވިޔަސް ބައިނަލްއަގްވާމީ ގާނޫނުތަކާ އިޒްރޭލުން ހިލާފުވެފައިވާ ކަމުގެ ކިތަންމެ ރިޕޯޓެއް ލިބިފަައި ވިޔަސް ބައިނަލް އަކަން ހުއްޓުވަން ބައިނަލް އަގުވާމީ މުޖުތަމައު ނުކުޅެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.