ލައިފްސްޓައިލް

ކޮންމެ ދުވަހަކު ސާފު ކުރަންޖެހޭ ތަކެތި ހުރޭ!

Sep 26, 2017

ގޭތެރެ ސާފުކުރާ ދުވަހަކީ ބޮޑު އަދި ބުރަ ދުވަހެކެވެ. އެ ދުވަހުގެ ހަތަރުދަން އެކަމަށް ހުސްކޮށްލައި ގޭގެ އެންމެން އެކަމަށް ހުސްވާން ޖެހެ އެވެ. ދުވަހުގެ ބުރަ މަސައްކަތުން މުޅި ގޭތެރެ އޮފް އަރުވާލެވެނީ އެވަރުކޮށްލައިގެނެވެ. އެ ދުވަހަށްފަހު އަނެއްކާވެސް އެފަދަ ދެވަނަ ދުވަހެއް އަންނަންދެން އޮންނަނީ އަޅާ ނުލެވި އެވެ. ކޮންމެ ދުވަހަކު ސާފުކުރަން ޖެހޭ ތަންތަނާއި ތަކެތީގެ ލިސްޓަށް ވެސް މާބޮޑު ސަމާލުކަމެއް ނުދެވެ އެވެ.

ކޮންމެ ދުވަހަކު ކުޑަކޮށް ހިރަފުސް ފޮޅާލާފައި ގޭތެރޭ ކުނި ކަހާލާފައި މުޅި ގޭގައި މޮޕް ޖަހާލީމާ އެ ދުވަހުގެ މަސައްކަތް ނިމުނީ އެވެ. އެ ދުވަހަށް ސާފުކުރަން ޖެހޭ ތަންތަން ސާފުވީ އެވެ. އެއީ ގިނަ މީހުން ދެކޭ ގޮތެވެ. އެކަމަކު އެ ލިސްޓު ވަރަށް ދިގެވެ.

އެންމެ ފުރަތަމަވެސް ބަދިގެއިން ފަށަމާ ހިނގާށެވެ. ދުޅަހެޔޮ ސިއްހަތާއި އެންމެ ބޮޑު ގުޅުމެއް އޮންނަނީ ވެސް ބަދިގޭގަ އެވެ. ބަދިގޭގައި ބޭނުންކުރާ ތެލި، ތަށި، ސަމްސާ މިހެން ގޮސް އާންމުކޮށް ބޭނުންކުރާ އެއްޗެހި ކޮންމެ ދުވަހަކުވެސް ދޮވެ އެވެ. އެހެން ނަމަވެސް ސިންކަށް މާބޮޑު ސަމާލުކަމެއް ނުދެވެ އެވެ. ޖަރަސީމު ފިލުވާލާފައި ރީތިކޮށްލަން ސަމާލުކަމެއް ނުދެވެ އެވެ. އެހެންވީމަ ޑިސްއިންފެކްޓެންޓް ސޮލިއުޝަނަކުން ކޮންމެ ދުވަހަކުވެސް އެންމެ މަދުވެގެން އެއް ފަހަރު ދޮންނަންވާނެ އެވެ. ޑިސްއިންފެކްޓެންޓް ސޮލިއުޝަނެއްގެ ބަދަލުގައި ބޭކިން ސޮޑާ އާއި ލުނބޯ ހުތް ބޭނުންކޮށްގެން ވެސް ދޮވެވި ދާނެ އެވެ. މީރު ވަހެއް ވެސް އޭގައި ހުންނާނެ އެވެ.

އައިސް އަލަމާރި އަކީވެސް މާ އަވަސް އަވަހަށް ސާފު ކުރެވޭ އެއްޗެއް ނޫނެވެ. އައިސް އަލަމާރި ކޮންމެ ދުވަހަކު ސާފު ނުކުރެވޭނަމަ އެއަށްލާ މޭވާ އާއި ތަރުކާރީ އަވަހަށް ހަލާކުވާނެ އެވެ. އެންމެ މަދުވެގެން ކޮންމެ 10 ދުވަހަކުން އައިސް އަލަމާރި ސާފު ކުރަން ވާނެ އެވެ. އެއްކޮށް ހުސް ކުރުމަށް ފަހު އެވެ.

ޓީވީ ރިމޯޓަކީ ވަރަށް މަދުން ނޫނީ ސާފު ނުކުރެވޭ އެއްޗެކެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކުވެސް ސާފު ކުރަން ޖެހޭ އެއްޗެކެެވެ. ވިސްނާލިއަސް އެކަން ދެނެގަނެވޭނެ އެވެ. އެއީ ގޭގައި އުޅޭ އެންމެން ބޭނުންކުރާ އެއްޗެކެވެ. ބޭރުން އައިސް ޓީވީ ރިމޯޓުގައި އަތްލާނެ އެވެ. އަދި ކޮޓަރި ތަޅު ފަދަ ތަންތަނުގައި އަތްލުމަށްފަހު ވެސް ރިމޯޓުގައި އަތްލާނެ އެވެ. އެއީ ގިނަ އަދަދެއްގެ ބެކްޓީރިއާ އާއި ޖަރާސީމް ރިމޯޓުގައި އުފެދޭނެ ސަބަބެކެވެ. އެކަމުގެ ސަބަބުން ބަލިވެސް ވެދާނެ އެވެ. އެންމެ ރަނގަޅު ގޮތަކީ ކޮންމެ ދުވަހަކުވެސް ސެނިޓައިޒިން ވައިޕްއެއް ބޭނުންކޮށްގެން ރިޕޯޓު ސާފުކޮށްލުމެވެ.

ދެން އޮތީ ތުވާލީގެ ވާހަކަ އެވެ. އާންމުކޮށް ގިނަ މީހުން ތުވާލި ބަދަލުކުރަނީ ހަފުތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށެވެ. އެހެން ނަމަވެސް ސިއްހީ މާހިރުން ބުނަނީ ކީކޭކަން އެނގޭ ހެއްޔެވެ؟ ތިން ފަހަރު ބޭނުން ކުރުމަށްފަހު ތުވާލި ދޮންނަން ވާނެ ކަމަށެވެ. އަދި ތުވާލި ފާހަނައިގައި ނުބަހައްޓާ ބޭނުން ކުރުމަށްފަހު ރަނގަޅަށް ތުވާލި ހިއްކަން ވާނެ ކަމަށެވެ. ތަޖުރިބާކާރުން ބުނަނީ އެންމެ ރަނގަޅީ އަވިން ތުވާލި ހިއްކުން ކަމަށެވެ.

އެއްޗެހި ދޮންނަ މެޝިނަކީ ވެސް އަވަސް އަވަހަށް ސާފުކުރަން ޖެހޭނެ އެއްޗެކެވެ. އޯމޯ އަޅައިގެން އެއްޗެހި ދޮންނައިރު އަބަދުވެސް މެޝިން ހުންނާނީ ރީއްޗަށް ނޫން ހެއްޔޭ ހިތަށް އަރާ ނޫން ހެއްޔެވެ؟ އެހެން ނަމަވެސް އޭގެ ބޭރުވެސް ސާފުކުރަންވާނެ އެވެ.

އެނދުގެ ބެޑްޝީޓު އަވަސް އަވަހަށް ބަދަލުކުރެ އެވެ. އެހެން ނަމަވެސް ގޮދަޑިއަކީ އާންމުކޮށް މީހުން ދޮވެ ސާފުކުރާ އެއްޗެއް ނޫނެވެ. މަހަކު އެއް ފަހަރު ގޮދަޑި ސާފުކުރަން އާދަ ކުރާށެވެ. އެންމެ ފަސޭހަ ގޮތަކީ ވެކިއުމް ކުރުމެވެ. ނޫނީ އަވީގައި ވެސް ލެވިދާނެ އެވެ.