ހަބަރު

ބިދޭސީ ސޭޓުން ތިބޭ ގޮޅިތަކާއި ގާޑިޔާތައް ނަގަނީ

Sep 26, 2017
13

މާލެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާ ތަކުގެ ސޭޓުންގެ ގޮތުގައި ބިދޭސީން ތިބޭތީ އެކަން ބަލައި ފިޔަވަޅު އަޅަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގާޑިޔާތަކާއި މާރުކޭޓު ގޮޅިތަކުގައި ބިދޭސީ ސޭޓުން ތިބޭކަން ފާހަގަވެފައިވާ ކަމަށާއި ނަމަވެސް އެއީ ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ދެ ދުވަސް ތެރޭގައި އެކަން އިސްލާހު ކުރަން އަންގާ ކަމަށާއި އެކަން އިސްލާހު ނުކޮށްފި ނަމަ "މާރުކޭޓުތަކުގެ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމާބެހޭ އުސޫލު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މާރުކޭޓުތަކުގެ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމާބެހޭ އުސޫލުގައި ބުނެފައިވާ ގޮތުން ކުއްޔަށް ދޫކުރި ތަނެއް، އިތުރު ފަރާތަކަށް ކުއްޔަށް ދޫކޮށްފިނަމަ، އެފަރާތެއް 5000ރ. އިން ޖޫރިމަނާ ކުރުމަށްފަހު، ކުއްޔަށް ދޫކޮށްފައިވާ ތަން ހައުސިން މިނިސްޓްރީއަށް ނަގަން ޖެހެ އެވެ.

ހައުސިން މިނިސްޓްރީން މި އިއުލާންކޮށްފައިވާ އިރު މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތަކާއި ގިނަ ގާޑިޔާތަކުގައި ސޭޓުންގެ ގޮތުގައި މަސައްކަތް ކުރަނީ ބިދޭސީންނެވެ. އަދި އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވެސް ވަނީ ފިހާރަތަކުގައި ބިދޭސީން ހަރަކާތްތަރިވާ ނަމަ ފިޔަވަޅު އެޅުމަށް ވެސް ނިންމާފަ އެވެ.