ސިއްހަތު

ޝީޝާ އާއި ދިވެހިން: މިވެސް ހިތާއި ހިތުގެ ގުޅުމެއް!

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ތައާރަފްކުރި ގަވާއިދު މި ވަނީ ބޯ ދުންގަނޑެއްގެ ތެރެއަށް ވަދެ ގެއްލިފަ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ކަނޑައެޅި އިމެއް މިހާރަކު ނެތެވެ. ޖެހުނުތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން އަނެއްކާވެސް ކުރީގެ ހާލަތަށް ރުޖޫއަވެއްޖެ އެވެ.

ނަމަވެސް މިއީ އެކަމުގެ ޝަކުވާއެއް ނޫނެވެ. ދުންފަތާ އެކު ބަދަލުވަމުންދާ ދިވެހިންގެ ދިރިއުޅުމުގައި ޝީޝާގެ ދުންހޮޅި އޮޅެމުންދާ ބާރު މިނުގެ ވާހަކަ އެވެ.

ޝީޝާ ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރުމަށް ހާއްސަ ކެފޭތަކުގެ މަގްބޫލުކަން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ބޮޑުވަމުން އަންނައިރު މި ސަގާފަތް މި އޮތީ ދިވެހިންގެ ތެރެއަށް ވެސް ވަދެފަ އެވެ. ޝީޝާގެ ދުންގަނޑަށް ހާއްސަ ކެފޭތަކަކީ މާލޭގައި ވެސް މިއަދު އެންމެ މަގްބޫލު ކެފޭތައްކަން ފާހަގަކޮށްލެވެ އެވެ.

ހާއްސަކޮށް ޒުވާނުންގެ މެދުގަ އެވެ. މިއަދުގެ ޒުވާނުންނަކީ "ދުމެއް އަރުވާނުލެވޭ" ކެފޭ/ރެސްޓޯރެންޓަކަށް ވަންނަން ވެސް ބޭނުންވާ ބައެއް ނޫނެވެ. މިއީ ދުންފަތާއި ދިވެހިންނާ ދެމެދު ފައްކާކޮށްފައިވާ "ޖީން" ގެ ބާރުގަދަ ކަމުގެ މިސާލެކެވެ.

ތަނެއްގައި ނުވަތަ ގެއެއްގައި އުޅޭ ބައެއްގެ ކަންނެތްކަން ސިފަކުރުމަށް ވެސް އޭރުގައި ދިވެހިން ބޭނުންކުރީ ގުޑުގުޑާގެ މިސާލެކެވެ. އޭރު ބުނާނީ މިހެންނެވެ. "މި ގޭގައި ދުންގަނޑެއް އަޅާލާނެ މީހަކު ވެސް ނެތް ދޯ” އެވެ.

މިއީ ވެރިންނާއި އެކުވެރިންނާއި ލޯބިވެރިންގެ މެދުގައި ވެސް މާ ފޮޅުވައި ދިން އެއްޗެކެވެ. ގުޑުގުޑާ ދުންގަނޑަކުން ލޯބިވެރިންނަށް ބަދަލުވެ ޒަވާޖީ ހަޔާތަށް ފުންމާލި އެތައް އެތައް ބަޔަކު މި މާލެއިން މިހާރު ވެސް ނެގިދާނެ އެވެ. އެހެންވީމަ ގުޑުގުޑާ ލޯބިވެރިންގެ އުމުރު ވެސް މާ ދިގެއް ނޫން ހެއްޔެވެ؟

އޭރު ވެސް ދިވެހި މުސްކުޅިވެރިން ބުނަމުން ދިޔައީ ސިގިރޭޓަކީ ގޯސް އެއްޗެއް ކަމަށާއި އެހެން ނަމަވެސް ގުޑުގުޑާ އިން ލިބޭ ގެއްލުމެއް ނެތް ކަމަށެވެ. އެއީ ގުޑުގުޑާ ފުޅީގެ ފެންގަނޑު ތެރެއިން ދުންގަނޑު ދޮވެވިގެން އަންނާތީ ބުނާ ވާހަކަ އެކެވެ.

އެ ވާހަކާގައި މާ ބޮޑު ހަގީގަތެއް ނެތް ނަމަވެސް ގުޑުގުޑާ ފެންގަނޑު ގަސް ގަހަށް އަޅައިގެން އެ ގަސްތައް މޮޅަށް ހެދޭ ވާހަކައިގައި ފޮނިމީރުކަމެއް އެބަހުއްޓެވެ.

ގުޑުގުޑާ އަކީ ދިވެހިންގެ މެދުގައި އަބަދުވެސް މަތިވެރިކަމެއް ދެވިފައި އޮތް އެއްޗެކެވެ. އެންމެ ޝާހީ ބޭފުޅާ އާއި އެންމެ އާދައިގެ މީހާ ވެސް ގުޑުގުޑާ ބޭނުންކުރި އެވެ. އެންމެ އާދައިގެ ދެރަވަރު މީހުން ގުޑުގުޑާ ބޮއެ އުޅުނީ "މާކަނާ ނޮޅި ގުޑުގުޑާ" އިންނެވެ.

ދެބައޮޑުވުމަށް މަޝްހޫރު އަންހެން ބޭކަނބަލުންނާއި ހޮޅުއަށީގައި ނެތިމޮށުމަށް މަޝްހޫރު މީހުންގެ މެދުގައި ގުޑުގުޑާ އަކީ އޭރު ނިކަން މަގްބޫލު އެއްޗެކެވެ. ހަވީރު ފިންޏަށް އަންހެންވެރިން ފުށް ޖަހާލައިގެން އޭރު ނުކުންނާނީ ގްރޫޕް ހަދާލައިގެން ގުޑުގުޑާ ބޯށެވެ.

ދެން މިކަހަލަ ގުޑުގުޑާ ދުންގަނޑެއްގެ ތެރެއަށް ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު ތައާރަފްވެ އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާއާ އެކު ގުޑުގުޑާ އެކަނިވެ އެއިން ލޯބީގެ މާތައް ފޮޅެން ފަށަނީ އެވެ.

މިއީ އޭރު ގުޑުގުޑާ އާއި ދިވެހިންނާ ދެމެދު އޮތް "ލޯބީގެ" ގުޅުން ސިފަވެގެން އައި ގޮތެވެ.

ޝީޝާ އަށް ހާއްސަ ކޮފީ-ޝޮޕްތަކެއް އަޅުގަނޑުމެންނަށް މި މާލެއިން ފެންނަނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ. މިސާލަކަށް ނަގާ ނަމަ ގިނަ ޒުވާނުންތަކެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ "މަލާފަތް" ކެފޭގެ ހަގީގީ މަޝްހޫރުކަން ވެސް ނުކުތީ "ދުންގަނޑެއް" ގެ ތެރެއިންނެވެ.

އެ ތަން ޝީޝާގެ ތަފާތު ރަހަތަކާ އެކު އެނބުރި އައިތާ ގާތްގަނޑަކަށް ދެ އަހަރުވެފައިވާއިރު ޝީޝާ ބޯން އެންމެ ގިނަ ޒުވާނުން ޖަމާވާ މައި ކެފޭއަކީ މިއީކަން ފާހަގަކޮށްލެވެ އެވެ. މިއަދު ގުޑުގުޑާގެ ދުންގަނޑު ފަޅުފިލުވައިދޭ މަގްބޫލު ބުއިމަކީ ކޮންމެވެސް ވައްތަރެއްގެ ކޮފީ އެކެވެ. ދެން ދުފުމަކީ ވެސް އެއާ ނުލައި "ޝީޝާގެ ސެޝަނެއް" މިއަދުގެ ޒުވާނަކަށް ނިންމާލެވޭނެ އެއްޗެއް ނޫނެވެ.

ތަންކޮޅެއް ބޮޑު ޝީޝާއަކުން ދުން ބޯން ބޭނުން ނަމަ 110ރ. އެވެ. އަގުހޮޔޮވެފައި ތިން މީހުންނަށް ހާއްސަ ޕެކޭޖެކެވެ. "އެކްސްޓްރާ-ލާޖު" ޝީޝާ އިން ދުން ބޯން ބޭނުން ނަމަ 210ރ. ހޭދަކުރަންޖެހެ އެވެ. މިހާ ހިސާބުން މި ލިސްޓް ނިމުނީކީއެއް ނޫނެވެ.

މިއަށް ވުރެ އަގުބޮޑުކޮށް ވެސް ޝީޝާގެ ހިދުމަތް ކެފޭތަކުން ލިބެން އެބަހުއްޓެވެ.

އެހެންވީމަ މިހާރު ގުޑުގުޑާ ބުއިން މި ވަނީ ބޮޑު ވިޔަފާރިއަކަށް ބަދަލުވެފަ އެވެ.

މުސްކުޅިން ބުނަނީ ދުންގަނޑު، ފެންގަނޑު ތެރެއިން ދެމިގެން، ދޮވިގެން ސާފުވެގެން އަންނާނީ ގެއްލުމެއް ނުވާ ކަމަށެވެ. ނަމަވެސް މިއަދުގެ ހޯދުންތަކުގެ ފަހަތުގައި ތިބި ތަޖުރިބާކާރުންގެ ވާހަކަ މުޅިން ތަފާތެވެ.

ޝީޝާ އިން ދުންގަނޑެއް ދަމާލާ ކޮންމެ ފަހަރަކު ލީޓަރަކާ އެއްވަރުގެ ދުންގަނޑެއް ހަށިގަނޑަށް ވަދެ އެވެ.

ނަމަވެސް ސިއްހަތު ޖަމިއްޔާގެ މި ތަހުގީގާ ދެކޮޅުހަދާ ތަޖުރިބާކާރުން ވަރަށް ވެސް ގިނަ އެވެ. ސައޫދީގެ ރޯޔަލް ޔުނިވާސިޓީގެ ތަޖުރިބާކާރުން ބުނަނީ ޝީޝާ އަކީ ސިނގިރޭޓަށް ވުރެ 30 ޕަސެންޓް ގެއްލުން ކުޑަ އެއްޗެއް ކަމަށެވެ. އަދި ޝީޝާ ބޯން ހޭދަކުރާ އެއްގަޑިއިރުން 200 ސިނގިރޭޓު ބުއިމުގެ ގެއްލުން ލިބޭ ކަމަށް ބުނުމަކީ ސައިންސާ ދެކޮޅު ހިޔާލެއް ކަމަށެވެ.

މީގެ އިތުރުން އެހެން ވާހަކައެއް ވެސް އެބައޮތެވެ. ސިނގިރޭޓުން 5000 ވައްތަރެއްގެ ކެމިކަލް ފެނިފައިވާއިރު ޝީޝާގެ ދުންގަނޑުން މިހާތަނަށް ހޯދިފައި ވަނީ 142 ވައްތަރެއްގެ ކެމިކަލްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ބައެއް ތަޖުރިބާކާރުން މިހެން ބުނަނީ ޝީޝާގެ ދުންގަނޑު ފެންގަނޑު ތެރެއިން ސާފުކޮށްދޭ ކަމަށް ގަބޫލުކުރާ ކުށް ހީގެ ތެރެއިންނެވެ. ބައެއް ތަޖުރިބާކާރުން ބުނަނީ ދުންގަނޑު އެއްގޮތަކަށް ވެސް ސާފުނުވާ ކަމަށާއި ދުންގަނޑު ބޯލާއިރު ޗާކޯލް އަންދައިގެން އުފައްދާ ނުރައްކާތެރި ކާބަން މޮނޮއޮކްސައިޑް ވެސް ހަށިގަނޑަށް އެތެރެވާ ކަމަށެވެ.

ނަމަވެސް ޝީޝާ އިން ހަށިގަނޑަށް ލިބިދާނެ ލޯންގް-ޓާމް ގެއްލުންތަކުގެ ހަގީގަތެއް މި ދިރާސާތަކަކުން ނޭނގެ އެވެ. ނަމަވެސް ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.