ހަބަރު

ރައުދާގެ މަރާ ބެހޭ ޑޮކިއުމެންޓްރީއެއް ހަދަނީ

ބަންގްލަދޭޝްގެ ރާޖްޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި މަރުވެފައި އޮއްވާ ފެނުނު ރާއްޖޭގެ މޮޑެލް ރައުދާ އާތިފުގެ މަރާ ބެހޭ ޑޮކިއުމެެންޓްރީއެއްގެ މަސައްކަތް "ޗެނަލް ނައިން" އިން ދައްކާ މަގުބޫލު ޝޯއެއް ކަމަށްވާ "60 މިނެޓްސް އޮސްޓްރޭލިއާ" އިން ފަށައިފި އެވެ.

ޑާކާ ޓްރައިބިއުން ނޫހުން ބުނީ 60 މިނެޓްސްގެ ކަރެންޕޮންޑެންޓް ޕީޓާ ސްޓުފަނޮވިޗް އާއި ޕްރޮޑިއުސަރު ލައުރާ ސްޕާކްސް ކެމެރާ ކްރޫ އަކާއެކު ހޯމަ ދުވަހު ރާޖްޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖަށް ޒިޔާރަތް ކުރި ކަމަށެވެ. އަދި ބުނީ ރައުދާ ދިރިއުޅުނު ކޮޓަރިއާއި ކޮލެޖްގެ ބައެއް އެހެން ތަންތަނުގެ ވީޑިއޯ އެމީހުން ނަގާފައިވާ ކަމަށެވެ.

ޑޮކިއުމެންޓްރީއަށް މައުލޫމާތު ހޯދަން އެމީހުން ވަނީ ކޮލެޖްގެ މުވައްޒަފުންނާއި ރައުދާގެ ބައްޕަ މުހައްމަދު އާތިފާ ވެސް ވާހަކަ ދައްކާފައެވެ.

ޑޮކިއުމެންޓްރީ ހަދަން ބޭނުންވި ސަބަބާ ބެހޭ ގޮތުން ޕްރޮޑިއުސަރް ލައުރާ ސްޕާކްސް ނޫހަށް ބުނެފައި ވަނީ ރައުދާއަކީ ބައިނަލް އަގުވާމީ ގޮތުން މަޝްހޫރު މޮޑެލެއް ކަމަށާއި އެހެންވީމާ އޭނާގެ މަރުގެ ތަހުގީގު ގޮސްފައި އޮތް ހިސާބެއް ބަލަން މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުން ބޭނުންވާ ކަމަށެވެ.

ރާޖްޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި ރައުދާ މަރުވެފައި އޮއްވާ ފެނުނީ މިއަހަރުގެ މާޗްމަހުގެ 29 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުގެ އޮޓޯޕްސީ ދެފަހަރަށް ހެދުމަށް ފަހުވެސް ބަންގްލަދޭޝްގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ރައުދާގެ މަރަކީ ގަތުލެއް ކަމަށް ބުނެ އޭނާގެ ބައްޕަ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން އަންނަނީ އެމައްސަލަ އަދިވެސް ތަހުގީގު ކުރަމުންނެވެ.