ހަބަރު

ފްލެޓާ ގުޅިގެން 3000 ޝަކުވާ، 60 އިސްލާހު!

ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ދާދި ފަހުން އިއުލާން ކުރި ފްލެޓުތަކާ ގުޅިގެން 3000 އެއްހާ ޝަކުވާ ލިބިފައިވާ ކަމަށާއި އަދި ލިސްޓަށް 60 އިސްލާހެއް ގެނެސްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މާލެ ކެޓަގަރީ އެކަކާއި ދޭއްގެ ދާއިމީ ލިސްޓު އާންމު ކުރީ، ވަގުތީ ލިސްޓުގައި ހުރި މައްސަލަތަކަށް ރިއާޔަތްކޮށް ބައެއް ބަދަލުތައް ގެނައުމަށް ފަހުގައި ކަމަށާއި އެގޮތުން ކޮންމެ ދެމަފިރިއަކަށް ވެސް އެއް ފްލެޓެއް ލިބޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އޭގެ އިތުރުން ފްލެޓުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 2984 ޝަކުވާ ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ކެޓަގަރީ އެކެއްގެ ވަގުތީ ލިސްޓުން ދެމަފިރިންގެ ބައި އިސްލާހު ކުރުމަށް ފަހު އިތުރު 19 އާއިލާއެއް ދާއިމީ ލިސްޓުގައި ހިމަނާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދ ޝަކުވާގެ ސިޓީތަކަށް ބަލާފައި ވަގުތީ ލިސްޓުގައި ހިމެނުން 16 ފަރާތެއް ބަދަލުގައި އެއަށް ވުރެ ގިނައިން ޕޮއިންޓު ލިބޭ އާ އާއިލާތަކަށް ފްލެޓު ދީފައިވާ ކަމަށާއި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ތެރެއިން އެއް ފްލެޓެއް ލިސްޓުން އިސްލާހުކޮށްފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކެޓަގަރީއަށް 36 އިސްލާހެއް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ކެޓަގަރީ ދެއަކުން ދެމަފިރިންގެ ގޮތުގައި ހިމެނިގެން އާ އަށް އާއިލާއެއް ދާއިމީ ލިސްޓުގައި ހިމެނި އިރު ޝަކުވާތަކަށް ބަލާފައި އަށް އާއިލާއަކާއި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ތެރެއިން ވެސް އަށް އިސްލާހެއް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ދެވަނަ ކެޓަގަރީއަށް ގެނައި 24 އިސްލާހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ސަމާލުކަން ދީގެން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ވަރަށް ރަނގަޅަށް ބެލުމަށް ފަހު މިކަން މި ކުރީ، މި ފަހަރު 704 އާއިލާއަކަށް އަދި މި ދެވުނީ، ދެން މި ފަހަރު ފުރުސަތު ހުޅުވާލި 15،000 އަށް ވުރެ ގިނަ ފަރާތްތަކުގެ ތެރެއިން ބާކީ ތިބި ހުރިހާ އެންމެނަކީ ވެސް ފްލެޓު ހައްގު ފަރާތްތައް، ދެން އޮންނަ ފުރުސަތެއްގައި އެ ފުރުސަތު ލިބޭނެ، އަދި މި ފަހަރު ފޯމް ނުލާ ފަރާތްތަކަށް ވެސް ފުރުސަތު ލިބޭނެ، އެއްވެސް ފަރާތެއް ބާކީ ކުރުމަށް ސަރުކަރުން ނުވިސްނާ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދާއިމީ ލިސްޓުގައި ހިމެނިގެން ފްލެޓު ލިބުނު ފަރާތްތަކާއެކު އެގްރީމަންޓު ހެދުމުގެ ކުރިން އެ އާއިލާތަކުގެ މިހާރުގެ ހާލަތު ހުރި ގޮތް ބަލާނެ ކަމަށެވެ. އަދި ދާއިމީ ލިސްޓުގައި ހުރި ފަރާތްތަކަށް ފްެލެޓު ލިބުނީ ކިހާ ޕޮއިންޓެއް ލިބިގެން ކަމެއް ހާމަ ނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ހަތަރު ރަށެއްގައި ވެސް ފްލެޓު އަޅާ އެ ލިބޭ ފަރާތްތަކުގެ ފޯމު ނަމްބަރުތައް ވަނީ ހާމަކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ ރަށްތަކުން ފްލެޓު ލިިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުވެސް މި ހަފްތާ ތެރޭގައި ނެރޭނެ ކަމަށެވެ. މިނިސްޓްރީން ނިންމާފައި ކޮންމެ ފްލެޓެއްގެ ކުލީގެ ގޮތުގައި 6000 ރުފިޔާ ދިނުމަށެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި 25000 ރުފިޔާ ދައްކަން ޖެހޭ އިރު 25 އަހަރުގެ ތެރޭގައި ދައްކަން ޖެހެ އެވެ.

ފްލެޓު މައްސަލާގައި 3000 އެއްހާ މީހުން ޝަކުވާ ހުށަހަޅާފައިވާ އިރު އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.