ހަބަރު

ކުރިއަށް އޮތް ތިން މަހު އުތުރަށް ގިނައިން ވާރޭ ވެހޭނެ

ކުރިއަށް އޮތް ތިން މަސްދުވަހު ރާއްޖޭގެ އުތުރަށް އެހެން އަހަރުތަކުގެ މި މުއްދަތަށް ވުރެ ތަންކޮޅެއް އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފިއެވެ.

މި ސަރަޙައްދުގެ ގައުމުތަކުންނާއި ކުރިއަރާފައިވާ ގައުތަކުގެ ފަންނީ އެހީތެރިކަމާއެކު މި މަހުގެ 27-25 އަށް ބޭއްވި ސައުތު އޭޝިއަން ސީސަނަލް ކުލައިމެޓް އައުޓްލުކް ފޯރަމް ގެ ބައިވެރިންގެ މެދުގައި މަޝްވަރާކޮށް އެއްބަސްވެވިގެން ތައްޔާރުކުރިސްޓޭޓްމެންޓްގައި ބުނެފައި ވަނީ ރާއްޖޭގެ ދެކުނަށް ވާރޭ ވެހޭނެ ކަަމަށް ލަފާ ކުރެވެނީ އެވްރެޖްކޮށް އެހެން އަހަރުތަކުގައި ވެސް ވެހޭ ވަރަށް ކަމަށެވެ.

މޫސުމާ ބެހޭ މި ސްޓޭޓްެމެންޓް އާއްމު ކުރެއްވީ ހޮޓެލް ޖެންގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރްމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބުދުﷲ މަޖީދެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޖީދު ވިދާޅުވީ ރާއްޖޭގެ އުތުރަކީ އާއްމުކޮށް އެންމެ މަދުން ވާރޭ ވެހޭ ސަރަހައްދު ކަމަށެވެ.

ދިގު މުއްދަތެއްގައި ރާއްޖޭގެ މޫސުމަށް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަ ކުރެވޭތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ކްލައިމެޓޮލޮޖީ ޑރ ޒާހިދު އަބްދުލްހަމީދު ވިދާޅުވީ ރާއްޖޭގެ މޫސުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ނުދައްކާ ކަމަށެވެ.

" ... މުޅި ރާއްޖެއަށް ބަލާ ކަމަށް ވަންޏާ ދާދި އެއްވަރެއްގައި އަހަރުތެރޭގައި ވާރޭ ވެހޭ ކަމަށް މި ފާހަގަ ކުރެވެނީ. އެއީ އެވްރެޖްކޮށް ގާތްގަނޑަކަށް 2000 މިލިމީޓަރުގެ ވާރޭ ރާއްޖެއަށް މި ވެެހެނީ. އެހެން ނަމަވެސް އަހަރުން އަހަރަށް އެބަހުރޭ ތަފާތު ތަކެއް. އެންމެ މަދުން ވެހުނު އަހަރުގައި ރާއްޖެއަށް ވެހިފައި މީނީ 1330 މިލިމީޓަރުގެ ވާރޭ. އެންމެ ގިނައިން ވެހުނު ކަމަށް ފާހަގަ ކުރެވިފައި ވަނީ ގާތްގަނޑަކަށް 3200 މިލިމީޓަރުގެ ވާރޭ، " ޑރ. ޒާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަހަރަކު އެވްރެޖްކޮށް ވާރޭ ވެހޭ މިންވަރު އިތުރު ނުވިޔަސް ވާރޭ ވާރޭ ވެހޭ ޒާތަށް ބަދަލު އައިސްފައިވާ ކަަމަށެވެ. އެގޮތުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނައިން ވާރޭ ވެހުމަކީ މިހާރު ފާހަގަ ކުރެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

" ... އޭގެ މިސާލެއް 2015 ވަނަ އަހަރު އަޑޫގައި ރާއްޖޭގައި މިހައިތަނަށް 24 ގަޑި އިރެއްގެ ތެރޭގައި އެންމެ ގިނައިން ވެހުނު ވާރޭގެ ރެކޯޑް އުފެދުން، އެއީ 228 މިލިމީޓަރުގެ ވާރޭ،" އޭނާ ވިދާޅުވިއެވެ.