ހަބަރު

24 ގަޑި އިރުގެ ކަރަންޓަށް އިންޑިއާގެ ދަނޑުވެރިން ބުނީ ނޫނޭކޭ

އިންޑިއާގައި އެންމެ ފަހުން އުފެއްދި ސްޓޭޓްކަމަށްވާ ތެލަންގާނާގެ ދަނޑުވެރި އަވަށްތަކަށް 24 ގަޑި އިރު ކަރަންޓް ލިބޭ ގޮތް ހަމަޖައްސަން ސަަރުކާރުން އުޅުމުން ދަނޑުވެރިން އެކަމާ ދެކޮޅު ހަދައިފި އެވެ.

އިންޑިއާގެ ސިޔާސީ މީހުން އެންމެ އާއްމުކޮށް ވާ އެއް ވައުދަކީ 24 ގަޑި އިރު ކަރަންޓް ލިބޭނެ ގޮތް ހަމަޖެއްސުމެވެ. ނަމަވެސް ތެލަންގާނާގެ ދަނޑުވެރިން ސަރަހައްދީ ސަރުކާރުގައި އެދެމުން ދަނީ އެމީހުންނަށް ނުވަ ގަޑި އިރަށް ވުރެ އިތުރަށް ކަރަންޓް ނުލިބޭނެ ގޮތް ހެދުމަށެވެ. އެގޮތަށް އެދުމަކީ އާދަޔާ ހިލާފު ކަމަކަަށް ވިޔަސް އެމީހުންގެ މަގުސަދު ރަނގަޅެވެ.

މުޅި ދުވަހު ކަރަންޓް ލިބޭނެ އިންތިޒާމު ހަމަ ނުޖައްސަން ދަނޑުވެރިން އެދެނީ އެގޮތަށް ކަންތައް ވެއްޖެ ނަމަ އޮޓޯއިން ޖެހޭ ޕަމްޕްތައް ބޭނުންކޮށްގެން ވަޅުތަކުން ފެން ނަގާ މިންވަރު އިތުރުވެ، ވަޅުތައް ހިކިދާނެތީ އެވެ.

"މޯޓަރުތަކުން ފެންތައް ނަގައި، ފެންވަޅުތައް ހިކޭނެ، " ބީބީސީ ތެލްގޫއާ ވާހަކަ ދެއްކި ދަނޑުވެރިއެއް ކަމަށްވާ ޔައްރާމް އަންޖި ރެޑީ ބުނެފައި ވެއެވެ.

ދަނޑުވެރިން އެހެން ބުނާ ސަބަބަކީ އެމީހުން ގެންގުޅޭ ފެން ޕަމްޕްތައް ކޮންފިގާ ކޮށްފައި ވަނީ އިރު އިރުކޮޅާ ކެނޑޭ ކަރަންޓުން ފަސޭހައިިން ބޭނުން ހިފޭ ގޮތަށެވެ. އެމީހުން ރާވާފައި ހުރީ ކަރަންޓް ހަމަ ލިބޭ އިރަށް ފެން ނަގަން ފަށާ ގޮތަށެވެ.

ޝަކުވާ އުފުލި ދަނޑުވެރިން ބުނާ ގޮތުގައި އެމީހުން ބަހައްޓާފައި ހުރި ޕަމްޕްތައް އޮޓޯއިން ނުޖެހޭ ގޮތަށް ހެދިޔަސް އެހެން ނުހަދާނެ ބަޔަކު ތިބޭނެ އެވެ. އެހެންވީމާ ފެންވަޅުތައް ހަމަ ހުސްވާނެ އެވެ.

ހަނަފަސްކަމާ ކުރިމަތިވެފައިވާ އެ ސަރަހައްދުގައި ހުރި ފެނުގެ ހަމަ އެކަނި ވަސީލަތަކީ މިހާރު ފެންވަޅުތަކެވެ.

"އަހަރެމެން މުޅިންވެސް މި ބަރޯސާ ކުރަނީ ފެންވަޅުތަކަށް. 24 ގަޑި އިރު ކަރަންޓް ލިބުމަކީ އަހަރެމެންނަށް ނުރައްކަލެއް،" އަންޖިރެޑީ ބީބީސީއަށް ބުނެފައި ވެއެވެ.

ކަރަންޓް ލިބޭ ވަރު މަދުކުރަން ދަނޑުވެރިން އެދޭތީ، ކަރަންޓް ދޭ ވަގުތު ކުޑަ ކުރާނެ ކަމަށް ސަރުކާރުން އަދި ރަސްމީކޮށެއް ނުބުނެ އެވެ. އެކަމަކު އޮފިޝަލަކު ވިދާޅުވެފައި ވަނީ މިހާރުވެސް ކަރަންޓް ލިބޭ ވަގުތު 12 ގަޑިއިރަށް ހަދާފައިވާ ކަމަށެވެ. ނަމަވެސް އެއީ އަދި ދަނޑުވެރިން ހިތްހަމަ ޖެހޭ ވަރެއް ނޫނެވެ.

"އަހަރެމެން އެމީހުން ކުރެން އެދުނީ ނުވަ ގަޑި އިރަށް މަދުކުރަން. އެކަމަކު އެމީހުން މަދުކުރީ 12 ގަޑި އިރަށް،" ބީބީސީ ތެލްގޫއާ ވާހަކަ ދެއްކި، ސަތިޝް ބުފައި ވެއެވެ.