މިއުޒިކް

"އޯލްޑް އިޒް ގޯލްޑް"ގެ ގޮތުގައި ކުރީގެ ލަވަކިޔުންތެރިން އަނބުރާ އަންނަނީ

އަބްދުﷲ ރަމީޒާއި މަހްމޫދާ ޝަކީބާއި ފާތިމަތު ރައޫފާއި އަބްދުއްރައޫފާއި ޝަފީގާ އާއި އަލީ މޫސާ އާއި މުހައްމަދު މަނިކާއި މުހައްމަދު ތައުފީގާއި އަލީ ރައޫފު ފަދަ ތަރިންގެ ލަވަތައް މިއަދުވެސް ފަނޑުވުމެއްނެތި ވިދަ އެވެ.

އެކި ސަބަބުތައް ދިމާވެ އެތައް އަހަރެއް ފަހުން އެ ގްރޫޕް ގެއްލުނެވެ. އޭރުގެ ގިނަ ފަންނާނުން މަސައްކަތް ކުރަމުން ދިޔައީ އެންސީއޭގަ އެވެ. އަހަރުތައް ނިމިގޮސް ގިނަ މެންބަރުން މިހާރު ތިބީ ރިޓަޔާކޮށްފަ އެވެ. ބައެއް ފަންނާނުންގެ ސިއްހަތު އެންމެ ރަނގަޅެއް ނޫނެވެ. ރާއްޖެއިން ބޭރުގައިވެސް ބައެއް ފަންނާނުން އެބަ ދިރިއުޅެ އެވެ. އެހެން ނަމަވެސް މިއުޒިކަށް ޖެހިފައި އޮތް ލޯބި ފިލައިގެން ނުދެ އެވެ.

އެހެން ކަމުން "ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް" އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއާއި، އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) ގުޅިގެން، މިދިޔަ ހަފްތާގެ ހުކުރު ދުވަހު ވަނީ "އޯލްޑް އިޒް ގޯލްޑް"ގެ ނަމުގައި ވަރަށް ހާއްސަ ޝޯ އެއް ބާއްވާފަ އެވެ. އެ ޝޯއަކީ ކުރީގެ ދިވެހި މިއުޒިކް ފަންނާނުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ޝަރަފްގައި ބޭއްވި ޝޯ އެކެވެ. އެ ޝޯ ބަލަން ގިނަ ބަޔަކު ވަނީ ގޮސްފަ އެވެ.

އެ ޝޯގައި ލަވަތައް ހުށަހަޅައި ދީފައިވަނީ، އަބްދުﷲ ރަމީޒް، މަހްމޫދާ ޝަކީބް، ފާތިމަތު ރައޫފް، އަބްދުއްރައުފު، ޝިފާ ތައުފީގު، ހަސަން ޖަލާލް އަދި އަހްމަދު އިބްރާހީމް ހިމެނެއެވެ. މިއުޒިޝަނުންގެ ގޮތުގައި، މޫސާ ރަޝީދު، އަލީ މޫސާ، މުޙައްމަދު މަނިކް، މުހައްމަދު ތައުފީގު، އަލީ ރައުފް، އަލީ ހައްމާދު އަދި އަހްމަދު ރާޝިދު ބައިވެރިވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ޝޯގައި ބައިވެރިވި ފަންނާނުންނަށްވަނީ ހަނދާނީ ލިޔުމެއްވެސް ދީފަ އެވެ. އެރޭގެ ޝޯގައި ހުރިހާ ފަންނާނުންވެސް ބައިވެރިވެފައިވަނީ އެއްވެސް އަގަކާއި ނުލަ އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުވެސް އޯލްޑް އިޒް ގޯލްޑްގެ ހާއްސަ ޝޯއެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އަދި އެ ޝޯތަކަށްފަހު އެންމެ ކުރިން ޝޯ ދިން ގޮތަށް ޝޯތައް ދޭން އެ ފަންނާނުން އަތުކުރި އޮޅާލައިގެން ނުކުންނާނެ އެވެ. އަދި މިދިޔަ ހަފްތާގެ ޝޯގައި ބައިވެރިނުވާ އޭރުގެ އެހެން ލަވަކިޔުންތެރިންވެސް ބައިވެރިވާނެ އެވެ.

ވަޒީފާއިން ރިޓަޔާވެ ގޭގައި ތިބި ނަމަވެސް ލަވަ ކިއުމާއި މިއުޒިކުން ރިޓަޔާވާން މި ފަންނާނުން ބޭނުމެއް ނުވެ އެވެ. އެހެންކަމުން އެ ފަންނާނުން އަނެއްކާވެސް ނުކުންނަން ތައްޔާރުވަނީ އެވެ. ކުރީގެ ދިވެހި ލަވަތަކާއި ހިންދީ ލަވަތައް އަނެއްކާވެސް އެ ފަންނާނުންގެ އަޑުން އިވިގެންދާނެ އެވެ.