މިއުޒިކް

ލޭޑީ ގާގާއާއި ބްރޫނޯ މާސްގެ ލަވައަށް ބޮޑު ތަރުހީބެއް

ލޭޑީ ގާގާއާއި ބްރޫނޯ މާސް އަލަށް ރިލީޒްކުރި ޑުއެޓް ލަވަ "ޑައި ވިތް އަ ސްމައިލް" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މި ލަވަ ރިލީޒް ކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މިއީ މި ދެ ލަވަކިޔުންތެރިން އެއްކޮށް ރިލީޒް ކުރި ފުރަތަމަ ލަވަ އެވެ.

ގިނަ ފޭނުން މި ލަވައަށް ތައުރީފްކޮށްފައިވާއިރު، ތިން ދުވަހުގެ ތެރޭގައި މި ލަވައަށް ވަނީ 3.52 މިލިއަން ސްޓްރީމްސް ލިބިފަ އެވެ.

މީގެއިތުރުން ޓިކްޓޮކާއި، އިންސްޓަގްރާމް، ޔޫޓިއުބްގައިވެސް މިލަވަ ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.

މި ލަވައަށް ލިބުނު މަޝްހޫރުކަމާއި ތަރުހީބަށް ޝުކުރު އަދާކުރަމުން ލޭޑީ ގާގާ ކުރި ޕޯސްޓެއްގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ފޭނުންނަށް މި ލަވަ ކަމުދިއުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި ލަވައިގެ ބަސްތަކުން އަސަރުކުރުވާ ވީޑިއޯތައް ފެނުމަކީ ވަރަށް ހިތްގައިމު މަންޒަރެއް ކަމަށް ބުންޏެވެ.

ބްރޫނޯ އެންމެ ފަހުން ލަވައެއް ރިލީޒް ކޮށްފައިވަނީ 2021 ގައެވެ. އަދި ލޭޑީ ގާގާ އެންމެ ފަހުން ލަަވައެއް ރިލީޒް ކޮށްފައިވަނީ 2022 ގައެވެ.