ހަބަރު

ރޮހިންޖާ މުސްލިމުންނަށް އެހީވާން މިރޭ ކުލަގަދަ ފުޓްބޯޅަ މެޗެއް

Sep 29, 2017

މިޔަންމާގެ އަސްކަރިއްޔާއިން އިސްވެ އޮވެ، އެގައުމުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް، އޭއެފްއޭމުން ބާއްވާ ކުލަގަދަ ފުޓްބޯޅަ މެޗު މިރޭ އޮންނާނެ އެވެ.

ފުޓްބޯޅަ މެޗަކަށް ވުރެ، މިއީ ފުޓްބޯޅައިގެ ތަފާތު ހަރަކާތެކެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނާއި، މަޖިލިސް މެންބަރުންގެ ޓީމާކާއި، ވަޒީރުން ހިމެނޭ ޓީމެއްގެ އިތުރުން، މުނިފޫހި ފިލުވުމުގެ ދާއިރާގެ މީހުން ހިމެނޭ ޓީމެއްވެސް އެބައޮތެވެ.

މި ހަރަކާތް ބަލަން، ގައުމީ ފުޓްބޯޅަ ދަނޑަށް ވަނުން އޮތީ މުޅިން ހިލޭ ހުޅުވާލެވިފަ އެވެ. ނަމަވެސް، ދަނޑަށް ވަދެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ދޭނީ އަގެއް ދައްކައިގެން ނެވެ. މި އަގަކީވެސް ރޮހިންޖާ މުސްލިމުން ނަށް ދެވޭ އެހީ އެކެވެ.

ގައުމީ ޓީމުގެ ކެޕްޓަންކަން، ކުރުމުގެ ޝަރަފު ލިބިފައި ވަނީ މަދު ކުޅުންތެރިން ތަކަކަށެވެ. ނަމަވެސް، ކޮންމެ މީހަކަށްވެސް ވެސް ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅާ ލުމުގެ ފުރުސަތު، މި ހަރަކާތުގައި އެބައޮތެވެ. ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަތުން ކެޕްޓަން ބޭންޑް ގަނެގެން އަޅާ ލަންވީ އެވެ. ކެޕްޓަން ބޭންޑް ގަންނަން ހޭދަ ކުރާ ފައިސާ ވެސް، ދާނީ ރޮހިންޖާ މުސްލިމުންގެ ފަނޑަށެވެ.

ގައުމީ ޓީމުގެ ކުޅުންތެރިޔަކާ އެކު ނުވަތަ، ހަރަކާތުގައި ބައިވެރިވާ އެހެންވެސް ކުޅުންތެރިޔަކާއެކު ސެލްފީ އެއް ނެގުމުގެ ފުރުސަތުވެސް އެބައޮތެވެ. އެފްއޭއެމުން މިހަރަކާތް ރާވާފައިވާ ގޮތުން ކޮންމެ ހާފެއްގެވެސް ފަސް މިނެޓް ހާއްސަ ކޮށްފައިވަނީ ސެލްފީ އަށެވެ.

ދަނޑުގެ އެކި ހިސާބުތަކުގައި، ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހުޅުވާލާފައިވާ ފަނޑު ފޮށިތައްވެސް ހުންނާނެ އެވެ. އަދި ޖޯޒީ ނީލަން ކިޔުންވެސް އޮތީ އެވެ. އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް، އެމީހެއްގެ ފޭވަރިޓް ކުޅުންތެރިޔާ ޖޯޒީ ލިބިގެން ދާނެ އެވެ.