ހަބަރު

މައުލޫމާތު ހާމަކުރުމުގައި ދައުލަތުގެ އިދާރާތައް ފެއިލްވެފައި

ގާނޫނުން ލާޒިމް ކުރާވަރާ ގާތަށް ވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން ރައްޔިތުންނަށް މައުލޫމާތު ހާމަނުކޮށް ފޮރުވަމުން އަންނަ ކަމާއި، އެކަމުގައި ދައުލަތުގެ އިދާރާތައް ފެއިލްވެފައިވާ ކަމަށް، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ދުނިޔޭގެ ފެންވަރުގައި އިއްޔެ ފާހަގަކުރި މައުލޫމާތު ހާމަކުރުމުގެ ދުވަހާ ގުޅުވައިގެން އެ ޖަމްއިއްޔާ އިން އާންމު ކުރި މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުން، އެ ދިރާސާގައި ބެލި 30 ތަނުގެ ތެރެއިން ގާނޫނުގައި ބުނާ ގޮތަށް އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގައި މި އިދާރާތަކަށް 10 އިން ލިބުނީ 3.9 އެކެވެ. މިއީ ވަރަށް ދަށް ދަރަޖައެކެވެ.

ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ދިރާސާގައި ބެލި މުއައްސަސާތަކުގެ ތެރެއިން އެންމެ ދަށް ދަރަޖައެއް ލިބުނީ ކޯޓްތަކަށެވެ. އެގޮތުން ކޯޓުތަކަށް ލިބުނީ 3.2 އެކެވެ. އެންމެ މަތިން ޕޮއިންޓް ލިބިފައި ވަނީ މިނިވަން މުއައްސަސާތަކަށެވެ. އެ އިދާރާތަކަށް ލިބުނީ 10 އިން 5.7 އެކެވެ. މިއީ މެދުމިނުގެ ދަރަޖައެކެވެ. މިނިސްޓްރީތަކަށް 3.9 ލިބުނު އިރު ރައްޔިތުންގެ މަޖިލީހަށް ލިބިފައި ވަނީ 3.5 އެކެވެ. މިއީ ވެސް ދަށް ދަރަޖައެކެވެ.

ޓްރާންސްޕޭރަންސީ ދިރާސާގެ ނަތީޖާގެ ހުލާސާ.

އެއްވެސް އިދާރާއަކަށް ވަރަށް ރަނގަޅު ދަރަޖައިން ސްކޯއެއް ލިބިފައެއް ނުވެ އެވެ. ތިން އިދާރާއަކަށް ވަރަށް ދަށް ދަރަޖައިން ވަނީ ސްކޯލިބިފަ އެވެ. އެއީ ކޯޓްތަކާއި މިނިސްޓްރީތައް އަދި ރައްޔިތުންގެ މަޖިލީހެވެ.

"ދައުލަތުގެ އެއްވެސް ދާއިރާއަކުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރަން ގާނޫނީ ގޮތުން ލާޒިމްކުރާ މިންވަރާ ގާތަށްވެސް އެކަން ކުރެވިފައެއް ނެތް،" ދިރާސާ ރިޕޯޓްގައިވެ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި މައުލޫމާތު ހޯދައި ލިބިގަތުމަކީ ހައްގަކީ ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ.
އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނެފައިވާގޮތުން މައުލޫމާތު ލިބުމުގެ ހައްގަކީ ހަމައެކަނި މައުލޫމާތައް އެދޭ ފަރާތްތަކަށް އެމައުލޫމާތު ފޯރުކޮށްދިނުން އެކަންޏެއް ނޫނެވެ. މީގެ އިތުރުން ރައްޔިތުންގެ މަސްލަހަތަށްޓަކައި ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތަށް ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް އަމިއްލަ އިސްނެގުމުގެ މަތިން މައުލޫމާތުތައް ޝާއިއުކުރަންޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.

މިކަން ކަށަވަރު ކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރެއް އައްޔަންކޮށް ހާއްސަ އޮފީހެއް ވަނީ ގާއިމްކޮށްފަ އެވެ.