ހަބަރު

ސާމްޕަލްތައް ނެގުމަށް ފަހު ދެ ޒުވާނުންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނާގެ ސާމްޕަލްތައް ނެގުމަށް ފަހު ހަށިގަނޑުތައް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ މަރުވެފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެނައި އުމުރުން 22 އަހަރުގެ ތ. ތިމަރަފުށި އަހުމަދު ހާމީން އެވެ. އަދި އޭގެ ފަހުން 18 އަހަރުގެ އަންހެން ކުއްޖަކު ވެސް ވަނީ ހުޅުމާލެ ޓްރެކް ސަރަހައްދު މޫދު ތެރޭގައި މަރުވެފައި އޮއްވާ ފެނިފަ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ދެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށް ފަހު މިއަދު މެންދުރުގެ ވަގުތެއްގައި އާއިލާައާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހަށިގަނޑު އައިލާއާ ހަަވާލުކޮށްފައިވާ އިރު އެ ދެ ޒުވާނުންގެ ޖަނާޒާ މިރޭ މަަގްރިބު ނަމާދަށް ފަހު ހުޅުމާލޭ މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދެ މީހުންވެސް ވަޅުލަނީ ހުޅުމާލެ ސަހަރާގައެވެ.

އެއް ފަހަރާ ދެ ޒުވާނުން މަރުވި މައްސަލާގައި ޝައްކު ކުރެވޭ ބައެއް ކަންކަން ހުރެގެން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެ ހަތަރު މީހުން ތިބި ސަރަހައްދުން ޕާޓީ ޑްރަގްސް ފެނިފައިވާ ކަމަށެވެ. އަދި މަރުވި ދެ މީހުންގެ ހަށިގަނޑު ވެސް ތަހުލީލު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ފާސްކުރަމުން އަންނަ ތަނާ ގުޅޭ މައުލޫމާތެއް ފުލުހުން ނުދެ އެވެ. އަދި މަރުވި ހާމީންއާ އެކު ޝޮކް ޖެހި ހާލު ދެރަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެނައި 21 އަހަރުގެ ޒުވާނާ ވެސް ފަރުވާއަށް ފަހު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.