ހަބަރު

މާރާމާރީ ހިންގަން ގެންގުޅުނު ތަކެއްޗާ އެކު 12 މީހަކު ހައްޔަރުކޮށްފި

Sep 30, 2017
4

މާލޭގެ ކެފޭއެއްގެ ތެރެއަށް ވަދެ ޒުވާނެއްގެ ގަޔަށް މިރޭ ވަޅި ހެރި ހަތަރު މީހުންނާ އެކު މާރާމާރީތަކާ ގުޅުން ހުރި ޖުމްލަ 12 މީހަކު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.

މިރޭ ހިންގި މާރާމާރީތަކާ ގުޅިގެން ފުލުހުން މާލެ ތެރޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މ. އެތުމާ ގޭގެ ދޮރު ވައްޓާލައި އެ ގޭގެ ތެރެއަށް ފުލުހުން ވަދެ ވަނީ ފާސްކޮށްފަ އެވެ. އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ މީޑިއާ ޔުނިޓުން ބުނީ މިރޭ މާލޭގައި މާރާމާރީ ހިންގި ހަތަރު މީހަކު އެކަމަށް ބޭނުން ކުރި ސާމާނާ އެކު ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ހައްޔަރު ކުރީ މާރާމާރީ ހިންގުމަށް ބޭނުން ކުރި ސާމާނުތައް ނައްތާލުމަށް އެ މީހުން މަސައްކަތް ކުރަމުން ދަނިކޮށް އެތަނުގެ ތެރެއަށް ފުލުހުން ވަދެ ކަމަށެވެ.

މިރޭ ޒުވާނެއްގެ ގަޔަށް މާލޭގައި ވަޅި ހެރީ ރައްޔިތުން މަޖިލީހުގެ ޕާކިން ޒޯންގެ ކުރިމަތީގައި ހުންނަ ރެސްޓޯރަންޓް، ޖީސިކްސްގެ ތެރޭގަ އެވެ. އޭނާގެ ބުރަކަށީގެން ތިން ތަނަކަށް ވަޅި ޖެހި ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. އޭޑީކޭގައި އަދިވެސް އެ ޒުވާނާއަށް އަންނަނީ ފަރުވާދެމުން އެވެ. މިއީ ގްރޫޕް މާރާމާރީއެއް ކަމަށްވެ އެވެ.

ފުލުހުން ބުނީ އެ މާރާމާރީގެ ތުހުމަތުގައި އިތުރު އަށް މީހަކު ވެސް ފުލުހުން ހައްޔަރު ކުރި ކަމަށެވެ. އެހެން ކަމުން މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހުންނާ އެކު ޖުމްލަ 12 މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.

މިރޭ ހުޅުމާލޭގައި ވެސް ވަނީ ޒުވާނެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފަ އެވެ. މިދެ މާރާމާރީ އަކީ މިދިޔަ ހަފްތާ މާފަންނު އައިޓަމްސް ކައިރީ ވަޅި ހަރައި ޒުވާނަކު މަރާލުމުން އޭގެ ބަދަލު ހިފަން ހިންގި މާރާމާރީތަކެއް ކަމަށްވެ އެވެ.

ފުލުހުން ބުނީ މިރޭގެ މަރާ ގުޅިގެން ހުޅުމާލޭގައި ވެސް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ މާރާމާރީގައި ހިމެނޭ މީހުން ހޯދުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.