ހަބަރު

އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި

ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތްކޮށް ސުޕްރީމް ކޯޓު ދޮށަށް އެއްވި މައްސަލާގައި ސަސްޕެންޑްކުރި ވަކީލުންގެ ތެރެއިން އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން މިއަދު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އުވާލައިފި އެވެ. އެ މައްސަލާގައި ސަސްޕެންޑްކުރީ ޖުމްލަ 54 ވަކީލުންނެވެ.

ވަކީލުން ސަސްޕެންޑްކުރުމާ ގުޅިގެން ބޭރުގެ ޖަމިއްޔާތަކުގެ ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވަނިކޮށް މީގެކުރިން ވަނީ 13 ވަކީލެއްގެ ސަސްޕެންޝަން އުވާލާފަ އެވެ. މިއަދު އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލަމުން ޑީޖޭއޭއިން ބުނެފައިވަނީ، އެ ވަކީލުންގެ މައްސަލަ މިހާރު ބަލާ ނިމިފައިވާ ކަމަށެވެ. އަދި އެ ވަކީލުންނަކީ މިއަދުން ފެށިގެން ވަކާލާތުކުރުމުން މަނާކުރެވިފައިވާ ވަކީލުންތަކެއް ނޫން ކަމަށެވެ.

މިއަދު ސަސްޕެންޝަން އުވާލި ވަކީލުންގެ ތެރޭގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަދި ކުރީގެ ޕީޖީގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ހިމެނިވަޑައިގަންނަވަ އެވެ. އޭގެއިތުރުން އަހުމަދު ނާޒިމް އަބްދުލް ސައްތާރާއި ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ސަފާ ޝަރީފްގެ ސަސްޕެންޝަން ވެސް ވަނީ އުވާލާފަ އެވެ.

ވަކީލުންގެ ސަސްޕެންޝަން އުވާލަން ގޮވަލައި އިތުރު 35 ވަކީލެއް ސޮއިކުރައްވައި، ވަނީ އިތުރު ޕެޓިޝަނެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް މިހާރު ސިވިލް ކޯޓުން ވަނީ ވަކީލުން ހުށަހެޅި މައްސަލަ ބޭރުކޮށްލާފަ އެވެ.