އަންހެނުން

ދޫދޫކޮށް ކަޅު ހެދުންލީމަ މިއޮއްވާ ރީއްޗެއް!

Oct 2, 2017
47

ބިޓެެއް ނުވަތަ އަންހެން ކުއްޖަކު ރީތިވަނީ ކިހިނެއް ހެދުން އަޅައިގެން ހުރީމާ ހެއްޔެވެ؟ ނޫނީ ކޮން ގޮތަކަށް ސްޓައިލް ކޮށްލައިގެން ހުރުމުން ހެއްޔެވެ؟ އާދައިގެ ހެދުމެއްގައި ބުޅި އިސްތަށިގަނޑެއް އޮވެފައި ހަމުގެ ކުލަ ދޮން ވީމާ ވެސް ސަޅި ގޮތެއް ހުރެ އެވެ. އެންމެ ފަހުގެ ޓްރެންޑްތަކަށް ހެދުން އަޅާފައި ކައްޓަކަށް އަރާފައި ލުއި މޭކަޕެއް ކޮށްގެން ހުރީމަ ވެސް ގޯހެއް ނޫނެވެ! ޓޮމް ބޯއީ ކޮށް ހެދުން އަޅާފައި ސްނިކާސް އަކަށް އަރައިގެން ހުއްޓާ ފެނުމުން ކިހިނެއް ހެއްޔެވެ؟ މިއިން ކޮންމެ ސްޓައިލެއްގައި ވެސް ކޮންމެވެސް ގޮތެއް ވޭދޯ އެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު އެންމެ ގިނަ ޒުވާން ފިރިހެނުން ބުނަނީ އަންހެން ކުދިން ރީތީ ފަހުގެ ހެދުން ލާފައި ރީތިކޮށް ގަދަ ގަދައަށް މޭކަޕްކޮށްލައިގެން ތިބެންޏާ އެވެ. ބައެއް ކުދިން ކުދިން އެހެން ބުނެ އެވެ. ބުުރުގާ އެޅިޔަސް ފަހުގެ ޓްރެންޑް ފޮލޯކޮށް މޭކަޕް ކުރާނަމަ އެ ކުދިންވެސް ވަރަށް ރީތި ކަމަށް ވެއެވެ.

އެކަމަކު މިހާރު ކަމެއް ބަދަލުވެގެން އެބައުޅެ އެވެ. މިހާރުގެ ފިިރިހެނުން ބުނަނީ، އަންހެން ކުދިން ރީތީ ވެސް ގަޔާވަނީ ވެސް ކަޅުކޮށް ދިގު ކޮށް ދޫކޮށް ހުންނަ ހެދުން ލީމާ ކަމަށެވެ. އެ ކުއްޖަކީ ކިތަންމެ ހިކި ނުވަތަ ކިތަންމެ ފަލަ ކުއްޖަކު ނަމަވެސް އެ ހެދުން އަޅައިލީމާ ހަމަ ރީތި ވަނީ އެވެ. މާ ހާއްސަ ގޮތެއް ހުންނަނީ އެވެ.

"ކަޅަސް ދޮނަސް އެ އޯކޭ، އެ ހެދުން އަޅައިލުމުން ހަމަ ރީތީ މިހާރު،!" ފިރިހެން ކުއްޖަކު އޭނާގެ އިންސްޓަގްރާމް ހާވަމުން ފޮޓޯތައް ދައްކަމުން ބުންޏެވެ.

ތަންކޮޅެއް ކުރިޔަށްދާއިރު ދޫކޮށް ހުންނަ ކަޅު ހެދުމަކީ ދެން ފާޑެއްގެ ހެދުމެކެވެ. ގިނަ މީހުން އެ ހެދުން ސިފަކުރީ އުމުރުން ދުވަސްވީ އަންހެންވެރިން ލާ ހެދުމެއްގެ ގޮތުގަ އެވެ. ބައެއް މީހުންނަށް އެއީ ބޮޑުދައިތައެއްގެ ހެދުމެކެވެ. އެފަދަ ހެދުން ލާނަމަ ބައެއް މީހުނަށް ފެންނަނީ މުސްކުޅި ގޮތަކަށެވެ. އެކަމަކު ފަހަކަށް އައިސް ދޫކޮށް ދިގުކޮށް ހުންނަ ކަޅު ހެދުންލާ އަންހެން ކުދިން ގިނަ ވެގެން މިއުޅެނީ ފިރިހެންވެރިންނަށް އެ ހެދުން ހަމަ މާ ގަޔާވާތީއޭ ބައެއް ފިރިހެނުން ވެސް އަންހެނުން ވެސް ބުނެ އެވެ. އަދި އެ ހެދުން ލުމުން އެންމެ ބޭނުންވާ ގޮތަށް ހަށިގަނޑު ނިވާކުރެވޭތީ އެވެ. ދެ ގޮތް ވެސް އޯކޭ ނޫން ހެއްޔެވެ؟

ނޭނގެ ދެން އަހަންނަކަށް އެ ވާގޮތެއް! ހަމަ ގައިމު ވެސް އަންހެން ކުދިން މަށަށް މިހާރު ރީތި ވަނީ ދޫކޮށް ފުޅާކޮށް ދިގު ކޮށް ހުންނަ ކަޅު ހެދުން އަޅައިގެން ހުންނަ އިރު... ކުލަކުލައިގެ ވެސް ދިގުކޮށް މި ހުންނަ ހެދުން ލީމަ މާ ރީއްޗެއް ވަނީ. އަންހެންވަންތަކަން އިތުރުވާހެން ވެސް ހީވޭ، ނޭނގެ ދެން ދޯ؟
ދިވެހި ޒުވާނެއްގެ ބަސް

"ނޭނގެ ދެން އަހަންނަކަށް އެ ވާގޮތެއް! ހަމަ ގައިމު ވެސް އަންހެން ކުދިން މަށަށް މިހާރު ރީތި ވަނީ ދޫކޮށް ފުޅާކޮށް ދިގު ކޮށް ހުންނަ ކަޅު ހެދުން އަޅައިގެން ހުންނަ އިރު... ކުލަކުލައިގެ ވެސް ދިގުކޮށް މި ހުންނަ ހެދުން ލީމަ މާ ރީއްޗެއް ވަނީ. އަންހެންވަންތަކަން އިތުރުވާހެން ވެސް ހީވޭ، ނޭނގެ ދެން ދޯ؟" ސުވާލެއް ކޮށްލުމުން އެކަކު ދޯއެއް ދިނީ އާދައިގެ ހެދުމެއްގައި ހުރި އޭނާގެ އަންހެނުންނަށެވެ.

ކަޅު ހެދުމާ ބެހޭ ގޮތުން ވާހަކަ ދައްކާލަން ބޭނުންވި އެހެން މީހަކު ބުނި ގޮތުގައި އޭނާގެ އަންހެނުން ވެސް ކުރިން ލައި އުޅެނީ ކުރު ކުރު ހެދުމެކެވެ. އޭނާ ބުނެދިނީ އެއީ "ޑްރެސް އިން ބްރީފް" ގެ ގޮތުގަ އެވެ. "އެއެއް މިހާރު ދެން ކަމަކު ނުދޭ!"

"އެކަމަކު މިހާރު ކަޅު ހެދުންލަނީ، ތެދަށް ބުނަންޏާ މިހާރު ކުރިއަށްވުރެ މަށަށް މަގޭ އަންހެނުން ރީތި ވެއްޖެ، އެހެން އަންހެން ކުދިންނަށް ބަލާކަށްވެސް މިހާރު ބޭނުމެއް ނުވޭ، އެކަމު ދެން ކަޅު ހެދުން ލައިގެން ހުރިއްޔާ ނުބަލައެއް ވެސް ނުހުރެވޭ!"

ގަޔަށް ދޫކޮށް ހުންނަ އެ ކަޅުހެދުމުގައި ކޮންމެވެސް ކަހަލަ ދަމާ ބާރެއްވެ އެވެ. ހެ ހެދުން ލުމުން އަންހެނުންގެ ޖާދުވީ ރީތިކަން އިތުރުކޮށްދޭ ކަމަށް ގިނަ ފިިރިހެނުން އެއްބަސްވާނީ އެހެން ވެގެނެވެ. އަދި އަންހެންވެރިން ވެސް އެހާ ސަމާލު ކަމެއް އެފަދަ "ކަޅު ކަމަކަށް" ދޭނީ އެހެންވެގެނެވެ. އަޅައިގަންނަ ހިތްކިޔާ ކަހަލަ ގޮތެއް އެ ހެދުމުގައި ހުންނާތީ އެވެ. އަންހެން ކުދިންގެ ޖާޒުބިއްޔަތުގެ ރީތި ކަމުގެ ގިއުގަނޑަކަށް މިހާރު މިވީ އެއްކަލަ ކަޅު ހެދުމެވެ. -- މާޝާ ﷲ

"އަހަރެން އެޓްރެކްޓްވަނީ އެކަހަލަ [ކަޅު ހެދުންލާ] ކުދިންނަށް ހަމަ، މާބޮޑަށް ފޮރުވިފައިވާ ރީތިކަމެއް އެއީ. އެ ރީތި ކަމުގައި ހާއްސަ ކަމެއްވޭ، ކޮންމެހެން އެހެން މީހުންނަށް ދައްކާކަށް ނުވެސް ޖެހޭ، ފެންނަން ޖެހޭ މީހަކަށް އެ ރީތިކަން ފެންނާނީ އެއީކަން ނޭނގެ އޭގެ ސިއްރަކީވެސް،" މިއީ ވެސް ހަމަ ޒުވާން ފިރިހެނެއްގެ ވާހަކަ އެވެ. "އަދި ބުނަން ރެސްޕެކްޓްވެސް ކުރެވޭ ގޮތެއް ވެސް ހުރޭ އަންހެން ކުދިން އެ ހެދުން އަޅާފައި ތިބޭ އިރު، މިކަން ތަޖުރިބާއެއް ނުކުރެވޭތަ؟"

އެހެންވީމާ އެންމެ ފަހުގެ ހެދުންތައް ފަހަތަށް ޖައްސާލާފައި ކަޅު ހެދުން މިހާރު މި އުޅެނީ ލޮލުކޮޅަށް ފެންނަ ހިސާބަށްވުރެ މާކުރީގައިތާ އެވެ. ކޮންމެވެސް ހާއްސަ ރީތި ކަމަކާއި ސިއްރުތަކެއް ފޮރުވިފައި ވެއްޖެ އެވެ! ވަރަށް ބަލައިލައި ހިތްވެއެވެ.