އާސަންދަ

ކުޅުދުއްފުށީގައި އާސަންދަ އޮފީހެއް ހުޅުވައިފި

Oct 1, 2017
2

އާސަންދަ ކުންފުނިން އަތޮޅު ތަކުގެ ތެރޭގައި ގާއިމް ކުރާ ފުރަތަމަ ރީޖަން އޮފީސް ހދ. ކުޅުދުއްފުށީގައި މިއަދު ހުޅުވައިފި އެވެ.

ކުޅުދުއްފުށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އޮފީސް ހުޅުވައިދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަލީ އުސައިދު އެވެ. އޮފީސް ހުޅުވައި ދެއްވުމަށްފަހު އުސައިދު ވިދާޅުވީ، ކުޅުދުއްފުށީގައި އެފަދަ މުހިންމު ހިދުމަތެއްގެ އޮފީހެެއް ހުޅުވިގެން ދިއުމަކީ އެރަށުގެ ރައްޔިތުންނަށް ހެޔޮ ފާލެއް ކަމަށާއި މި އޮފީހުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް އާސަންދައިގެ ހިދުމަތް ކުރިއަށްވުރެ އަވަހަށް ލިބިގެންދާނެ ކަމަށެވެ.

"ކުޅުދުއްފުށީގައި މިފަދަ އޮފީހެއް ހުޅުވިގެން ދިއުމަކީ ބޮޑުތިލަދުންމަތީ ރައްޔިތުންނަށް ހާއްސަކޮށް ކުޅުދުއްފުށީ ރައްޔިތުންނަށް ހެޔޮ ފާލެއް،" އުސައިދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އާސަންދަ އޮފީސް ހުޅުވުމާއި ގުޅިގެން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ ދެއްވި މެސެޖް ރަސްމިއްޔާތުގައި އިއްވައިދެއްވީ އެކުންފުނީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު އައިމިނަތު ޒީނިޔާ އެވެ. ހަސަން އަލީގެ މެސެޖްގައި ވިދާޅުވީ، މިއަދު ހުޅުވުނު އޮފީހުގެ ސަބަބުން ކުޅުދުއްފުށީ ރީޖަނަލް އަށް ނިސްބަތްވާ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ހަސަން އަލީ އިތުރަށް ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލުން މިހާރު ސްޕެޝިއަލިސްޓް ޑޮކްޓަރުންގެ ފަރުވާވެސް ލިބެމުންދާ ކަމަށާއި އިތުރު ފަރުވާއަށް މާލެ ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންނާއި އާއިލާތަކަށް އާސަންދައިގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް މިއަދު ހުޅުވުނު އޮފީހުން ކުރެވިގެންދާނެ ކަމަށެވެ.

ކުޅުދުއްފުށީގައި މިއަދު ހުޅުވި އާސަންދައިގެ އޮފީހުން، އާސަންދައިގެ ހިދުމަތަށްއެދި ހުށަހަޅާ ފޯމު ބަލައިގަތުމާއި ރީޖަނަލް ޑޮކިއުމަންޓްސް ބަލައިގަތުމާއި ކޭޝްސިޓީތަކުގެ ޖަވާބުދިނުމުގެ އިތުރަށް އާސަންދައިގެ މާލޭ އޮފީހުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެ އެވެ.