ހަބަރު

އައިޖީއެމްއެޗަށް ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ

Oct 2, 2017
4

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރާނެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާނުކޮށްފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ވަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާނެ މެޑިކަލް ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުން އަދި އެލައިޑް ހެލްތް ޕްރޮފެޝަނަލްސް މަގާމްތަކުގައި މަސައްކަތް ކުރާނެ ދިވެހި މުވައްޒަފުން ބޭނުންވާ ކަމަށެވެ.

އެ މަގާމްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 ގެ ކުރިން ސިވިލް ސާވިސް ވަޒީފާއަށް އެދޭ ފޯމް އައިޖީއެމްއެޗްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ފޮނުވުމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. ފޯމާ އެކު ޕްރެކްޓިސިން ލައިސަންސްއާއި ރެޖިސްޓްރޭޝަންގެ ކޮޕީ އާއި ސީވީ އަދި ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހޭކަމަށް ބުނެފައިވެ އެވެ.

އައިޖީއެމްއެޗްގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދެވޭނީ ހޮސްޕިޓަލުގައި ހުސްމަގާމެއް އޮތުމާއެކު ބަޖެޓް ހަމަޖެހިފައިވާ ނަމަ ކަމަށެވެ.