ހަބަރު

އަދިވެސް ތެލުގެ އަގު ބޮޑުވެދާނެ: އެސްޓީއޯ

  • އަގުތަކަށް ބަދަލު އަންނަނީ ސަބަބުތައް ހުރެގެން
  • އަރަމްކޯއާއެކު ކޮންޓްރެކްޓް އެބަ ފައިނަލް ކުރަން
  • ރިޕޯޓްތަކަށް ބަލާއިރު އަގު ތިރިވުން ލަސްވެދާނެ

ދުނިޔޭގެ ރިޕޯޓްތަކަށް ބަލާއިރު ކުރިއަށް އޮތް ތަނުގައި ވެސް ތެލުގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯއިން ވަނީ ތެލުގެ އަގަށް މިއަދު ބަދަލު ގެނެސްފަ އެވެ. އެގޮތުން ޑީސެލް ލީޓަރަކުން 0.53 ލާރި އަގު ބޮޑު ކޮށްފައިވާއިރު ޕެޓްރޯލް ލީޓަރަކުން 0.57 ލާރި ބޮޑު ކޮށްފައި ވެއެވެ. މިއަދުން ފެށިގެން ޑީސެލް ލީޓަރެއްގެ އަގު ހުންނާނީ 9.17 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 9.52 ރުފިޔާ އަށެވެ.

އެސްޓީއޯގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ދުނިޔޭގެ ތެލުގެ އަގުތަކާބެހޭ ރިޕޯޓް ތަކަށް ބަލާއިރު ތެލުގެ އަގު އަވަހާ ކުޑަވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ތެލުގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރަށް އެރުން އެކަށީގެންވާ ކަމަށާއި ދުރު މުސްތަގުބަލެއްގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އެރުން އެކަށީގެންވާ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަކީ ވަރަށް ކުޑަ މާކެޓެއް ކަމަށާއި ރާއްޖޭގެ މާކެޓް ކުޑަވުމުގެ ސަބަބުން ހެޔޮ އަގުގައި ތެޔޮ ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާ ކަމަށެވެ. އަދި ވިދާޅުވީ، ބޮޑު އަދަދެއްގައި ތެޔޮ ގަތުމުން ލިބޭ ޑިސްކައުންޓް ރާއްޖެއަކަށް ނުލިބޭ ކަމަށެވެ. ރާއްޖެއަށް ތެޔޮ ގެންނަން ޖެހެނީ ކޯސްޓަލް ސައިޒްގެ ޓޭންކަރުގައި ކަމަށާއި ކުޑަ ޓޭންކަރުގައި ތެޔޮ ގެންނަން ޖެހުމުން ވެސް ތެލުގެ އަގު ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތެޔޮ އުފައްދާ ގައުމުތަކުގައި ވެސް ތެލުގެ އަގަށް ބަދަލު އައިސް ބޮޑުވޭ. ރާއްޖެއަަކީ ތެޔޮ އުފައްދާ ގައުމަކަށް ނުވެފައި ކުޑަ ޓޭންކަރެއްގައި ތެޔޮ ގެންނަން ޖެހުމުން ތެލުގެ އަގަށް ބަދަލު އަންނަނީ،" ޝަހީރު ވިދާޅުވި އެވެ. "ފެންނަ ރިޕޯޓްތަކުން ވެސް އަގު އަދި ކުޑަވާނެ ކަމަކަށް ލަފައެއް ނުކުރެވޭ، ކުރިއަށް މި އޮތް ތަނުގައި ވެސް އަގުތަށް ބޮޑުވާނެ ކަމަށް ލަފާކުރެވެނީ، ދުރު މުސްތަގުބަލެއްގައި ތެޔޮ ފީފާއެއް 100 ޑޮލަރަށް އެރުން އެކަށީގެންވޭ، ކައިރި މުސްތަގުބަލެއްގައި 80 ޑޮލަރަށް އެރުން އެކަށީގެންވޭ،"

ޝަހީރު ވިދާޅުވީ، ރާއްޖެއަށް ހެޔޮ އަގުގައި ތެޔޮ ގެންނަން ސައުދީ އަރަމްކޯއާ ވާހަކަ ދައްކައިގެން ކޮންޓްރެކްޓް ފައިނަލް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށާއި ވިދާޅުވީ، ފުނަދޫ އެކްސްޕޭންޝަން ނިމުމުން ފިއުލް ސެކިއުރިޓީ އާއި ތެލުގެ އަގުތަށް ކޮންމެސް ވަރަކަށް ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. ދުނިޔޭގެ ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގައި ތެޔޮ ވިއްކާ އަގަށް ބަލަދު ގެންނަން ބޭނުން ނުވާ ކަމަށާއި ނަމަވެސް ތެލުގެ އަގު ބޮޑު ކުރަން މަޖުބޫރު ވަނީ ސަބަބުތައް ހުރުމުން ކަމަށެވެ.

"ފާއިތުވި ދުވަސްތަކުގައި ދުނިޔޭގެ ތެލުގެ އަގު ހަ ސަބަބަކާހުރެ ވަނީ މައްޗަށް ގޮސްފައިި، އެއީ ތެލުގެ ޑިމާންޓް މިވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި، މީގެ ކުރިން އޯވާ ސަޕްލައިވެގެން ތެލުގެ އަގުތަށް ވަނީ ކުޑަވެފަ، މިހާރު ސަޕްލައިވަނީ ސްޓޭބަލް އެހެން ވުމުން އަގު ބޮޑުވާން މަގުފަހި ވަނީ، ކުރީގައި ތެޔޮ ސްޓޯރޭޖް ކޮށްފައިހުރި އިންވެންޓްރީސްތައް ޑިމާންޑް ހައި ވުމާ ގުޅިގެން މިހާރު ދަނީ މަދުވަމުން، ޔޫއެސްއަށް އެރި ހަރިކޭން ހާވީގެ ސަބަބުން ވެސް ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވޭ، ކާޑިސް އަކީ ތެޔޮ އުފައްދާ ގައުމެއް ކަމުން ކާޑިސްއާ ތުރުކީއާ ދެމެދު ހިނގާ ހަނގުރާމައިގެ ސަބަބުން ވެސް ތެލުގެ އަގަށް ބަދަލު އައިސްފައިވޭ،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު އިތުރަށް ވިދާޅުވީ، ސާކުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ތެލުގެ ޕަމްޕްރޭޓް އަގު ހެޔޮ ވާނެ ކަމަށާއި ތެލުގެ އަގު ބޮޑުވާ ކޮންމެ ފަހަރަކު އަގު ބޮޑެއް ނުކުރާ ކަމަށެވެ.