އެސްޓީއޯ

ފުނަދޫ ސްޓޯރޭޖް ނިންމައި 28،000 ޓަނުގެ ޓޭންކަރު މިއަހަރު ގެންނާނެ

އެސްޓީއޯގެ ތެޔޮ ރައްކާ ކުރާ ރަށް، ފުނަދޫގައި ގާއިމު ކުރާ އާ ސްޓޯރޭޖްގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށާއި އަންނަ ނޮވެމްބަރު މަހު ރާއްޖެއަށް 28،000 ޓަނުގެ ޓޭންކަރެއް ގެންނާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ފުނަދޫގައި ކުރިޔަށް ގެންދަނިީ 35 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. 28،000 ޓަނުގެ ޓޭންކަރަކީ ވެސް އެ ޕްރޮޖެކްޓްގެ ދަށުން ގެންނަ ޓޭންކަރެކެވެ.

އެސްޓީއޯގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ރާއްޖޭގައި ތެލުގެ އަގުތަށް ހިފެހެއްޓޭނެ ގޮތްތައް ބަލައި އެކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރާއި ގުޅިގެން ފަށާފައިވާ ފުނަދޫ އެކްސްޕޭންޝަން ޕްރޮޖެކްޓްގެ މަސައްކަތް ވަރަށް ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި އެ މަސައްކަތް މިއަހަރު އެއްކޮށް ނިންމާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ފުނަދޫ ތެޔޮ ސްޓޯރޭޖް ބޮޑު ކުރުމުން ތެޔޮ ވަކި އަގުތަކެއްގައި ހިފަހައްޓައި ފިއުލް ސެކިއުރިޓީ އެންޝުއާ ކުރެވިގެންދާނެ ކަމަށާއި އެރަށުގެ ބާތު ބޮޑުކުރުމުން މިހާރަށްވުރެ ބޮޑެތި ޓޭންކަރުތައް ކައިރި ކުރެވޭނެ ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ އެއްވެސް ކުންފުންޏަކުން ނުގެންގުޅޭ ވަރުގެ ބޮޑު ޓޭންކަރެއް ގަތުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި އަންނަ މަހުގައި އެ ޓޭންކަރު ރާއްޖެ ގެނެވޭނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

"ރާއްޖެއަށް ތެލުގެ އަގުތަށް ހިފެހެއްޓޭނީ ކޮންގޮތަކަށްތޯ ބަލައި އެކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރާއި ގުޅިގެން މިވަނީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ފަށާފައި، އެއީ ފުނަދޫ އެކްސްޕޭންޝަންގެ މަސައްކަތް، އެ މަސައްކަތުގެ ވަރަށް ބޮޑުބައެއް ވަނީ ނިމިފަ، މިއަހަރު އެއްކޮށް ނިންމާލެވޭ ވަރުވާނެ،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު އިތުރަށް ވިދާޅުވީ، މި ޕްރޮޖެކްޓް ގެ ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ތެޔޮ ބެހެއްޓޭނެ ރަނގަޅު ސްޓޯރޭޖެއް ގާއިމް ކުރުން ކަމަށާއި ބޭރު ކުންފުނިތަކަށް ބަރޯސާ ނުވެ އަމިއްލައަށް ތެޔޮ އުފުލޭ ވަރުގެ ބޮޑު ޓޭންކަރެއް އޮތުން ކަމަށެވެ.

ފުނަދޫގައި ގާއިމު ކުރާ ސްޓޯރޭޖްގެ ޕްރޮޖެކްޓްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހު އެވެ. އެރަށުގައި މިހާރުގެ ސްޓޯރޭޖްގައި ރައްކާކުރެވެނީ 47،000 ޓަނުގެ ތެލެވެ.