ހަބަރު

މިއަދު ވެސް ގާސިމް ފްލައިޓަކަށް ނޭރުވި

ޖަލު ހުކުމެއް އިއްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލަތަށް އަދިވެސް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި މިއަދު ވެސް ރާއްޖެއަށް ވަޑައިގެންނެވުމަށް ފްލައިޓަށް އަރައިވަޑައިގަތުމުގެ ހުއްދަ އެއާލައިނުން އެ މަނިިކުފާނަށް ނުދެއްވި ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.

މިއަދަކީ ގާސިމަށް ކަރެކްޝަން ސާވިސްއިން ދިން ވަނަ މުއްދަތުގެ ދުވަސް ހަމަވާ ދުވަހެވެ. ބޭސްފަރުވާގެ އެ މުއްދަތު އިތުރުކޮށްދިނުމަށް އަދި ނިންމާފައެއް ނުވެ އެވެ. ނަމަވެސް އެކަމަށް ގާސިމްގެ ފަރާތުން ވަނީ އެދިވަޑައިގެންފަ އެވެ. އަދި ބޭސްފަރުވާގެ އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ ސިވިލް ކޯޓަށް މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

މިއަދު ގާސިމްގެ ވަކީލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސިންގަޕޫރުން ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ އެއާލައިނުން ގާސިމަށް ދީފައިނުވާކަން ކަރެކްޝަން ސާވިސްއަށް ވެސް އަންގާފައިވާނެ ކަމަށެވެ. ގާސިމްގެ ބޭސްފަރުވާގެ އިތުރު މުއްދަތަށް ކަރެކްޝަންގައި އެދިފައިވަނީ އަދިވެސް އެމަނިކުފާނުގެ ބޭސްފަރުވާ ނުނިމޭތީ އެވެ.

"އެމަނިކުފާނުގެ ހިތުގެ އީޕީ.ސްޓަޑީ [މާލޭ ޑޮކްޓަރުން ލަފާ ދީފައިވާ ޓެސްޓް] ސިންގަޕޫރް މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލްގައި ހެދުމަށް 19 އޮކްޓޯބަރަށް ވަނީ ޝެޑިއުލްކޮށްފަ، އީޕީ.ސްޓަޑީއަށްފަހު ވެސް އިތުރު ފަރުވާކުރުމަށްޓަކައި ސިންގަޕޫރްގައި ހުންނަޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާކަން ވެސް ވާނީ ކަރެކްޝަން ސާވިސްއަށް އަންގާފަ،" ބަޔާނުގައި ބުނެފައިވެ އެވެ.

ގާސިމްގެ ވަކީލުން ބަޔާނުގައި ބުނެފައިވަނީ އެ ސަބަބުތަކާހުރެ މުއްދަތު އިތިރުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ކަރެކްޝަން ސާވިސްއިން އަންގާފައިވަނީ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ކަމަށެވެ.

ހިތުގެ ބައްޔަކަށް ފަރުވާ ކުރައްވަމުން ގެންދަވާ ގާސިމް ދާދި ފަހުން ވަނީ އޮޕަރޭޝަނެއް ކުރައްވާފަ އެވެ. ނަމަވެސް އެއަށް ފަހު ރާއްޖޭ ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން ޑޮކްޓަރުން މަޑު ކުރަން ލަފާދީފައި އޮތުމުން އެމަނިކުފާނު ފްލައިޓަކަށް ނާރުވަ އެވެ.

ރިޝްވަތުގެ މައްސަލާގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ހުކުމް އައިސްފައިވާ ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން ފުރަތަމަ ދިނީ 10 ދުވަހުގެ މުއްދަތެކެވެ. ނަމަަވެސް އެ މުއްދަތުގެ ތެރޭގައި ބޭސްފަރުވާ ނުކުރެވޭތީ އިތުރު 10 ދުވަސް ވެސް އެ ސާވިސްއިން ދިނެވެ.