ހަބަރު

އިއްޔެ ރާއްޖޭގައި ތެލުގެ އަގު މައްޗަށް، ދުނިޔޭގައި އަގު ދަށަށް

ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުބޮޑުވެއްޖެ ކަމަށް ބުނެ، އިއްޔެ އެސްޓީއޯ އިން ވިއްކާ ތެލުގެ އަގުބޮޑުކޮށްފައި ވަނިކޮށް، ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާވަރު އިތުރުވެދާނެ ކަމަށް ލަފާކުރެވޭތީ އަނެއްކާ ވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ އެވެ. މިއީ މިހަފްތާ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ޖެހިޖެހިގެން ދަށަށް ދިޔަ ދެވަނަ ދުވަހެވެ.

ދުނިޔޭގެ ބަޒާރުގައި ސާފު ނުކުރާ ތެލުގެ އަގު މިދިޔަ ހަފްތާ ކުޑަކޮށް އުފުލުނެވެ. ރޮއިޓާސް ބުނާ ގޮތުގައި އަންގާރަ ދުވަހު ތެލުގެ އަގު ދަށަށް ދިޔަ ދިއުމަކީ މިހަފްތާ ޖެހިޖެހިގެން އަގު ދަށަށް ދިޔަ ދެވަނަ ދުވަހެވެ.

އެ އެޖެންސީން ތެލުގެ އަގުތައް ބެލުމަށް ފަހު މިއަދު ޖެހި ހަބަރުގައި ބުނެފައި ވަނީ ޔޫއެސް ކްރޫޑްގެ އަގުން މިއަދު 14 ސެންޓް ނުވަތަ 0.3 ޕަސެންޓް ދަށަށް ދިޔަ އިރު އޭގެ ކުރީ ފަހަރު 1.09 ޑޮލަރު ނުވަތަ 1.2 ޑޮލަރު ދަށަށް ދިޔަ ކަމަށެވެ. އެގޮތުން ފީފާއެއްގެ އަގު މިއަދު ވަނީ 50.44 ޑޮލަރަށް ވެއްޓިފައި ކަމަށް ރޮއިޓާޒް އިން ބުންޏެވެ.

އެބާވަތުގެ އަގު މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެންމެ މަތިވީ ބުރާސްފަތި ދުވަހު އެވެ. އެއީ 2016 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅައި ބަލާ އިރު 12 ޕަސެންޓްގެ އުފުލުމެކެވެ. ނަމަވެސް އެ ދުވަހު އަގު އުފުލުނު މިންވަރުގެ ފަސް ޕަސެންޓް މިހާރު ވަނީ ދަށަށް ގޮސްފަ އެވެ.

ބްރެންޓް ކްރޫޑްގެ އަގުން ހެޔޮވީ 19 ސެންޓެވެ. އެއީ 0.3 ޕަސެންޓެވެ. ފީފާއެއްގެ އަގު ހުރީ 55.93 ޑޮލަރުގަ އެވެ.

ރޮއިޓާސް ބުނީ އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)ގެ ގައުމުތަކުން ތެޔޮ އެކްސްޕޯޓް ކުރާ މިންވަރު ޖުމްލަ ގޮތެއްގައި އިތުރުވެފައިވާ ކަމަށް އެ އެޖެންސީގެ ސާވޭއިން ފެންނަ ކަމަށެވެ. އަދި ބުނީ އެގޮތަށް ކަންތައް ވީ ތެލުގެ އަގު ރަނގަޅު ނުވެ ތިން އަހަރު ފާއިތުވުމުން ، ތެޔޮ އެކްސްޕޯޓް ކުރާ މިންވަރު މަދު ކުރަން އޯޕެކުން ކުރި މަސަައްކަތުގެ ނަތީޖާ ފެންްނަ ކަމަށް ގައުމުތަކަށް ގަބޫލުކުރެވިގެން ކަމަށް ބެލެވޭ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ހެޔޮވެފައި މިވަނީ ރާއްޖޭގައި ތެލުގެ އަގު ބޮޑުކޮށްފައި ވަނިކޮށެވެ.

ރާއްޖެއަށް ތެޔޮ އެތެރެކުރާ ދައުލަތުގެ ކުންފުނި، އެސްޓީއޯ އިން އެސްޓީއޯއިން ވަނީ ޑީސެލް ލީޓަރަކުން 0.53 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.57 ލާރި ބޮޑު ކޮށްފައި ވެއެވެ. އެގޮތުން ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 9.17 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 9.52 ރުފިޔާ އަށެވެ.

އެސްޓީއޯއިން އިއްޔެގައި ބުނީ ތެލުގެ އަގު އަދިވެސް އުފުލޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އެސްޓީއޯގެ މައި އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ދުނިޔޭގެ ތެލުގެ އަގުތަކާބެހޭ ރިޕޯޓް ތަކަށް ބަލާއިރު ތެލުގެ އަގު އަވަހަށް ކުޑަވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ތެލުގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރަށް އެރުން އެކަށީގެންވާ ކަމަށާއި ދުރު މުސްތަގުބަލެއްގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އެރުން އެކަށީގެންވާ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

ރޮއިޓާޒްގައި ތެލާ ގުޅޭ ގޮތުން މިއަދު ޝާއިއުކުރި ހަބަރު.

އެހެން ނަމަވެސް، ރޮއިޓާޒްގެ މިއަދުގެ ރިޕޯޓްގައި ބުނެފައި ވަނީ އެމެރިކާގެ ތެޔޮ އުފައްދާ ކުންފުނިތަކުން އިތުރަށް ތެޔޮ ނަގަން ފަށާފައި ވާތީ ތެލުގެ އަގު އިތުރަށް ދަށަށް ދާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ. އޯޕެކުން ބޭނުން ވަނީ 60 ޑޮލަރަށް ވުރެ މައްޗަށް ތެޔޮ ފީފާގެ އަގު ގެންދާށެވެ. ދުނިޔޭގެ ތެލުގެ އަގު ދަށުގައި ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެންނަން އޯޕެކުން ކުރާ އުންމީދު ކުޑަވެފައިވާ ކަމަށް ވެސް ރޮއިޓާޒްގެ ރިޕޯޓްގައިވެ އެވެ.