ހަބަރު

މީހުން މަރަނީ ސަރުކާރުން އެކަމަށް މަގުފަހި ކުރާތީ: މައުމޫން

Oct 6, 2017
12

މާރާމާރީ ހިންގާ ޒުވާނުން މެރުން ރާއްޖޭގައި ގިނަވެފައިވަނީ ސަރުކާރުން އެކަމަށް މަގުފަހިކޮށްދޭތީ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ތުހުމަތު ކުރައްވައިފި އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ޒުވާނުންނަށް ކަމަށް ބުނެ ސަރުކާރުން އަންނަނީ ވިޔާނުދާ ފަރާތްތަކަށް ފައިސާ ހޭދަ ކުރަމުން ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ޒުވާނުންނަށް ސަރުކާރުން ފައިސާ ދިނުމުގެ ސަބަބުން އެ މީހުން ކުށްތަކަށް އަރައިގަންނަން ހިތްވަރު ލިބޭ ކަމަށެވެ. އަދި ސަރުކާރުގެ މި އަމަލުގެ ސަބަބުން ނުބައި ވެއްޓެއް ގާއިމް ވެފައިވާކަން މައުމޫން ފާހަގަ ކުރެއްވި އެވެ.

"އެ ކީއްކުރަން ދޭ ފައިސާއެއް ތޯ؟ އެއްވެސް ޝައްކެއް ނެތް، އޭގެ ސަބަބުން ހަގީގީ ހަރުދަނާ ޒުވާނުން ނޫން، ވިޔާނުދާ، މާރާމާރީ ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ، މީހުން މަރާ މިހެން ހަދާ ޒުވާނުންނަށް ފައިސާ ދިނީމަ އެމީހުންނަށް އެދެވެނީ ހިތްވަރު،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ގައުމުގެ އަމަން ބަލަހައްޓަން ޖެހޭ ފަރާތްތަކަށް އެންމެ ރަނގަޅަށް އެކަން ނުކުރެވޭ ކަމަށެވެ. ދިވެހި ފުލުހުންނަކީ ހަރުދަނާ މުއައްސަސާއެއް ކަމަށާއި އެހެން ނަމަވެސް މަތިން އަންނަ އަމަލު ކުރަން ނުޖެހޭ ކަހަލަ އޯޑަރުތަކަށް އަމަލުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވަކި ބަޔަކު ހައްޔަރުކޮށް ތަހުގީގް ހިންގާ ދައުވާ އުފުލާފައިވާ ކަމަށެވެ.

މާރާމާރީ ތަކާއި މީހުން މެރުން ހުއްޓުވަން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންދާކަމަށް ފުލުހުން ބުނި ނަމަވެސް އެ އޮޕަރޭޝަންތައް ނުފެންނަ ކަމަށެވެ.

"ރާއްޖޭގައި މާރާމާރީ ހިނގަން މެދުވެރިވާ ސަބަބުތަކާއި އެކަން އިތުރުވަމުންދަނީ އެކަމަށް ހިތްވަރު ދޭ ބަޔަކު ތިބެގެން، އެކަމަށް މަގުފަހިކޮށްދޭ ބަޔަކު ތިބެގެން، ކޮންމެވެސް އެމީހުންގެ އަމިއްލަ ބޭނުމަކަށް، އެހެންވީމަ އެ ސުވާލުގެ ޖަވާބު އެއީ މާ އުނދަގޫ ޖަވާބެއް ނޫން، އެހެން ނަމަވެސް މިކަން އަޅުގަނޑުމެން ބަލައިގަނެގެން ނުވާނެ، އަޅުގަނޑުމެން ގައުމުގައި މިވަރަށް މާރާމާރީ ހިނގިޔަ ދީގެން ނުވާނެ، މި ވަރަަަކަށް ނޫން އެއްގޮތަކަށްވެސް ހިނގިޔަ ދީގެން ނުވާނެ، އެއްގޮތަކަށްވެސް މީހުން މެރިގެން ނުވާނެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން އިތުރަށް ވިދާޅުވީ ހަމައެކަނި ސަލާމަތީ ބާރުތަކުން މަސައްކަތްކޮށްގެން އެކަން ނުހުއްޓެވޭނެ ކަމަށާއި ރައްޔިތުންވެސް އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެކަމުގެ ޒިންމާ އެންމެ ބޮޑަށް ނަގަން ޖެހެނީ ސަލާމަތީ ބާރުތަކުންނާއި ސަރުކާރުން ކަމަށްވެސް ވިދާޅުވި އެވެ.

ތަރައްގީގެ ވާހަކަ ދައްކަމުންދާއިރު އެ ތަރައްގީގެ ފައިދާ ހާސިލްކުރާނެ ޒުވާނުން ނެތިއްޔާ ތަރައްގީގެ ބޭނުމެއް ނެތް ކަމަށެވެ.

"މީހުން މަރަމުންގޮސް މީހުން ހުސްވީމަ ކޮން ތަރައްގީއެއްތޯ، ކޮން މަދަރުސާއެއް ތޯ، ކޮން ހޮސްޕިޓަލްތަކެއްތޯ، ކޮން ވަޒީފާތަކެއްތޯ، ކޮން އެއާޕޯޓް ތަކެއްތޯ، ބޭނުމެއް ނެތެއް ނޫންތޯ، މި ހުރިހާ ތަނެއްގެ ބޭނުމަކީ އިންސާނުން ތިބެގެން އޭގެ ފައިދާ ހާސިލް ކުުރުން، އެކަމަކު މިހެންވީމަ ދެން ނެތޭ ތަރައްގީއެއް، އެންމެ ފުރަތަމަ ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުން، ގައުމު ރައްޔިތުންގެ ފުރާނަތަކާއި ގެދޮރު ސަލާމަތްވެފައި އޮތުން، އަމާން މާހައުލެއް ގާއިމްވެފައި އޮތުން، އޭގެ ފަހުން ތަރައްގީގެ ވާހަކަ ދައްކާނީ، އެހެން ނޫނިއްޔާ ވާނީ ޖޯކަކަށް،" މައުމޫން ވިދާޅުވި އެވެ.