ހަބަރު

ރައީސްގެ ދެކަނބަލުން މިރޭ އިސް ރަށްވެހިންނާ ބައްދަލުކުރައްވަނީ

ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް މިރޭ މާލޭގައި ދިރިއުޅޭ އިސް ރަށްވެހިންނާ ބައްދަލުކުރައްވަން ނިންމައިފި އެވެ. މި ބައްދަލުވުން އޮންނާނީ ރަސްފަންނުގަ އެވެ.

މިރޭ 8:30 ގައި ފަށާ މި ބައްދަލުވުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، މިރޭ އިސް ރަށްވެހިންނާއެކު ރައީސްގެ ދެކަނބަލުން ބާއްވަވާ ބައްދަލުކުރެއްވުމަކީ އެ ފަރާތްތަކުގެ ހާލު ބައްލަވައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށް ބާއްވަވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.

މުއާޒު ވިދާޅުވީ، އެ ބައްދަލުވުމަކީ ރައީސްގެ ދެކަނބަލުން އިސް ނަންގަވައިގެން ބާއްވަވާ ބައްދަލުވުމެއް ކަމަށާއި މިއީ ސިޔާސީ ހަރަކާރެއް ނޫން ކަމަށެވެ.

"މިއީ ވަކި ޕާޓީއެއްގަ މީހުންނާ ބައްދަލުކުރަން ބާއްވާ ހަރަކާތެއް ނޫން، މިއީ ގައުމީ ހަރަކާތެއް،" މުއާޒު ވިދާޅުވި އެވެ.

މީގެކުރިން ވެސް މިފަދަ ކާމިޔާބު ބައްދަލުވުމެއް ބާއްވާފައިވާކަން ފާހަގަކުރައްވަމުން މުއާޒު ވިދާޅުވީ، އާންމުކޮށް ހުޅުވާލައިގެން ރަސްފަންނުގައި މިރޭ އިސް ރަށްވެހިންނަށް ބާއްވާ ބައްދަލުވުމަށް އެންމެހާ އިސް ރަށްވެހިންނަށް ދައުވަތު ފޮނުވާ ކަމަށެވެ. އެ ބައްދަލުވުމަށް ހުރިހާ އިސް ރަށްވެހިންނަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

މުއާޒު ވަނީ މި ސަރުކާރުން އިސް ރަށްވެހިންނަށް ހާއްސަ ސަމާލުކަމެއްދޭކަން ފާހަގަކުރައްވާ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އިސް ރަށްވެހިންނަށް ދޭ އިނާޔަތް ބޮޑުކުރުމުން އާއިލާތަކަށް އުފާވެރިކަން ލިބިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި، އިސް ރަށްވެހިން އެ ލަފުޒު ގެނެސްދެއްވި ބާނީއަކީ ރައީސް ޔާމީންކަން ވެސް މުއާޒު ފާހަގަކުރެއްވި އެވެ.