ހަބަރު

ސައުދީ ކޯލިޝަނުން ވަކިވާން އެމްޑީޕީއިން ގޮވާލައިފި

Oct 7, 2017
2

ސައުދީ އަރަބިއްޔާއިން އިސްވެ ޔަމަނުގައި ކުރިއަށް ގެންދާ ގަތުލު އާންމާ ގުޅިގެން ސައުދީ އަރަބިއްޔާއިން އެކުލަވާލާފައިވާ އަސްކަރީ ކޯލީޝަން އދ. އިން ބްލެކް ލިސްޓު ކުރުމާއެކު ރާއްޖެ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލީޝަނުން މިހާރުން މިހާރަށް ވަކިވުމަށް އިދިކޮޅު އެމްޑީޕީއިން ސަރުކާރަށް ގޮވާލައިފި އެވެ.

ސައުދީ އަރަބިއްޔާއިން އެކުލަވާލާފައިވާ ކޯލީޝާނުން ކުރިއަށް ގެންދާ ގަތުލު އާންމުގައި މައުސޫމް ކުޑަކުދީންނާއި، އަންހެނުން އަދި އެތައްހާސް އާންމު ރައްޔިތުން މެރުމާއި، ރައްޔިތުން ދިރިއުޅޭ ހިސާބުތަކަށް ބޮން އެޅުމާއި މިފަދަ ލާއިންސާނީ ކަންކަން ކުރިއަށްގެންދާތީ، ފައިތުވީ ހަފްތާގައި އދ. ގެ ސެކެޓަރީ ޖެނެރެލް ވަނީ މި އަސްކަރީ ކޯލީޝަން ”ލަދު ލިސްޓު“ ގައި ހިމަނާފަ އެވެ. 24 އޯގަސްޓުގައި އދ. އިން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ސައުދީގެ ކޯލީޝަންގެ ރަޙްމެއްނެތް އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 700 ކުޑކުދިން މަރުވެ، 40 ސްކޫލާއި ހޮސްޕިޓާ ބިމާ ހަމަވެފައިވާ ކަމަށެވެ.

އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އދގެ "ލަދު ލިސްޓު“ ގައި ސައުދީގެ ކޯލީޝަން ހިމެނިގެންދިއުމާއެކު ރާއްޖެ ފެނިގެންދަނީ މުސްލިމް މައުސޫމް ތުއްތުކުދިންނާއި އަންހެނުންނަން އަނިޔާވެރި ހަމަލާދީ މަރަމުންގެންދިއުމުގެ ލަދުވެތި ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވާ ބައެއްގެ ގޮތުގަ ކަމަށެވެ. އެފަދަ ލާއިންސާނީ އަމަލުތައް ހިންގާ ބައެއްގެ ކޯލީޝަނަކާ ރާއްޖެއިން ގުޅިފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ދިވެހިރާއްޖެއަކީ ސުލްހައަށް ލޯބިކުރާ ގައުމަކަށްވީހިނދު، މިފަދަ އަނިޔާވެރިކަމެއް ކުރާ ބައެއްގެ މަސައްކަތްތަކަށް ހިތްވަރުދީ އަމަލީ ގޮތުން ސައުދީއިން ހިންގާ މިފަދަ ކަންކަމުގައި ބައިވެރިވުމުކީ ދިވެހި ދައުލަތުންނާއި ދިވެހި އަސްކަރިއްޔާއިން ކޮށްގެންވާނެ ކަމެއްނޫނެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ނަން ބޭރު ދުނިޔޭގައި އިތުރަށް ކިލަނބުވެ އެކަހެރިވެގެންދާނެއެވެ. ސިޔާސީ މަންފާއެއް ހާސިލްކުރުމަށް މިފަދަ ލާއިންސާނީ ކަންކަމުގައި ދިވެހި އަސްކަރިއްޔާ ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެކެވެ." އެމްޑީޕީއިން ބުންޏެވެ.

ޔަމަނުގެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާ މިވަގުތުގައި މުސްލިމް އަހުންނަށް އެހީތެރިވެ ދިނުމަކީ ދިވެހިންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އަނިޔާވެރި އަމަލުތައް ހިންގާ ބަޔަކާއެކު އެއްބަސްވެފައިވާ ކޯލީޝަނުން މިހާރުން މިހާރަށް ވަކިވުމަށް ގޮވާލާ ކަމަށް އެމްޑީޕީއިން ބަޔާން ނިންމާލަމުން ބުންޏެވެ.