ހަބަރު

ފެނުގެ އަގު ބޮޑު ވަނީ އެމްޑީޕީ ސަރުކާރުން ހިއްސާ ވިއްކާލުމުން: ޒަމީރު

Oct 8, 2017
8

ފެނުގެ ހިދުމަތުގެ އަގު ބޮޑުވެ، ބޮޑު އަގުގައި ފެން ވިއްކަން ޖެހިފައި ވަނީއެމްޑީޕީ ސަރުކާރުން ބޭރު ގައުމަކަށް އެމްޑާބްލިޔޫއެއްސީއަށް ހިއްސާ ވިއްކާލާފައިވާތީ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.

އެމްޑަބްލިޔޫއެސްސީގެ ފެން އުފައްދާ އާ މަރުކަޒު ނުވަތަ އާރްއޯ އެނެކްސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ ބޭރުގެ ކުންފުންޏަކަށް އެމްޑީޕީ ސަރުކާރުން އެމްޑަބްލިޔޫއެސްސީގެ ހިއްސާ ވިއްކާލި އިރު ކޮންޓްރެކްޓް ހަދާފައި އޮތީ އެއްވެސް ބަލައިލުމެއް ނެތި ހިއްސާގެ ރިޓާން ރޭޓު 12 ޕަސަންޓުގައި ދަމަހައްޓަންޖެހޭ ގޮތަށް ކަމަށެވެ.

"އެހެންވީމަ ފެނުގެ އަގު ދަށެއް ނުކުރެވޭނެއްނު ކިތަންމެ ހައި ވޮލިއުމެއްގައި ޕްރޮޑަކްޝަން އައިކަމުގައި ވިޔަސް، އަޅުގަނޑުމެން ރައްޔިތުންނަށް ދޭ ފެނުގެ ހިދުމަތުގެ އަގު ކުޑަކުރެވޭކަށް ނެތް އެމްޑީޕީ ސަރުކާރުން އޭރުގައި ހަދާފައި އޮތް ކޮންޓްރެކްޓްގެ ސަބަބުން، އައިއާރްއާރް މެއިންޓެއިން ކުރަން ޖެހޭ 12 ޕަސަންޓުގައި، ދެން ކިހިނެއްތޯ ފެނުގެ އަގު ހެޔޮ ކުރާނީ،" ޒަމީރު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުން މި ހިދުމަތް ދިނުމުގައި އެއްވެސް ވަރަކަށް ވިސްނާފައި ނުވާ ކަމަށާއި ކުންފުނީގެ 20 ޕަސަންޓަށްވާ 25 މިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލާފައިވަނީ ވެސް 16 މިލިއަން ޑޮލަރަށް ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި ހިއްސާ ވިއްކާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ހިއްސާ ވިއްކާލަން ހަދާފައިވާ ކޮންޓްރެކްޓްގެ ސަބަބުން ބޯޑް މީޓިން އެއްވެސް ބޭރު ކުންފުންޏާއި ނުލާ ނުބޭއްވޭ އިރު އެއްވެސް ކަހަލަ ޑިޒިޝަނެއްވެސް ނުނެގޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ ރަހުމަތްތެރި ގައުމެއް، އެ ގައުމާ ދެމެދު އޮންނަ ރަހުމަތްތެރި ގުޅުމުގެ ސަބަބުން ކޮންޓްރެކްޓް ޓާމިނޭޓް ކޮށްފައި ކޯޓަށް ދާށޭ ބުނެވޭކަށް ނެތް، ދެން ޖީއެމްއާރް ކޮންޓްރެކްޓް ގޮތަށް އަޅުގަނޑުމެން އެތައް މިލިއަނެއް ދީފައި ހިއްސާ ގަންނަންވީ،" ޒަމީރު ވިދާޅުވި އެވެ.

މިހާރު މި އޮތް އެއްބަސްވުމާއެކު ހުޅުމާލޭގައި ތަރައްގީކުތާ ޔޫތު ސިޓީއަށް ފެނުގެ ހިދުމަތް ދޭން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ހެޔޮ އަގުގައި ފެނުގެ ހިދުމަތް ނުދެވޭނެ ކަމަށް ވެސް ޒަމީރު ވިދާޅުވު އެވެ. ޒަމީރު އިތުރަށް ވިދާޅުވީ ރާއްޖެއަށް ފެނުގެ ހިދުމަތް ދިނުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ބޭނުންނުވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ރާއްޖޭގައި ހިންގާ ރިސޯޓުތައް ފާހަގަ ކުރެއްވި އެވެ.