ރާއްޖެ ޓީވީގެ އިމާރާތުގައި ހުޅުޖަހައި އަންދާލި ހާދިސާގައި ދައުލަތުން އެ ފަރާތަށް ދޭންޖެހޭ ހިމާޔަތް ދީފައި ނުވާ ކަމަށް ބުނެ ރާއްޖެ ޓީވީން ދައުލަތާ ދެކޮޅަށް މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. -- ރާއްޖެ ޓީވީގައި ހުޅުޖަހައި ރޯކޮށްލާފައި ވަނީ އޮކްޓޫބަރު 7، 2013 އިގަ އެވެ.
ސިވިލް ކޯޓަށް ރާއްޖެ ޓީވީ ހުށަހަޅާފައި ވަނީ އިހުމާލުގެ ސަބަބުން ވީ ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް އެދި އެވެ. ބަދަލުގެ ގޮތުގައި ހުށަހަޅާ ފައި ވަނީ 11.6 މިލިޔަން ރުފިޔާ ހޯދާށެވެ. ދައުވާގައި ބުނަނީ ރާއްޖެ ޓީވީގައި ހުޅުޖަހާ އަންދާލާފައި ވަނީ ދައުލަތުގެ ފަރާތުން، ފުލުހުން އެ ޓީވީއަށް ދޭންޖެހޭ ހިމަޔާތް ނުދީ އޮތުމުގެ ސަބަބުން ކަމަށާއި އެ އިހުމާލުގެ ސަބަބުން މާލީ ގޮތުން ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ.
ރާއްޖެޓީވީގެ ވަކީލް މުހައްމަދު ނިޝާން މިއަދު ވިދާޅުވީ، ރޯކޮށްލުމުގެ ކުރިން ރާއްޖެ ޓީވީއަށް އިންޒާރުތައް ލިބެމުންދާތީ، ފުލުހުންގެ ހިމަޔާތަށް ރާއްޖެޓީވީ އެދުނު ކަމަށާއި ނަމަވެސް އެ ރައްކާތެރިކަން ފުލުހުން ރާއްޖެޓީވީއަށް ފޯރުކޮށްދީފައި ނުވާއިރު ރާއްޖެޓީވީ ހިންގާ އޮފީހުގައި ހުޅު ޖަހައި އަންދާލައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށެވެ.
ނިޝާން ވިދާޅުވީ ލިބުނު ގެއްލުންތައް ބަލައި ހެދިއިރު އޮޑިޓުގައި 11 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާކަން ހާމަވާ ކަމަށެވެ. އެހެންކަމުން އެ ގެއްލުމުގެ ޒިންމާ ފުލުހުން ނަގަންޖެހޭނެ ކަމަށެވެ. ނިޝާން ވިދާޅުވީ، ކުށްވެރިން ހައްޔަރުކުރުމުގެ އިތުރުން ރައްޔިތުންގެ މުދާ ރައްކާތެރިކޮށްދިނުމަކީ ވެސް ފުލުހުންގެ މައްޗަށް ގާނޫނު އާސާސީއިން ލާޒިމުކުރާ ކަމެއް ކަމަށެވެ. އެހެންކަމުން ރާއްޖެޓީވީއަށް އިންޒާރުތައް ލިބެމުންދިޔަކަން އެންގުމުން ވެސް އެކަމަށް ފިޔަވަޅު ނޭޅުމަކީ އެ މުއައްސަސާގެ އިހުމާލެއް ކަމަށެވެ.
ސިވިލް ކޯޓަށް މިއަދު އެ މައްސަލަ ހުށަހެޅި މައްސަލަ މިހާރު ވަނީ ބަލައިގެންފަ އެވެ.
މި ދައުވާ ކުރި އިރު ރާއްޖެޓީވީގައި ރޯކޮށްލައި ގެއްލުންތަކެއް ދިން މުޖުރިމުން އިންސާފުގެ ކުރި މައްޗަށް ގެންގޮސްފައި ނުވާ ކަމަށް ބުނެ
އެ ޓީވީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.