ހަބަރު

ދެ މިލިއަން ދެއްކުން ފަސްކޮށްދޭން އެދުނު މައްސަލަ ބޭރުކޮށްލައިފި

ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމަށް އެދި ރާއްޖެޓީވީއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރާއްޖެޓީވީއިން ސިވިލް ކޯޓުގައި އެދުނީ އެ ޖޫރިމަނާއަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ ބޭރުން ކޮށްފައިވާ ޖޫރިމަނާއެއް ކަމަށް ގަބޫލުކުރާތީ އެ މައްސަލަ ބަލައި ނިމެންދެން ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމަށެވެ. ނަމަވެސް މިއަދު ސިވިލް ކޯޓުން ވަނީ އެ މައްސަލަ ރަޖިސްޓްރީ ކުރެވެން ނެތް ކަމަށް ކޯޓުން އަންގާފަ ކަމަށް ރާއްޖެޓީވީއިން ބުންޏެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް ރާއްޖެޓީވީއިން ނެރުނު ބަޔާނުގައި ބުނީ، ބްރޯޑްކާސްޓިން ކޮމިޝަނުން އެ ސްޓޭޝަން ހިތުހުރިހާ ގޮތަކަށް ޖޫރިމަނާ ކުރަމުން ދަނީ އިންސާފު ހޯދަން ރާއްޖެޓީވީއިން ދާނެ ތަނެއް ނެތްކަން އެ ކޮމިޝަނުން ގަބޫލުކުރާތީ ކަމަށެވެ. އަދި އެކަމަކީ އެ ސްޓޭޝަންގެ އިލެކްޝަން ކަވަރޭޖަށް ހުރަސް އެޅުމަށް ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ގެއްލުންވާ ފަދަ ވާހަކައެއް ދައްކައިގެން ކަމަށް ބުނެ ދެ މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވާއިރު އެއީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ އަދަދެވެ. އެ ގާނޫނުގައިވާ ގޮތުން ޖޫރިމަނާގެ މައްސަލަ ކޯޓަށް ހުށަހެޅޭނީ ނުވަތަ އިސްތިއުނާފު ކުރެވޭނީ ޖޫރިމަނާ ދެއްކުމަށްފަހު އެވެ.

ރާއްޖެޓީވީއިން ވަނީ އެ ފައިސާ ހަމަކުރުމަށް ފަންޑު ފޮއްޓެއް ވެސް ބަހައްޓާފަ އެވެ. މީގެކުރިން ވެސް ބޮޑެތި އަދަދުތަކުން ރާއްޖެޓީވީ ޖޫރިމަނާކުރި އެވެ. އެ ޖޫރިމަނާތައް ވެސް ގާނޫނުގައި ބުނާ 30 ދުވަހުގެ ތެރޭގައި ދެއްކި އެވެ. މައްސަލަތައް ކޯޓަށް ވެސް ވެއްދި އެވެ. ނަމަވެސް މިހާތަނަށް އެއިން މައްސަލައެއްގެ ޝަރީއަތެއް ނުނިމެ އެވެ.