ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ، އަދުރޭގެ އަތުން ގެއްލުމުގެ ބަދަލު ހޯދަން ރާއްޖެޓީވީއިން ސިވިލް ކޯޓުގައި ދައުވާކޮށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި މިދިޔަ މާޗް މަހުގެ ތެރޭގައި އަދުރޭ ސިލްސިލާ ގޮތުން ބާއްވަމުން ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއް ކުރައްވާފައިވެ އެވެ. އެގޮތުން ރާއްޖޭގެ އަމަންއަމާންކަން ނަގާލައި ރާއްޖެ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލަން އެ ސްޓޭޝަނުން މަސައްކަތް ކުރާ ކަމަށް ބުނެ ރާއްޖެޓީވީ ބަންދުކުރުމަށް ގޮވާލާފައިވެ އެވެ.
އޭގެފަހުން ބްރޯކާސްޓިން ކޮމިޝަންގެ ފަރާތުން ވެސް ރާއްޖެޓީވީއަށް އިންޒާރުތައް އައެވެ. އަދި ފުލުހުން ވެސް ރާއްޖެޓީވީއަށް ގޮސް އިންޒާރުދީފައިވެ އެވެ.
އަދުރޭ ވަނީ ރާއްޖެޓީވީގެ ދެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ވިޝާމާއި އާމިރު ސަލީމާ ގުޅޭ ގޮތުން ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަތަކެއް ދައްކަވާފަ އެވެ. އެ ދުވަސްވަރު ފުލުހުންގެ ޔުނީފޯމްގައި ތިބެ ބަޔަކު ސަރުކާރަށް އިންޒާރުދީ ނެރުނު ވީޑިއޯއަކާ ގުޅިގެން އެ ދެ ނޫސްވެރިން ހައްޔަރުކުރި އެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން އެ މައްސަލަ މިހާރު ވަނީ ފައިލްކޮށްފަ އެވެ.
ރާއްޖެޓީވީގެ ވަކީލް މުހައްމަދު ނިޝާން މިއަދު ވިދާޅުވީ އަދުރޭގެ އެފަދަ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ރާއްޖެޓީވީއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެހެންވެ އޭގެ ބަދަލުގެ ގޮތުގައި އެއް މިލިއަން ރިފިޔާ އަދުރޭގެ އަތުން ނަގައިދިނުމަށް ސިވިލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. އެ މައްސަލަ ކައުންޓަރުން މިއަދު ވަނީ ބަަލައިގެންފަ އެވެ.
ނިޝާން ވިދާޅުވި ގޮތުގައި ވިސާމާއި އާމިރު ސަލީމާ ގުޅޭ ގޮތުން އަދުރޭ ދެއްކެވި ވާހަކަތަކުގެ ސަބަބުން އެ ދެ ނޫސްވެރިންގެ އަބުރަށް ވެސް އަރައިގެންފައިވާ ކަމަށެވެ. އެހެންވެ އޭގެ ބަދަލު ނަގައިދިނުމަށް ވެސް މައްސަލާގައި އެދިފައިވާނެ ކަމަށް ނިޝާން ވިދާޅުވި އެވެ.