ޕޮލިޓިކްސް

ނިއުޕޯޓަށް ތަފާތު ކުރަނީ ފިކުރު ދިމާނުވާތީ: އަދުރޭ

Sep 29, 2019
4

ނިއު ޕޯޓް ވިއު ހިންގަމުން ގެންދިޔަ ބިން އަތުލައި، އެތަން ހިންގާ ކުންފުންޏާ މެދު ސަރުކާރުން ތަފާތު ކުރަނީ ފިކުރު ދިމާ ނުވާތީ ކަމަށް ބުނެ، އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ބްރިޖްގެ މަސައްކަތްތައް ނިމެންދެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލައި އެ ސަރަހައްދުގައި ވަގުތު ހޭދަކޮށްލާނެ ޕްލެޓްފޯމެއް ހެދުމަށާއި ރެސްޓޯރެންޓެއް ހިންގުމަށް ސްޓާރާޑާ ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 22، 2016 ގަ އެވެ. އެންމެ ފުރަތަމަ އެ ބިން އެ ކުންފުންޏަށް ތިން އަހަރަށް ހަވާލު ކުރި ނަމަވެސް ފަހުން އެ މުއްދަތު އަށް އަހަރަށް އިތުރު ކުރި އެވެ.

ނަމަވެސް އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި ދައްކަމުން ނުދިޔުމުގެ ސަބަބުން، މިދިޔަ މާޗް މަހު ޕްލޭނިންގް މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލު ކޮށްފަ އެވެ. އޭގެ ފަހުން ވެސް އެ ބިިން ސްޓްރާޑާ ކުންފުނިން ބޭނުން ކޮށްފައިވާ ކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި ޖޫރިމަނާގެ އިތުރުން ބަދަލު ނަގައި ދިނުމަށް އެދި ޕްލޭނިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރީ އެ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ބިން ހަވާލުކޮށް، ކުއްޔާއި، ޖޫރިމަނާގެ އިތުރުން ބަދަލުގެ ގޮތުގައި ޖުމްލަ 1،149،271 ރުފިޔާ ދައުލަތަށް ދެއްކުމަށެވެ. އެ ފައިސާ 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުންފުނިތަކާމެދު އަމަލު ކުރުމުގައި މި ސަރުކާރުން ތަފާތު ކުރުން ގެންގުޅޭ ކަމަށެވެ.

އެގޮތުން، ބިގް ކުންފުނީގެ އިތުރުން ދީބާޖާއަށް މި ސަރުކާރުން ބަދަލުދީފައި ވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ދީބާޖާ ވީމާ ބަދަލުދޭން ހަމަ އޯކޭ، ބިގް ވީމަ ބަދަލުދޭން ހަމަ ލާޒިމް، ނިއުޕޯޓް ވީމާ ފުނޑާލަން އޯކޭ، މިއީތޯ އެބުނާ ހައްގު މިންވަރަކީ ނޫނީ އިންސާފަކީ؟" ކޮންގްރެސް ޕާޓީގެ ރައީސް ވިދާޅުވި އެވެ.

އަދި މި ސަރުކާރުން ވިއްކި އެޖެންޑާ 19 ގެ ތަފާތަކީ ފިކުރު ދިމާނުވީމާ ހިތު ހުރި ގޮތަކަށް ކަން ކުރުންތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރާނެކަމަށް ސްޓްރާޑާ ކުންފުނިން ވަނީ ބުނެފަ އެވެ.