ޒިއުރިކް (ޑިސެމްބަރު 17) – ފީފާ ވޯލްޑް ކަޕް 2018 އަދި 2022ގެ ބިޑިން މަރުހަލާ އަށް އަމާޒުވި ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެމެރިކާގެ ގާނޫނީ ވަކީލް މައިކަލް ގާސިއާ ފީފާގެ އެތިކްސް ކޮމެޓީން އިސްތިއުފާ ދީފި އެވެ. ގާސިއާ އެތިކްސް ކޮމެޓީން އިސްތިއުފާ ދިނީ އޭނާ ކުރިއަށް ގެންދިޔަ ތަހުގީގުގެ ރިޕޯޓް އާންކުރުމުގައި ފީފާ އިން އަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.
ގާސިއާ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފީފާގެ ހިންގުންތެރިންގެ ގާބިލްކަމެއް ނެތް ކަމަށާއި ފީފާގެ އެތިކްސް ކޮމެޓީގައި ހިމެނޭ ޖަރުމަންގެ ފަނޑިޔާރު ޔަކީމް އެކާޓްއާމެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ފީފާގެ އެތިކްސް ކޮމެޓީ އަށް ގާސިއާ އައްޔަންކުރީ 2012 ވަނަ އަހަރެވެ. ގާސިއާ ކޮމެޓީ އަށް އައްޔަންކުރީ 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބިޑިން މަރުހަލާ އަށް އަމާޒެވެފައިވާކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގުކުރުމަށެވެ. ރަޝިއާ އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ބިޑް ކާމިޔާބުކުރިއިރު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑް ކާމިޔާބުކުރީ ގަތަރުންނެވެ.
ގާސިއާ ތަހުގީގު ނިންމާލުމަށް ފަހު، ސެޕްޓެމްބަރު މަހު ފީފާ އަށް 430 ސަފުހާގެ ރިޕޯޓެއް ފީފާ އަށް ހުށަހެޅި އެވެ. މިދިޔަ މަހު ފީފާ އިން ގާސިއާގެ ރިޕޯޓްގެ ހުލާސާ ރިޕޯޓެއް ވަނީ ނެރިފަ އެވެ. ސާޅީސް ދެ ސަފުހާގެ ހުލާސާ ރިޕޯޓްގައިވާ ގޮތުން 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ބިޑިން މަރުހަލާ އަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް ސާބިތުކުރެވޭ ވަރުގެ ހެކިތަކެއް ތަހުގީގުން ލިބިފައެއް ނުވެ އެވެ.
އެހެން ނަމަވެސް، ފީފާގެ ހުލާސާ ރިޕޯޓްގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި ހުލާސާ ރިޕޯޓްގައި އެކުލަވާލާފައިވަނީ އެންމެ ރަނގަޅު ގޮތަށް ނޫން ކަމަށް ބުނެ ގާސިއާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ހުލާސާ ރިޕޯޓްގެ މައްސަލަ ގާސިއާ ފީފާ އަށް އެޕީލްކުރި ނަމަވެސް، ފީފާ އިން ވަނީ އޭނާގެ އެޕީލް ގަބޫލްނުކޮށްފަ އެވެ. ގާސިއާ އެތިކްސް ކޮމެޓީން އިސްތިއުފާ ދިނީ ފީފާ އިން އޭނާގެ އެޕީލް ގަބޫލްކުރަން ދެކޮޅު ހެދިތާ އެއް ދުވަސް ފަހުންނެވެ.
ގާސިއާ ބުނީ އޭނައާމެދު ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ފީފާގެ އެގްޒެކުޓިވް ކޮމެޓީން ޑިސެމްބަރު މަހު ވެސް މަސައްކަތްކުރި ކަމަށެވެ. އެކަމަކު އެ މަސައްކަތް ނާކާމިޔާބުވީ ފީފާގެ ޑިސިޕްލިނަރީ ޕެނަލްގެ ޗެއާމަން އެކަމާ ދެކޮޅު ހެއްދެވުމުން ކަމަށެވެ.