ލައިފްސްޓައިލް

ނުރުހުނަސް ފިރިހެނުންނަށްވުރެ ދީލަތީ އަންހެނުން!

Oct 12, 2017

މި ވާހަކަ ދައްކާ އިރަށް ފިރިހެނުންގެ ރުޅި ސަތޭކައަށް އަރާނެކަން ޔަގީނެވެ. އެމީހުން އަބަދުވެސް ދައްކާނީ އަންހެނުންގެ ހަރަދު ބޮޑު ވާހަކަ އާއި ކުރާ ބޭކާރު ހަރަދު ތަކުގެ ވާހަކަ އެވެ. އަދި ފިރިހެނުން އަންހެނުންނަށް ކުރަންޖެހޭ ހަރަދުތަކުގެ ބޮޑު ވާހަކަ އެވެ. އެހެންވީމާ ދީލަތީ ވާނީ ފިރިހެނުން ކަމަށް އެމީހުން ދައުވާ ކުރާނެ ނޫންހެއްޔެވެ؟

އެންމެން ވެސް ގަބޫލު ކުރާ ގޮތަށް މީހުންނަށް އެހީތެރިވުމާއި ދީލަތި ކަމުގެ ރީތި ސިފައަކީ އިންސާނުން އުފަންވާ ހިސާބުން ވެސް އެމީހުންގެ ގައިގައި ލައްވާފައިވާ ސިފަ އެކެވެ.

ނަމަވެސް މި ވާހަކަތައް ބާއްވާފައި ސައިންސް ބުނާ ވަހަކައެއް އެނގޭ ހެއްޔެވެ؟ ސައިންސް ބުނަނީ ދީލަތިވުމުގައި ޖެނެޓިކްސް މުހިންމު ރޯލެއް ކުޅޭ ކަމަށެވެ. އެގޮތުން ދީލަތި ވުމުގެ ސިފަ އަންހެނުންގެ ގައިގަ ހުންނަ ވަރު ފިރިހެނުންނަށްވުރެ ބޮޑެވެ.

ދަ ގާޑިއަންގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޫހާއި މީހުންނާއި ގުޅިގެން އުޅުމާއި އެީތެރިވެދިނުމުގެ އާދަ އަންހެނުންގެ ގައިގަ ފިރިހެނުންނަށްވުރެ ބޮޑެވެ. މިއީ އަންހެނުން އުފެދުމުގައި އެމީހުންގެ ތޮބީއަތުގައި ވެސް ހުންނަ އާދައެއް ކަމަށް ވެއެވެ.

މި ބަދަލު އަންނަ ސަބަބެއް ކަމަށް ވަނީ ސިކުނޑިން ފޮނުވާ މެސެޖް ތަކެވެ. އެގޮތުން މީހުނަށް އެހީތެރިވާން ފިރިހެނުންގެ ސިކުނޑިން ފޮނުވާ މެސެޖަށްވުރެ ބޮޑަށް އަންހެނުންގެ ސިކުނޑިން އެ މެސެޖް އަވަހަށް ނަގައިގަނެ އެވެ.

ފިރިހެނުން ކިތަންމެ ތުންފިންތައިގެން ތިބެ ސައިންސް ގޯސް ކުރިނަމަ ވެސް އެމީހުން މިވަނީ މިވާހަކަ އަށް ބާރުދީ އެތައް ތަހުލީލުތަކެއް ވެސް ހަދާފަ އެވެ. ޖަރުމަނާއި އާއި ސްވިޒަލެންޑްގެ އިތުރުން ނެދަލެންޑްގެ މީހުން ބައިވެރިކޮށްގެން ދެ ދިރާސާއެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން އަންހެނުންނަށް ލިބޭ ފައިސާ އެހެން މީހުންނަށް ދިނުމުގައި ދީލަތިކަން ހުރި ވަރު ބަލާ ދިރާސާކޮށްފައިވެ އެވެ. އަދި ހަމަ ފިރިހެނުންގެ ދީލަތިކަން ހުރި ވަރު ވެސް ބަލާފައި ވެއެވެ.

އެގޮތުން މީހުންނަށް އެހީތެރިވުމާއި ހިލޭ ސާބަހަށް އެހީތެރިވެދިނުމުގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ދީލަތިކަން ބޮޑު ކަމަށް އެ ތަހުލީލުތަކުން ވެސް ވަނީ ދައްކާފަ އެވެ.

އެހެންވީމަ ދީލަތިވުމުގެ މައްސަލައިގަ އަންހެނުން ކުރި ހޯދުމުން އެކަމުގެ ޒިންމާއާ ހަވާލުވާނީ ޖެނެޓިކްސް އެވެ. މިއީ ފިރިހެނުން ރުޅި އަންނަން ވީ ކަމެއް ނޫނެވެ. އަމިއްލަ އަށް ވިސްނާލާފައި ބުނެބަލާށެވެ. އަނބިމީހާގެ ދީލަތިކަން ބޮޑެއް ނޫންހެއްޔެވެ؟