ހަބަރު

އެއާމޯލްޑިވްސް އާއި އެފްޕީއައިޑީގެ މައްސަލަ ކޮމިޝަނުން ބަލަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިނގާފައިވާ އެފްޕީއައިޑީގެ ބޮޑު ކޮރަޕްޝަނާއި ރާއްޖޭގެ ގައުމީ އެއާލައިން އެއާމޯލްޑިވްސް ބަގްރޫޓްވި މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނުން އަލުން ދިރާސާ ކުރަން ފަށައިފި އެވެ.

މިއީ ކުރީގެ ރައީސް މައުމޫން އާއި އެމަނިކުފާނުގެ އަރިސްބޭފުޅުންގެ މައްޗަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ މައްސަލަތަކެކެވެ. އެގޮތުން އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އޭރުގެ ޓްރޭޑް މިނިސްޓަރު އަދި އެސްޓީއޯ އާއި އެފްޕީއައިޑީ ހިންގެވުމާ ހަވާލުވެ ހުންނެވި އިލްޔާސް އިބްރާހިމަށެވެ. ނަމަވެސް އިލްޔާސްއާ ދެކޮޅަށް އެ މައްސަލާގައި ޝަރީއަތް ހިންގާފައެއް ނުވެ އެވެ.

އެސެޓްސް ރިކަވަރީ ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަޒްލީން ވިދާޅުވީ، އެ ދެ މައްސަލާގައި އެކަނި ވެސް ދައުލަތަށް ވަރަށް ބޮޑު އަދަދެއްގެ ފައިސާ ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލް ގުޅިގެން ދައުލަތަށް ގެއްލިފައިވާ ފައިސާއެއް ހުރިނަމަ އެ އަނބުރާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ދެ މައްސަލާގައި ދައުލަތަށް ގެއްލިފައިވާ ފައިސާގެ އަދަދު އެހެން ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވާނެ ކަމަށެވެ.

ކޮމިޝަނުން މިހާރު ބަލަމުން ގެންދަނީ 1999 އިން ފެށިގެން މިފަހުން ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ކަމަށެވެ. އަދި އޭގެ ކުރީގެ މުސްކުޅި މައްސަލަތައް ވެސް ބަލަމުން އަންނަކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ބައެއް މުއައްސަސާތަކުގައި ވަރަށް ގިނަ މައްސަލަތައް ޕާކްކޮށްފައި ހުރި ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތް ކޮށްފައި ނެތް ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކޮމިޝަނުން މައްސަލަތައް ބެލުމުގައި ދެ ކެޓަގަރީއެއް ގެންގުޅޭ ކަމަށެވެ. އެއީ ފަސް މިލިއަނުން ދަށުގެ މައްސަލަތަކާއި އެއަށް ވުރެ މަތީ އަދަދުތަކުގެ މައްސަލަ ކަމަށެވެ. ކޮމިޝަނުން މިވަގުތު ބަލަމުން އަންނަނީ ފަސް މިލިއަނުން މަތީގެ މައްސަލަތަކެވެ.