ކުރީ ސަރުކާރުގެ ހިޔާނާތްތައް ބެލުމަށް މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ މަަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އާންމު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައިވަނީ މިހާރު އުވާލާފައިވާ އެ ކޮމިޝަނުން ކޮށްފައިވާ މަަސައްކަތްތަކުގެ ތަފްސީލް ހޯދުމަށް އާންމު ފަރާތަކުން އެދުމާއި ގުޅިގެން އެ ފަރާތަށް ދިން ޖަވާބު ގައެވެ. މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދުމުން ރަައީސް އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމާއި ހަމައަށް އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އާންމު ކުރުމަށް ނިންމާފައިވާ ކަަމަށެވެ.
އަދި އެ ރިޕޯޓް އާންމު ކުރުމުން ކޮމިޝަނުން ކޮށްފައިވާ މަަސައްކަތްތަކުގެ ތަފްސީލް ލިބޭނެ ކަމަށެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަކީ ޖަނަވަރީ، 1 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަހުގީގު ކުރުމުގެ ނަމުގައި އުފެއްދި ކޮމިޝަނެކެވެ.
އެ ކޮމިޝަން ރައީސް ސޯލިހް އުފެއްދެވީ ވެެރިކަމުގެ ފުރަތަމަ ދުވަހު ނޮވެންބަރު 17، 2018 ވީ ހޮނިހިރު ދުވަހު އެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 14/2018 އިން އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މާޗް 17، 2022 ގައި އުވާލައްވާފައެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އުފައްދާފައިވާ މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަށް މިދިޔަ އަހަރުގެ ނިޔަލަށް 15.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މި ދެ ކޮމިޝަނަށް ކުރި ހަރަދުތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ހަަރަދެއް ކޮށްފައިވަނީ ކޮމިޝަންގެ މެމްބަރުންގެ މުސާރަ އަށެވެ. އެގޮތުން 2018 އިން ފެށިގެން މިދިޔަ ނޮވެމްބަރުު މަހުގެ ނިޔަަލަށް އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުންގެ މުސާރަ އަށް 9.1 މިލިއަން ރުފިޔާ އަދި މަރު ކޮމިޝަންގެ މެމްބަރުންގެ މުސާރަ އަށް 4.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށެވެ. އެ ކޮމިޝަނަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.